އުތުރު ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމށް ބުނާ މައްސަލަ ވީއެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީތަކަށް ހުށަހަޅުއްވައިގެން ބައްލަވާދެއްވުން އެދި މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ކުއްަލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުއެވެ.

މެމްބަރު ހުށަހެޅުއްވި މައްސަލާގައިވަނީ އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު މިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އޭނާ ކިޔަވާ ސްކޫލް ކައިރީގައި ހުންނަ ގެންސްޓްހައުސް އަކަށް ބަޔަކު ވައްދައި، މަރާލާނެކަމުގެ ބިރުދައްކައި، ރޭޕްކޮށްވާކަމަށް ކަމާބެހޭ ފަރާތްތަކަށް ކިޔައިދީފައިވާ ކަމަށް އިތުބާރުހުރި މަސްރަދަރަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިތާ ދުވަސްވީއިރުވެސް އަދި ދަރުވަރުގެ ދުލުން މިވާހަކަތައް ކިޔައިދީފައިވާއިރުވެސް ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ސުވާލުކޮށްލަންވެސް ހާޒިރުކޮށްފައި ނުވުމަކީ އަނިޔާ ލިބުނު މައުސޫމް ކުއްޖާއަށް އިންސާފު ލިބޭނެކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށާއި މިއީ ކަމާބެހޭ މުއައްސަސާތަކުން ގާނޫނީ ފިޔަވަޅު އެޅުމަށް ފަސްޖެހެމުންދާކަން ދޭހަވާ އަދި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުންފަދަ ސީރިއަސް މައްސަލަތަކާމެދު އެއްވެސް ވަރެއްގެ ސަމާލުކަން ނުދޭކަން ދޭހަވާ ކަމެއް ކަމަށް މި މައްސަލާގައި މެމްބަރު ވަނީ ފާހަގަކޮށްފައެވެ.

އަނިޔާ ލިބުނު މައުސޫމް ކުއްޖާގެ ރަށުގެ ރައްޔިތުން މިކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް މުޒާހަރާ ކުރުމުން އެ މުޒާހަރާކުރި މީހުންގެ ތެރެއިން 11 މީހުން މީހާތަނަށް ހައްޔަރުކޮށްފައިވާކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ނުލިބި މުޖުރިމުން މިނިވަންކަމާއެކު ދޫވެފައި ތިބުމުން މުޅި މުޖުތަމައުގެ މަސްލަހަތު ގެއްލެމުންދާކަން ފާހަގަވާ ކަމަށެވެ.

އެހެންކަމުން މި ހާދިސާއާ ގުޅިގެން އެރަށުގެ މަސްރަހު އިތުރަށް ގޯސް ނުވާނެގޮތަކަށް އަމަލު ކުރެއްވުމަށް ސަރުކާރުން ރާއްވަވާފައިވާގޮތެއް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީ މެދުވެރިކޮށް އަވަހަށް ސާފުވާނެގޮތެއް ހައްދަވައިދެއްވުމަށް މެމްބަރު ވަނީ އެދިވަޑައިގެންފައެވެ.

އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނަންގަވާނެކަމަށް ޔަގީން ކުރައްވާ ކަމަށާއި ދައުލަތުގެ މުއައްސަސާތަކުން ރަށުގެ މަސްރަހު ހަމަޔަކަށް އެޅުއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މެމްބަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.