އީގަލްސްގެ ކޯޗު ކަމާއި މުހައްމަދު ޝާޒްލީ (ޝާޒް) ހަވާލުވިފަހުން އެޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު މެދުކަނޑާލުމަށްފަހު، އޭގެ ގާތްގަނޑަކަށް ދެމަސްފަހުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން، ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް އީގަލްސް އިން ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ވަރަށް ކުރީކޮޅު އީގަލްސް އިން ވަނީ ލަނޑެއްޖަހާ މެދުގައި ލީޑުނަގާފައެވެ. ލިބުނު ޕެނަލްޓީ އަކުން ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ ރަޝިޔާ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިނެވެ. މިއީ އޭރިއާ ތެރެއިން އީގަލްސްގެ މުހައްމަދު އޮސާމާ އަށް ސަސްގެ ކެޕްޓަން، އަބްދުﷲ ހަނީފް (ބެންޖޯ) ކުރި ފައުލަކާއި ގުޅިގެން އީގަލްސް އަސް ލިބުނު ޕެނަލްޓީއެކެވެ.

އީގަލްސް އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- މިހާރު

އީގަލްސްގެ ލަނޑަށްފަހު ސަސްއިން ކުޅުން ވަރުގަދަކޮށް ގިނަވަގުތު ބޯޅަ ހިފަހައްޓައިން ކުޅުނުއިރު، 12 ވަނަ މިނެޓުގައި އެޓީމުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދަން މަސައްކަތް ކޮށްފައެވެ. މިއީ ލޯނު އެއްބަސްވުމެއްގެ ދަށުން މާޒިޔާގައި ހުރެފައި ސަސްއަށް ބަދަލުވި އަބްދުﷲ ޖުނައިދު (ޖެންނެ)، އަމިއްލަ ހާފުގައި ހުރެފައި ހުރަސްކޮށްދިން ބޯޅަ އީގަލްސްގެ ޑީފެންޑަރު ނޫމާންގެ ބޯމަތިން ފައްރާހު އަށް ލިބުމުން އޭނަ ޔޫސުފް ޖުނައިދު ޖައްސާލި ބޯޅަ ގޯލާއި ދިމާލަށް ފޮނުވާލައިގެން އުފެއްދި ހަމަލާއެކެވެ. އެހެންނަމަވެސް މިބޯޅަ މާރަނގަޅަށް ޖުނައިދުއަށް ފޮނުވާނުލެވި އީގަލްސްގެ ކީޕަރު، މުހައްމަދު ތޯހާ ވަނީ ދިފާއުކޮށްފައެވެ.

މިހަމަލާއަށްފަހު ސަސްގެ ކުޅުންތެރިންނަށް ރަނގަޅަށް ގޭމްގެ ތެރެއަށް ނުވަދެވި އުޅެނިކޮށް ވަރަށް ރަނގަޅު ފުރުސަތެއް ތަނަވަސްކޮށް އީގަލްސް އިންވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ވްލަޑިސްލާވް އެވެ. މިއީ ހަސަން ރާއިފް އަހުމަދު (ހަންނަ) ހުރަސްކޮށްދިން ބޯޅައަކުން ވްލަޑިސްލާވް ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެންނުދިޔަނަމަވެސް އީގަލްސްގެ ދެވަނަ ލަނޑަށްފަހު ސަސްގެ ކުޅުންތެރިންވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ.

އެގޮތުން ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ބެންޖޯ ބޮލުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ އީގަލްސްގެ ލުބުނާން ގޯލްކީޕަރު މުޙައްމަދު ތޯހާ ވަނީ ދިފާއުކޮށްފައެވެ. އަދި މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް މޮރޮކޯގެ މިޑްފީލްޑަރު މުޙައްމަދު އަޖްނާނީ ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މެޗުން ސަސް ބަލިވިނަމަވެސް އެޓީމުން މޮޅުކުޅުމެއް މެޗުގައި ދައްކާފައިވާއިރު، އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށް ފަރަގުކުޑަކޮށްދިނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމާ އަލަށް ގުޅުނު ސްވިޑެންގެ ފޯވާޑް ޝްކޮޑްރަން މަހޯލީއެވެ. މި މެޗުގައި އޭނާ ކުޅެން އަރާފައިވަނީ ދެވަނަ ހާފުގައެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި އީގަލްސްގެ ދެލަނޑުވެސް ކާމިޔާބުކޮށްދީ އެޓީމު މޮޅުކޮށްދިން ވްލަޑިސްލާވް ކޮރްމިޝިނެވެ.

މިއީ ވްލަޑިސްލާވް ދިވެހި ލީގުގައި ކުޅުނު ފުރަތަމަ މެޗް

މެޗަށްފަހު ޝާޒް ބުނީ އީގަލްސްއާއެކު އޭނާގެ އަމާޒަކީ ގަދަ ހައެއް ކަމަށާއި، އެގޮތުން ފުރަތަމަ މެޗުން މޮޅުވުމަކީ އެ އަމާޒަށް ވާސިލުވުމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ. އަދި ލީގު މެދުކަނޑާލުމާ ގުޅިގެން ޓީމު ދަސްކުރަން ވަގުތު ކޮޅެއް ލިބުމަކީ ފައިދާއެއްގެ ގޮތުގައި ބެލިދާނެ ކަމަށާއި، އެކަމަކު މެޗެއް ނުކުޅެ ހުރުމުން އޭގެ ދަތިތަކެއް ވެސް ދިމާވި ކަމަށްވެސް ވަނީ ބުނެފައެވެ.

މެޗަށްފަހު އީގަލްސްގެ ކުރީގެ ކޯޗު އަދި ސަސްއަށް މިހާރު އިރުޝާދުދެމުން އަންނަ މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ބޮޑު މެދުކެނޑުމަކަށްފަހު މެޗަށް ނުކުންނައިރު އުނދަގޫތަކެއް ހުންނާނެ ކަމަށާއި، އެގޮތުން މި މެޗުން އެ ޓީމު ބަލިވީ މެޗުގެ ކުރީކޮޅުގައި ހެދުނު ގޯސްތަކަކުން، ވަން ލަނޑުތަކެއްގެ ސަބަބުން ކަމަށެވެ.

މިނަތީޖާއާއިއެކު އީގަލްސް އިންވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ. އެގޮތުން އެޓީމު ވަނީ ކުޅުނު ނުވަ މެޗުން 11 ޕޮއިންޓް ހޯދާފައެވެ. މެޗުން ބަލިވި ސަސް އޮތީ ތާވަލުގެ ހަތްވަނައިގައި ނުވަ މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެ ޓީމަށް ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާ އާއި ތިންވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

ލީގުގައި މިރޭ 21:00 ގައި ގްރީން ސްޓްރީޓާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރާނެއެވެ.