ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން ގްރީން ސްޓްރީޓްސް އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.

ކޮވިޑް-19 ގެ ކޭސްތައް މާލޭގައި ބޮޑުތަނުން އިތުރުވުމާއި ގުޅިގެން ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ދިވެހި ލީގު މެދުކަނޑާލުމަށްފަހު ގާތްގަނޑަކަށް ދެމަސްދުވަހުގެ ބްރޭކަކަށްފަހު މިއީ ލީގުގައި ކުޅުނު ދެވަނަ މެޗެވެ. ބޮޑު ބްރޭކަކަށްފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ހަވީރު، އީގަލްސް އިންވަނީ ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

ކާޑު ހަމަވެފައިވުމުން ގްރީން އިން އެޓީމުގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ނުލާ މެޗާއި ކުރިމަތިލިއިރު މެޗުގައި ގްރީންގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް އެވެ. އަދި އެޓީމުން ވަނީ ނިމުނު ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

މެޗުފެށިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރުމަށް މާރަނގަޅު ފުރުސަތެެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހިމް (އަންކޮ) އަށް ލަނޑުޖަހަން ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް އޭރިއާތެެރެއިން ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އަންކޮ ޖެހި ބޯޅަ ގޯލަށް ވަނުމަށް ހުރަހަކަށްވީ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ނާޖިހު އަލީއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ގްރީން ސްޓްރީޓްސް އަށް ކާމިޔާބުކޮށްދީ އެޓީމު މޮޅުކޮށްދިނީ ހަސަން ނަޒީމް (ޗޯޓު) އެވެ. މިއީ ޔުނައިޓެޑް ވިކްޓްރީ ފަަހަތުން ހެދި ގޯހެއްގެ ފައިދާނަގައި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ހުސްކޮށްލާފައި ދިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ޗޯޓު ކާމިޔާބުކުރި ލަނޑެކެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގްރީން ސްޓްރީޓްސް އަށް ގޯލް ޖަހައިދިން ހަސަން ނަޒީމް (ޗޯޓު) އެވެ.

ޔޫވީ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ- ފޮޓޯ:- އެފްއޭއެމް

މިމޮޅާއެކު ގްރީންސްޓްރީޓްސް ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ޔޫވީ އޮތީ ތާވަލުގެ ފުލުގައި ތިން ޕޮއިންޓާއެކުގައެވެ. ތާވަލުގެ އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެ ޓީމަށް ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާ އާއި ތިންވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

ލީގުގައި ދެން މެޗެއް ކުޅޭނީ މިފެށޭ ހަފްތާގެ ހޯމަ ދުވަހުއެވެ. އެގޮތުން އެދުހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ދަ ގްރާންޑޭ އެވެ. އަދި އެރޭ ކުޅޭ މެޗުގައި ވާދަކުރާނީ ކްލަބް ވެލެންސިއާ އާއި ގްރީން ސްޓްރީޓްްސް އެވެ.