ބަތަލާ ކަންގަނާ ރަނާވަތްގެ އެންމެ އުއްމީދީ އެއް ފިލްމު "ތަލައިވީ"ގެ ޓްރެއިލަރ ރިލީޒްއާއެކު ފިލްމު ރިލީޒްކުރާނެ ތާރީޚް އިއުލާނުކޮށްފިއެވެ.

ކަންގަނާގެ 34 ވަނަ އުފަންދުވަހާ ދިމާކޮށް ފިލްމުގެ ޓްރެއިލަރ އާއްމުކޮށްފައިވާއިރު މިފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 23ވަނަ ދުވަހުއެވެ.

ކަންގަނާ އެފިލްމަކަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާ ފިލްމު "ތަލައިވީ" އަކީ 2016 ވަނަ އަހަރު އަވަހާރަވީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ޖަޔަލަލީތާއަކީ އޭނާގެ ޒުވާން އުމުރުގައި މުނިފޫފިލިވުމުގެ ދާއިރާގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ފަންނާނެކެވެ.

އޭގެފަހުން އޭނާ ސިޔާސީ ހަޔާތާއި ގުޅި އެމައިދާނުގައި ފައިތިލަ ސާބިތުކުރުމަށް ކުރި މަސައްކަތާއި ވެފައިވާ ގުރުބާނީތައް މިފިލްމުގައި ވަރަށް ރަގަޅަށް ދައްކުވައިދޭނެކަމަށް ފިލްމުގެ ޕްރޮޑިއުސަރވަނީ ބުނެފައެވެ.

މިފިލްމު ކުޅުމަށް ކަންގަނާވަނީ އޭނާގެ ހަށިގަނޑަށްވެސް އެކިފަހަރުމަތިން ފިލްމުގެ ކެރެކްޓަރއާއި އެއްގޮތަށް ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ޖަޔަލަލީތާގެ ޒުވާން ދުވަސްވަރުގެ ބައިތައް ކުޅެން އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ލުއިކޮށްފައިވާއިރު، ޖަޔަލަލީތާގެ ސިޔަސީ ހަޔާތުގެ ދުވަސްވަރުގެ ބައިތައް ގެނެސްދިނުމަށް ކަންގަނާވަނީ އޭނާގެ ބަރުދަން އިތުރުކޮށްފައެވެ.

މީގެއިތުރަށް ފިލްމުގައި ގެނެސްދޭ އިންޑިއާގެ ސްޓޭޓް ޓެމިލް ނާޑޫގެ ކެރެކްޓާއާއި އެއްގޮތަށް އެބަހުރުވައިން ވާހަކަ ދެއްކުމަށްވެސް ބަތަލާވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މިއަހަރު ނެރޭނެ އެންމެ އުއްމީދީ އެއްފިލްމަކީ މިއީ ކަމަށް ގިނަބަޔަކު ގަބޫލުކުރާއިރު މިފިލްމުގެ ޓްރެއިލަރ ރިލީޒްކޮށްފައިމިވަނީ ބަތަލާ ކަންގްނާއަށް މިއަހަރުގެ ނޭޝަނަލް އެވޯޑް ލިބޭނެކަމަށް މިދިޔަ ހޯމަދުވަހު އިއުލާނުކޮށްފައި ވަނިކޮށެވެ.

ކަންގަނާގެ ފިލްމީ ކެރިއަރުގައި އޭނާ ހާސިލުކުރި ހަތަރުވަނަ ނޭޝަނަލް އެވޯޑް މިފަހަރު އޭނާއަށް ލިބިފައިވަނީ މިދިޔަ އަހަރު ނެރުނު ފިލްމު "ޕަންގާ" އާއި 2019 ވަނަ އަހަރު ރިލީޒްކުރި އޭނާގެ ފިލްމު "މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ"އިންނެވެ.

ފިލްމުގެ ޓްރެއިލަރ ރިލީޒްކުރުމާއެކު ފިލްމުގެ ޑައިރެކްޓަރު އޭއެލް ވިޖޭ ބުނެފައިވަނީ މިފިލްމަކީ ބަތަލާ ކަންގަނާގެ ހަޔާތުގެ ފަސްވަނަ ނޭޝަނަލް އެވޯޑް ހާސިލްކުރުމަށް މަގުފަހިވެގެންދާނެ ފިލްމެއް ކަމަށެވެ.

"ތަލައިވީ" ގެ ކާސްޓުން ކަންގަނާއާ އެކު ފެންނާނެ ތަރިންގެ ތެރޭގައި އަރުވިންދު ސްވާމީ، ބަގިޔާޝްރީ، މަދޫ، ޕްރަކާޝް ރާޖް، ޖިއްޝޫ ސެންގުޕްތާ އަދި ޕޫރްނާ ހިމެނެއެވެ.

މިފިލްމުގެ ފަހުން ވެސް ބެލުންތެރިންނާ ހަމައަށް އަންނަން އޮތީ ކަންގަނާގެ ވަރަށް ވަރުގަދަ ދެ ފިލްމެކެވެ. އެއީ އެކްޝަން ރޯލަކުން ފެނިގެންދާނެ "ދާކަޅް" އާއި ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލުން ފެންނާނެ "ތޭޖާސް" އެވެ.

https://www.instagram.com/p/CMwKyvrBlGw/