****
(18 މާޗް 2021 އާ ގުޅޭ)
މިގޮތުން އެއްދުވަހު ހަވީރު ޝާލިނީ އެކަނިމާއެކަނި އަތިރިމަތީގައި ހުރި ޖޯއްޔެއަށްގައި ފިކުރު ބޮޑުވެފައި އޮއްވާ ނާއިލްގެ ކޮއްކޮ ފިރާޒު އެތަނަށް އައެވެ. ފިރާޒުއަށް ޝާލިނީ ފެނުމުން ޝާލިނީގެ މޫނަށް ވެރިވެފައިވާ ހިތާމަވެރިކަން ފެނި ސުވާލު އުފެދުނެވެ. އަދި ބުންޏެވެ. ޝާލިނީ އަދިވެސް ހިތާމަކުރަނީ ހެއްޔެވެ. ދިރިއުޅުން ކިހިނެއް ހެއްޔެވެ.
މިހެން ބުނުމުން ޝާލިނީއަށް ރޮވިއްޖެއެވެ. އަދި ފިރާޒުއަށް ކަމެއްގޯސްވެގެން އުޅޭހެން ހީވާން ފެށިއެވެ. އެހެންކަމުން ޝާލިނީގާތު ވެގެން އުޅޭގޮތެއް ސާފުކުރެވޭތޯ މަސައްކަތް ކުރިއެވެ. އަދި ފިރާޒަކީ ޝާލިނީއަށް ހަމްދަރުދީވާނެ މީހެއްކަމަށް ބަލައި ޝާލިނީ އެ ވާހަކަތައް ފިރާޒަށް ކިޔައިދޭން މަސައްކަތް ކުރިއެވެ.
ރޭގަނޑު ދަންވަރު ގޭގައި ބަޔަކު ސިއްރުން ވާހަކަ ދައްކާ އަޑުތައް އިވޭކަމަށާއި، ނިޒާމްއަކީ ރުޅިގަދަ މީހެއްކަމާއި، އޭނަ ނުހުރޭ ކަމެއް ކުރިޔަސް އަނިޔާކުރާ ކަމަށް ޝާލިނީ ބުންޏެވެ. އަދި ނިޒާމް އުޅޭގޮތެއް ބަލައި ދިނުމަށް ފިރާޒުގެ ކިބައިން އެދުނެވެ. ފިރާޒު މިކަމަށް އެއްބަސްވިއެވެ. އެއީ ބޭބެގެ ހައްޤުގައެވެ. ބޭބެވެސް މަރާލީ ކާކުކަންވެސް އަދިވެސް ޔަޤީން ނުވާތީއާއި އެކުގައެވެ. ދެމީހުން އޮލަ ވާހަކައިގައި ތިއްބާ އެ މަންޒަރު ނިޒާމަށް ފެނުނެވެ. އަދި ވަގުތުން އެތަނަށް ގޮސް ޝާލިނީގެ އަތުގައި ހިފައި ދަމަމުން ކަހަލަގޮތަކަށް ގޮސް ގެއަށް ވަނެވެ. އެ މަންޒަރު ބަލަން ފިރާޒު ހުއްޓެވެ. އަދި އިރުކޮޅަކުން އެނބުރި ހިނގައްޖެއެވެ.
ޖެހިގެން އައި ރެއެވެ. ނިޒާމު ގޭގައި ނޫޅޭ ވަގުތު ބަލާފައި ޝާލިނީ އޭނާގެ މަންމަގެ ކައިރިއަށް ދިޔައެވެ. އަދި މަންމަ ފެނުމުން ދެރަވެގެން މަންމަގެ ގައިގައި ބައްދާލިއެވެ. ޝާލިނީ ދެރަވެފައި، އަދި މީހާ މިލާ މޯޅިވެފައި ހުރިތަން ފެނުމުން ޝާލިނީ މަންމަ ދެރަވިއެވެ. އަދި ވީގޮތެއް އޮޅުން ފިލުވިއެވެ.
ޝާލިނީ މިވާހަކަތައް އޭނާގެ މަންމައަށް ކިޔައިދެމުން ދިޔައެވެ. އަދި ކޮންމެ ހާލެއްގައި އުޅެން ޖެހުނު ނަމަވެސް އެއްވެސް މީހެއްގާތު މިވާހަކަތައް ނުބުނުމަށް އެދުނެވެ. ޝާލިނީގެ އެދުމުގެ މަތިން އޭނާގެ މަންމަ ވަހީދާ އެކަން ސިއްރު ކުރިއެވެ. ޝާލިނީގެ ބައްޕައަކަށްވެސް އެކަމެއް ނާންގައެވެ.
އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. ނިޒާމްއާއި އިތުރު ދެމީހަކު ސައިކަލެއްގައި ނިޒާމް ދިރިއުޅޭ ގެއާއި ދިމާލަށް ދާތަން ފިރާޒަށް ފެނުނެވެ. އަދި ވަގުތުން އެ މީހުންގެ ފަސްފަހަތް ބަލަމުން ފިރާޒު ދިޔައެވެ. ނިޒާމުމެން ގޮސް ވަނީ އެ މީހުން ގެއަށެވެ. އެހެންކަމުން ފިރާޒު ސިއްރުސިއްރުން އެމީހުން ކުރާކަމެއް ބަލަން އެ ގޭ ފާތުމަތިން ބޯ ދިއްކޮށްލިއެވެ. ކަމަކު ދާކަށް ނެތެވެ. ނިޒާމް އަކީ މަސްތުވާތަކެތީގެ ބޮޑެކެވެ. ނިޒާމް އެ މީހުން ލައްވާ އެތަކެތި ވިއްކަނީއެވެ. އެހެންކަމުން މިމަންޒަރު ފެނުމާއެކު ފިރާޒު ވަގުތުން ފުލުހުންނަށް ގުޅިއެވެ. އަދި ވަގުތުން ފުލުހުން އެގެއަށް އައިސް ނިޒާމްގެ ބަލާ ފާސްކުރިއެވެ. އެގެއިން ގިނަޢަދަދެއްގެ މަސްތުވާތަކެތި ފެނުމާއެކު ނިޒާމް އާއި ޑީލް ކުރުމުގައި ހަރަކާތްތެރިވާ އެ ދެމީހުން ހައްޔަރުކޮށްގެން ގެންދިޔައެވެ. މިމަންޒަރު ބަލަން ފެންކަޅިވެފައި ޝާލިނީ ހުއްޓެވެ.
ފުލުހުންގެ ތަޚްޤީޤު ކުރިއަށް ގެންދިޔައެވެ. އަދި މަސްތުވާތަކެތީގެ ނެޓްވޯކެއް އަތުލައިގަތްފައިވާ ކަމަށާއި ހައްޔަރުކުރި މީހުންގެ ވަނަވަރުތައް ހާމަކުރިއެވެ. އެވަގުތު ޓީވީ ބަލަން އިން ފިރާޒަށް އެތަނުން އެކެއްގެ ފޮޓޯ ފެނުނެވެ. އަދި ސައިކަލުން ޖައްސާ އޭނާގެ ބޭބެ ނާއިލް މަރާލުމަށްފަހު ފިލި މީހާގެ ފޮޓޯއާއި ޓީވީން ފެންނަ މީހާގެ ފޮޓޯއާއި ވައްތަރުކަމުން ޝައްކު އުފެދުނުނެެވެ. އަދި ޝާލިނީއަށް ގުޅައި ބައްދަލުކުރިއެވެ. އަދި މިވާހަކަ ހިއްސާކުރުމަށްފަހު ވަގުތުން ފުލުހުންނަށް މިކަން ރިޕޯޓްކުރިއެވެ. ފުލުހުން އެއީމާއައި ސުވާލުކުރުމުން ސައިކަލުން ޖައްސާ ނާއިލް މަރާލީ ނިޒާމް ބުނެގެން ކަމަށާއި އެއީ ވަރަށް ބޮޑަށް ރޭވިގެން ކުރިކަމެއް ކަމަށް ބުންޏެވެ. އަދި އެމީހަކީ ނިޒާމްގެ މުވައްޒަފުން ކަމަށްވެސް ބުންޏެވެ.
