ކޮވިޑް-19 ވައިރަހުގެ މުޅިން އައު ވޭރިއެންޓެއް އިންޑިއާއިން ފެނިއްޖެ ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓް ކޮށްފިއެވެ.

މި ވޭރިއެންޓް، އިންޑިއާގެ ހުޅަނގުގެ މަހާރަޝްޓްރާ ސްޓޭޓުން 200 އަށްވުރެ ގިނަ މީހުންގެ ސާމްޕަލްއިން ފެނިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މަހާރަޝްޓްރާ ސްޓޭޓަކީ ކޮވިޑްބަލީގެ ހާލަތު މިހާރު ވަރަށް ބޮޑަށް ގޯސްވެފައިވާ ސްޓޭޓެކެވެ. މަހާރަޝްޓްރާގެ އިތުރުން، ކެރަލާއާއި ޕަންޖާބްގައިވެސް ބަލީގެ ހާލަތު ދަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ.

އެހެން ނަމަވެސް، ސިއްހީ އޮފިޝަލުން ވިދާޅުވީ، މަހާރަޝްޓްރާ، ކެރަލާ، ޕަންޖާބް އަދި އެހެން ސްޓޭޓްތަކުގައި އަލަށް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދަނީ އަލަށް މިފެނު ވޭރިއެންޓްގެ ސަބަބުން ކަމަށް ބުނެވޭ ވަރަށް، ގިނަ ބައެއްގެ ގައިން މި ވޭރިއެންޓް އަދި ފެނިފައި ނުވާކަމަށެވެ.

އަލަށް ފެނުނު ވޭރިއެންޓް އިންޑިއާގެ އެޕިޑެމިއޮލޮޖިސްޓުން ސިފަ ކުރައްވާފައިވަނީ "ޑަބަލް މިއުޓެންޓް" ގެ ގޮތުގައެވެ. އެއީ، އަލަށް ފެނުނު ވޭރިއެންޓަކީ ކުރިން ފެނިފައިވާ ދެ ވޭރިއެންޓާ އެއްގޮތް ސިފަތަކެއް ހުރި ނަމަވެސް، މުޅިން އައު ވޭރިއެންޓެއް ކަމަށް ވުމުންނެވެ.

"ޑަބަލް މިއުޓެންޓްއަކީ ސައިންޓިފިކް ބަހެއްނޫން. މިއީ ހަމަ އިންޑިއާއަށް މުޅިން އައު ވޭރިއެންޓެއް" ރާމަނަން ލަކްޝްމީނަރަޔާން / ސެންޓަރ ފޮރ ޑިޒީޒް ޑައިމަނިކްސް، އިކޮނޮމިކްސް އެންޑް ޕޮލިސީގެ ފައުންޑަރ

އޭނާ ވިދާޅުވީ، އިންޑިއާއިން އަލަށް ފެނުނު ކޮވިޑް ވައިރަހުގެ ވޭރިއެންޓާމެދު އަދި ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށާއި، ސަބަބަކީ، މިހާތަނަށް ފެނިފައިވާ ވޭރިއެންޓްތަކަށްވުރެ އަލަށް މިފެނުނު ވޭރިއެންޓުން ބަލިޖެހުން އިތުރުވެ ނުވަތަ މި ވޭރިއެންޓް އިތުރަށް ނުރައްކާ ކަމުގެ ހެއްކެއް އަދި ނެތުމުން ކަމަށެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ ޑީޒީޒް ކޮންޓްރޯލްގެ ޑިރެކްޓަރ ސުޖީތު ކުމާރު ސިންގް، ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، އައު ވޭރިއެންޓް ފެނުނު ސާމްޕަލްތަކުގެ ތެރެއިން ގާތްގަނޑަކަށް %20 ސާމްޕަލްއަކީ މަހާރަޝްޓްރާގެ ނާގްޕޫރުން ނަގާފައިވާ ސާމްޕަލް ކަމަށެވެ.

ނާގްޕޫރަކީ ކޮމާޝަލް އަދި ލޮޖިސްޓިކްސްގެ މައި ހަބެކެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ ޑީޒީޒް ކޮންޓްރޯލްގެ ޑިރެކްޓަރ ސުޖީތު ކުމާރު ސިންގް:

ސުޖީތު ކުމާރު ސިންގް ވިދާޅުވީ، މި ވޭރިއެންޓް އިންޑިއާގެ އެކި ހިސާބުތަކަށް ފެތުރެމުންދާ ކަމަށާއި، އައު ވޭރިއެންޓް ވެރިރަށް ނިއުދިއްލީގެ 9 މީހެއްގެ ގައިންވެސް ފެނިފައިވާ ކަމަށެވެ. އަދި އިތުރު 16 ސްޓޭޓަކާއެކު ޖުމްލަ 18 ސްޓޭޓުން މިހާތަނަށް އައު ވޭރިއެންޓް ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ ސިއްހަތާބެހޭ އޮފިޝަލުން ވިދާޅުވަނީ، އިންޑިއާ ސަރުކާރުން އެޕްރޫވްކޮށް އިންޑިއާގައި ޖަހަމުންދާ ދެ ވެކްސިނަށްވެސް ޔޫކޭއާއި ބްރެޒިލްއިން ފެނިފައިވާ ކޮވިޑް ވައިރަހުގެ ވޭރިއެންޓް ގުޑާ ކަމަށެވެ. ނުވަތަ އެ ވޭރިއެންޓުން ދިފާއުކޮށްދޭ ކަމަށެވެ.

އިންޑިއާގައި ޖަހަމުން ގެންދަނީ އޮކްސްފޯޑް/އެސްޓްރަޒަނެކާއިން ތަރައްގީކޮށް އިންޑިއާގެ ސިރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިނާއި، އިންޑިއާގެ ބާރަތު ބަޔޯޓެކުން ތަރައްގީކޮށް އުފައްދާފައިވާ ވެކްސިނެވެ.

ވެކްސިން ޖެހުން މެނުކެނޑި ކުރިއަށްދިޔަ ނަމަވެސް އިންޑިއާގައި މިހާރުދަނީ، ދުވަހެއް ދުވަހަކަށް، އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންނެވެ. އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރަކީވެސް ނޮވެމްބަރުގެ ފަހުން އެއްދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ މީޙުން އަލަށް ޕޮޒިޓިވްވި ދުވަހެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 47،262 މީހުން އަލަށް ޕޮޒިޓިވް ވެފައިވާއިރު، އިންޑިއާއިން މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު މިހާރުވަނީ 11.7 މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ބަލީގައި 275 މީހުން މަރުވުމުން، މިއީ، މިއަހަރުގެ ތެރޭގައި އެއްދުވަހެއްގައި މިހާ ގިނަމީހުން މަރުވި ފުރަތަމަ ފަހަރަށް ވަނީ ވެގެންގޮސްފައެވެ.

މިހަފްތާ ބަންދުގައި އިންޑިއާގައި ހޮލީ ފާހަގަކުރާއިރު، އިންޑިއާގެ ގިނަ ސްޓޭޓްތަކުން މިހާރުވަނީ ގިނަމީހުން އެއްތަންވުން މަނާކޮށްފައެވެ.