އދ. ފެންފުށީގައި މީގެކުރިން ގާއިމްކުރި ނަރުދަމާ ނިޒާމުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

އދ. ފެންފުށީގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސްޓެލްކޯއާއި، އަޒްރޯވާ މޯލްޑިވްސްއިން ސޮއިކުރީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގެ ތެރެއިން އަޒްރޯވާ މޯލްޑިވްސްއިން ވަނީ އެރަށުގެ ސާވޭ ހަދައި، އީއައިއޭ އަދި ޑިޒައިންގެ މަސައްކަތް ނިންމައި، އިދާރީ އޮފީހުގެ 90 އިންސައްތަ މަސަައްކަތް ނިންމާފައެވެ.

ފެންފުށީގައި ނަރުދަމާ ނިޒާމެއް ގާއިމްކުރުމަށް މީގެކުރިން ކޮށްފައިވާ މަސައްކަތުގެ އިތުރުން މިހާރު ނުނިމި ހުރި މަސައްކަތްތައް ކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީއާއި، ސްޓެލްކޯ އަދި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިމެނޭގޮތަށް ޓްރައިޕާޓީ ނޮވޭޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފަރޫގެވެ. އަޒްރޯވާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޖިނާޒެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީއެވެ.

މި އެއްބަސްވުމުގެ ދަށުން ފެންފުށީގައި ނަރުދަމާ ނިޒާމުގެ ވިއުގަ އެޅުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމްކުރުމާއި، ސީ އައުޓްފޯލް އެޅުމާއި، އިދާރީ އޮފީހުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމާއި، އަދި ގޭގެއަށް ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ.

މިމަސައްކަތް އަޒްރޯވާ މޯލްޑިވްސްއާ ހަވާލުކޮށްފައިވަނީ 19.3 މިލިއަން ރުފިޔާއަށް، އެއް އަހަރުތެރޭ ނިންމުމަށެވެ.