ފުލުހުން އިތުރަށް މިމައްސަލަ ތަޙްޤީޤްކުރިއެވެ. އަދި ނިޒާމް އާއި ސުވާލުކުރުން ކުރިއަށް ގެންދިޔައެވެ. ނާއިލް މަރާލަން ޖެހުނު ސަބަބު އޮޅުން ފިލުވިއެވެ. މި ވާހަކަތައް ނިޒާމް ކިޔާދެމުން ދިޔައެވެ. އޭނާއަކީ މަސްތުވާތަކެތި ރަަށަށް ގެނެސް އޭގެ ވިޔަފާރި ކުރާ މީހެއް ކަމަށާއި، އެންމެ ކުޑަ ދުވަހުން ފެށިގެންވެސް ޝާލިނީގެ ލޯބި ހާޞިލް ކުރުމަށް މަސައްކަތް ކުރާ މީހެއްކަމަށް ބުންޏެވެ. އަދި ޝާލިނީއަށް ލޯބި ހުށަހެޅުމުން އޭނާ އެކަން ޤަބޫލު ނުކުރި ކަމަށާއި، ދެން ފެނުނީ ނާއިލްއާއެކު ކަމަށް ބުންޏެވެ. އަދި ނާއިލްއާއި ޝާލިނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު ނާއިލްއަށް އޭނާ ފާރަލަމުން ގެންދިޔަ ކަމަށާއި، އަދި ކައިވެނި ކުރުމުގެ ކުރިން ނާއިލްގެ ދުވަސް ދުއްވާލަން ނިންމީ ކަމަށެވެ. އަދި ނާއިލް މަރުވުމުން ޝާލިނީއާއި ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތްކުރި ކަމަށާއި، ޝާލިނީގެ އައިލާއަކީ ނިކަމެތި އާއިލާއެއްކަމުން ޝާލިނީގެ ބައްޕައަށް ނިޒާމްގެ ފިހާރައަކުން ވަޒީފާ ހޯދައިދިނުމަށްފަހު ޝާލިނީ ބައްޕަގެ ހިތުން ނިޒާމް އިތުބާރު ހޯދަމުން ދިޔަކަމަށް ބުންޏެވެ. އަދި ނިޒާމް ޝާލިނީގެ ބައްޕަގެ ބޮލަށް އެރިގެން ޝާލިނީއާއި ކައިވެނި ކުރީ އެކަމުގެ ބަދަލު ހިފުމަށް ކަމަށްވެސް ނިޒާމް ކިޔައިދިނެވެ.
ފުލުހުންގެ ފަރާތުން ޝާލިނީއަށް މި ހަބަރު ލިބުނެވެ. އޭރު ޝާލިނީ ހުރީ ފިރާޒުއާއި އެކު އަތިރިމަތީގައެވެ. މިކަން އެނގުމާއެކު ޝާލިނީ އަނބުރައިގަނެގެން ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު ފިރާޒު ޝާލިނީ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. މި ހަބަރު ލިބުމުން ޝާލިނީގެ މަންމައާއި ބައްޕަވެސް ހޮސްޕިޓަލަށް އައެވެ. އަދި ޝާލިނީއަށް ހޭވެރިކަން ވީއިރު ޝާލިނީގެ މަންމައާއި ބައްޕަ އެތަނުގައި ތިބުމުން ރޮވެން ފެށިއެވެ.
އެ ވަގުތު ޝާލިނީގެ ބައްޕަ ބުންޏެވެ. ދަރިފުޅާ! ބައްޕައަށް މާފްކުރޭ. ކުރިއަކުން ބައްޕައަކަށްވެސް ނޭނގޭ ނިޒާމަކީ އެކަހަލަ މީހެއްކަމެއް. ދަރިފުޅުގެ މުޅި ދިރިއުޅުން ތި ވޭނުގައި ބަރުދާސް ކުރަމުން ދާތަން ބަލާކަށް ބައްޕައާއި މަންމައަކަށް މިއަދު ކުޅަދާނައެއް ނޫން. ދަރިފުޅާ! ހިތްވަރުކުރޭ! ވަގަށް ހާސްދުވަސް ލިބިދާނެ. އެކަމަކު ވެރިއަކަށް ލިބޭނީ އެއް ދުވަސް. ކުށްކުރި މީހުންނަނަށް ދެދުނިޔެމަތީ އަދަބު ލިބޭނމެ.
މި ދުނިޔެއަކީ އިމްތިހާނެއް. މިހެން ބުނުމާއެކު ޝާލިނީއަށް ގިސްލެވެން ފެށިއެވެ. އަދި ބުންޏެވެ. ބައްޕާ! އަހަރަން މިއަދު ހިތްވަރު ކުރާނަމެވެ. ނަމަވެސް...
މިހެން ބުނިތަނާ ފިރާޒް ބުންޏެވެ. ދެރަނުވޭ ޝާލިނީ.. އިރާދަކުރއްވިއްޔާ ބޭބެ ހައްޤުގައިވެސް އަހަރެން މިއަދު ޝާލިނީއާއެކު ވާނަން. ޝާލިނީ. އަހަރެންނައި އިންނަން ކެރޭނެތަ! މިހެން ބުނުމުން އާއެކޭ ބުނެ ޝާލިނީ ބޯ ޖަހާލިއެވެ. ފިރާޒް ޝާލިނީ އޮތް އެނދުގެ ކައިރިއަށް ތިރިވެލާފައި ޖީބުން އަނގޮޓިއެއް ނެގިއެވެ. އަދި ޝާލިނީގެ އިނގިލީގައި އެޅުވިއެވެ. ބަރުދާސްވި ދިރިއުޅުން އަލުން އާރާސްތުކޮށް ދިރި ހުރުމުގެ ފޮނި އުންމީދުގައެވެ. (ނިމުނީ)