ތުއްތު ކުދިންނާއި އަންހެނުންނަށް ދިމާވަމުންދާ ޖިންސީ ގޯނާ އަދި ރޭޕްކުރުމުގެ މައްސަލަތަކަށް ސަރުކާރުން އިހުމާލުވަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

" ނުހައްގުން ޖަލުގައި" މި ނަމުގަ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު އާދަމް ޝަރީފް ވަނީ ތުއްތު ކުދިންނާއި އަންހެނުންނަށް ދިމާވަމުންދާ ޖިންސީ ގޯނާ އަދި ރޭޕްކުރުމުގެ މައްސަލަތަކަށް ސަރުކާރުން އިހުމާލުވަމުންދާތީވެ ސަރުކާރުން މިކަންކަމާދޭތެރޭގައި ޚާއްސަ ސަމާލުކަމެެއްދީގެން އަޅުއްވަންޖެހޭ ފިޔަވަޅު އެޅުއްވުމަށް ސަރުކާރަށް ގޮވާލާފައެވެ.

މިހާރު ފެނިގެންދަނީ އެއްވެސް ރަހުމެއްނެތި މީހުންނަށް އަނިޔާލިބެމުންދާ މަންޒަރުތައް ކަމަށާއި އަދި އަނިޔާލިބޭ މީހުންނަށް އިންސާފު ހޯދައިދިނުމުގައިވެސް އިންސާފެއް ނެތް ކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މި ވެރިކަން ފެށިގެންއައީވެސް ކުޑަކުދިންނަށް ޖިންސީގޯނާކޮށް އަނިޔާކުރި މީހަކަށް ހަމްދަރުދީގެ އަތެއް ސަރުކާރުން ފޯރުކޮށްދިން ހިސާބުން ކަމަށެވެ.

އޭގެ ފަހުން ބޮޑެތި ރޭޕް ކޭސްތައް ހިނގާ. އަދި އަޅުގަނޑުމެން އެބަޔަކަށްޓަކައި ވަރަށް ބޮޑަށް ސަހަރޯވެރިވަމުންދާ އަޅުގަނޑުމެންގެ ހިތުގަ އެބަޔަކަށްޓަަކައި އިހުތިރާމެއްވާ ކަނބަލުންނަށް ވަރަށް ބޮޑެތި ޖިންސީ ގޯނާތަކެއް ކުރިމަތިވަމުން މި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ހިނގައްޖެ. ހިތާމަޔާއެކު ދަންނަވަންޖެހެނީ އެއިން އެެއްވެސް ކަމަކަށް މި ސަރުކާރުން އިންސާފެއް ހޯދައިދިނުމުގަ އެއްވެސް ވަރެއްގެ ކުރިއެރުމެއް ހޯދައިނުދެވި އަނިޔާލިބުނު ފަރާތްތައް ވަރަށް ބޮޑަށް މާޔޫސްވަމުންދާ މަންޒަރު މި ފެންނަނީ."
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު

އެހެންކަމުން މި ސަރުކާރުން އެއްވެސް ކަމެއްގަ އިންސާފު ހޯދައިދޭނެ ކަމަށް ރައްޔިތުން މިހާރު ގަބޫލުނުކުރާ ކަމަށާއި ސަރުކާރު ފެއިލްވެފައިވާ ކަމަށް ގިނަ ރައްޔިތުން ގާބުލުކުރާ ކަމަށްވެސް މެމްބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މެމްބަރުގެ ނުރުހުން ސަރުކާރަށް އަމަޒުވެފައިމިވަނީ މަޑުއްވަރީގައި ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއްގައި މަޑުއްވަރީގެ މަސްލަހަތު ގެއްލިފައިވާ ވަގުތެއްގައެވެ.

އެ މައްސަލައިގެ ތުހުމަތު ފުލުހަކަށާއި، ޓީޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް ރަށު މީހުން ކުރާއިރު ރޭޕް ކުރުމުގެ ހާދިސާ ހިނގި ކަމަށް ބުނަނީ މިމަހުގެ 03 ވަނަ ދުވަހުއެވެ.

ފުލުހުންނަށް މި މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.