ޑުބާއީގެ ވެރިޔާގެ ނައިބް ޝައިޚް ހަމްދާން ބިން ރާޝިދު އަލް-މަޚްތޫމް އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 75 އަހަރުގެ ޝައިޚް ހަމްދާންއަކީ، ޑުބާއީގެ ވެރިޔާގެ ނައިބުގެ އިތުރުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް ސަރުކާރުގެ މާލީ ވަޒީރުވެސް މެއެވެ. ޝައިޚް ހަމްދާން ޔޫއޭއީގެ މާލީ ވަޒީރުކަން ކުރައްވަނީ 1971 ވަނަ އަހަރުން ފެށިގެންނެވެ.

ޝައިޚް ހަމްދާން މިއަދު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ގައުމުން ބޭރުގައި ސާޖަރީއެއްވެސް ކުރައްވާފައި ވެއެވެ.

ޝައިޚް ހަމްދާން އަވަހާރަވީ ކޮން ކަހަލަ އާލާސްކަންފުޅެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޝައިޚް ހަމްދާންއަކީ ޑުބާއީގެ މިހާރުގެ ވެރިޔާ ޝައިޚް މުހަންމަދު ބިން ރާޝިދު އަލް-މަޚްތޫމްގެ ބޭބޭފުޅެވެ.

ޝައިޚް ހަމްދާން އަވަހާރަވުމާ ގުޅިގެން ޑުބާއީގައި މިހާރުވަނީ ގައުމީ ހިތާމައިގެ 10 ދުވަސް އިއުލާންކޮށްފައެވެ. އަދި މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން ސަރުކާރުގެ ހުރިހާ އޮފީހެއް ބަންދުކުރުމަށްވެސް ނިންމާފައި ވެއެވެ.

ޑުބާއީ މީޑިއާ އޮފީހުން ބުނެފައިވަނީ، ކޮވިޑް ބަލިމަޑު ހާލަތާ ގުޅިގެން ޝައިޚް ހަމްދާންގެ ޖަނާޒާގައި ބައިވެރިވެވަޑައި ގަންނަވާނީ އާއިލާގެ މެމްބަރުން އެކަނި ކަމަށެވެ.

ޑުބާއީއަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ފެޑެރޭޝަންގައި ހިމެނޭ 7 ރަށުގެ ތެރެއިން އެއް ރަށެވެ. ޑުބާއީއަކީ ވިޔަފާރިއާއި ފަތުރުވެރިކަމުގައި މެދުއިރުމަތީގެ އެންމެ ފުންނާބުއުސް ރަށްވެސް މެއެވެ.