ސިވިލް ސަރވިސް މުވައްޒަފުންގެ އަގުވައްޓާލާ، ފުރައްސާރަކުރަމުން ގެންދާ ގެންދިއުން ކުށްވެރިކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ކޮލީޝަނުން މިހެން ބުނެފައިމިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ ވަގުތެއްގައެވެ.

ސިވިލް ސަރވިސް މުވައްޒަފުން ކުށުގެ ގޮޅިއަކަށް ފެއްތުމުގެ ގޮތުން ސިވިލް ސަރވިސްގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ ކަމަކީ ސިވިލް ސަރވިސް މުވައްޒަފުންގެ އަނގަ ބަންދުކޮށް، ހުރިހާ ބާރެއް ސަރުކާރަށާއި އެމްޑީޕީގެ މުށުތެރެއަށް ޖަމާކުރުމަށް ކަމަށް ކޮލިޝަނުން ބުނެއެވެ.

ސަރުކާރު މިހާރު ދަތުރު ކުރަމުންދަނީ ޑިމޮކްރެސީގެ އަސާސްތަކާ ދުރަށް، ދުނިޔޭގެ އެންމެ ބޮޑެތި ޑިކްޓޭޓަރޝިޕްތަކުން ދަތުރު ކުރަމުންދިޔަ މިސްރާބަށްކަން ފާހަގަކޮށް ކޮލިޝަނުން ބުނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުން ސިވިލް ސަރވަންޓުން މަހުރޫމް ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާ މެދު އިންތިހާއަށް ވަނީ ކަންބޮޑުވުން އުފެދިފައި ކަމަށެވެ.

އެއިސްލާހުތަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްދެއްކެވި ވާހަކަތަކަކީ ދިވެހި ސިވިލް ސަރވިސްގައި ޚިދްމަތްކުރާ ސައްބީސް ހާހަށްވުރެ ގިނަ މުވައްޒަފުންގެ އަގު ވައްޓާލާ އެ މުވައްޒަފުންނަށް ނިކަމެތިކަން ގެނެސްދިން ވާހަކަތަކެއް ކަމަށާއި އަދި ގައުމީ ޚިދުމަތުގައި ރެޔާދުވާލު މަސައްކަތްކުރާ މުވައްޒަފުންނާއި ގައުމަށް އަގުނުކުރެވޭފަދަ ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކާމެދު ދައްކާފައިވާ ވަރަށް އިހްތިރާމްކަން ކުޑަ ވާހަކަތަކެއް ކަމަށްވެސް އިދިކޮޅުން ދެކެއެވެ.