އަވައްޓެރި ބަންގްލަދޭޝްގެ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން، އެގައުމުގެ ފޮރިން މިިނިސްޓަރ ޑރ. އޭކޭ އަބްދުލް މޫމިން އަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތަހުނިޔާގެ މެސެޖެއް ފޮނުވައިފިއެވެ.

މިނިސްޓަރ ޝާހިދު ތަހުނިޔާގެ މިމެސެޖު ފޮނުއްވާފައިވަނީ، މިއަދު ބަންގްލަދޭޝްގައި ފާހަގަކުރާ އެގައުމުގެ ފަންސާސް ވަނަ މިނިވަންދުވަހާ ގުޅިގެންނެވެ.

މިމުނާސަބަތުގައި މިނިސްޓަރ ޝާހިދު ރާއްޖޭގެ ރައްޔިތުނާއި، ސަރުކާރުގެ ފަރާތުން އެގައުމުގެ ފޮރިން މިނިސްޓަރަށް ތަހުނިޔާ ވިދާޅުވެފައިވާއިރު، މިނިސްޓަރ ޝާހިދުވަނީ އެގައުމުގެ ސަރުކާރަށާއި، ބަންގްލަދޭޝްގެ ހުރިހާ ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ.

މި މުނާސަބަތުގައި ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރުނު މުނާސަބާ މިނިސްޓަރ ޝާހިދުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ބަންގްލަދޭޝްއާއެކީ ގާއިމުކުރެވިފައިވާ ގުޅުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ޝާހިދު ވަނީ، ފާއިތުވި އަހަރުތަކުގައި ދެ ގައުމަށް ފައިދާވާގޮތަށާއި ދެގައުމުގެ މަސްލަހަތަށް ހިންގާފައިވާ ހަރަކާތްތަކަކީ އިހުތިރާމާއި، އެއްބައިވަންތަކަމާއިއެކު ކުރިއަށްގެންގޮސްފައިވާ ހަރަކާތްތަކެއްކަން ފާހަގަކުރައްވާފައެވެ.

މިކަން ފާހަގަކުރައްވާ މިނިސްޓަރ ޝާހިދު ވަނީ މުސްތަގުބަލުގައިވެސް ދެގައުމުން، އެއްބައިވަންތަކަމާއި އެކީ މަސައްކަތްކޮށް ދެގައުމަށް ފައިދާވާ އިތުރު ހަރަކާތްތަކެއް ކުރިއަށްގެންދިއުމުގެ އިތުރުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

ބަންގްލަދޭޝްގެ 50 ވަނަ މިނިވަންދުވަހާއި ގުޅިގެން މިނިސްޓަރ ފޮނުއްވި މި މެސެޖުގައި ބަންގަލަދޭޝްގެ ފޮރިން މިނިސްޓަރަށް ރައްކާތެރިކަމާއި، ދުޅަހެޔޮ ސިއްހަތަކަށް އެދި މިނިސްޓަރ ޝާހިދުވަނީ ވަނީ ބަންގްލަދޭޝްގެ ރައްޔިތުންނަށް އަމާން ފާގަތި މުސްތަގްބަލަކަށް އެދިވަޑައިގެންފައެވެ.