"އާރތު އަވަރ" އަކީ ހަކަތައިގެ ބޭނުމަށް ތެޔޮ އެންދުމުގެ ސަބަބުން ވިހަގޭސްތައް ޖައްވަށް ބޭރުވެ، މޫސުމަށް އަންނަ ބަދަލުތަކާއި، އެ ބަދަލުތަކުން ލިބޭ ގެއްލުންތަކުން ރައްކާތެރިވެ ތިބުމަށާއި، ގެއްލުން ކުޑަކުރުމުގެ ގޮތުން އެޅިދާނޭ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރި ކުރުމާއި، ފަރުދީ ފެންވަރުގައާއި، މުޖުތަމައުގެ ފެންވަރުގައި ހަރަކާތްތެރިވުމަށް ގޮވާލުމަށް ހިންގާ ބައިނަލްއަގްވާމީ އެންމެ ބޮޑު ހަރަކާތެވެ.

"އާރތު އަވަރ" މުޅި ދުނިޔޭގައިވެސް ފާހަގަ ކުރެވޭނީ އެއް ވަގުތަކާ ދިމާކޮށެވެ. އެގޮތުން މިއަހަރުގެ "އާރތު އަވަރ" ދިމާވަނީ މިރޭ 20:30 އިން 21:30 އަށެވެ.

މިހަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުންނާއި، އާންމުންނަށް ތާއީދުކުރުމުގެ ގޮތުން ދުނިޔޭގެ މަޝްހޫރު އެތައް ބިނާއަކާއި، އެތައް އިމާރާތެއް މިއަހަރުވެސް އެއްކޮށް ނިއްވާލުމަށް ވަނީ ހަމަޖެހިފައެވެ. މަޝްހޫރު ބްރިޖްތަކާއި، އެނޫންވެސް މުހިންމު ތަންތަން ނިއްވާލުމަށް ވަނީ ހަމަޖެހިފައެވެ. މިކަމުގައި ބައިވެރިވުމުގެ ގޮތުން އާންމު ފަރުދުންވެސް ކުރާންޖެހޭ ކަމަކީ ގޭގޭގައި ވީހާވެސް މަދުން ކަރަންޓް ބޭނުން ކުރުމެވެ.

މިދިޔަ އަހަރު "އާރތު އަވަރ" ދުނިޔޭގައި ފާހަގަކޮށްފައިވަނީ ކޮވިޑް-19 ބަލިމަޑު ހާލަތުގެ އެންމެ ކުރީކޮޅުގައެވެ. އޭރު ބަލީގެ ހާލަތު ހުރިގޮތުން ދުނިޔޭގެ ގިނަ ގައުމުތައް އޮތީ ލޮކްޑައުން ކޮށްފައެވެ. ގިނަމީހުން ތިބީ ގޭގައ ބަންދުވެފައެވެ. އެހެންކަމުން، މިދިޔަ އަހަރު ދުނިޔޭގައި "އާރތު އަވަރ" ފާހަގަކޮށްފައިވަނީ "ވާޗުއަލް" ކޮށެވެ.

އެގޮތުން، ކުރިއަށް ގެންދެވުނު ހަރަކާތްތައް ޔޫޓިއުބް، ފޭސްބުކް، އިންސްޓަގްރާމްފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ލައިވްސްޓްރީމް ކޮށްފައި ވެއެވެ. ބޭނުމަކީ، އެހާލަތުގައި ތިބެގެން ނަމަވެސް، ދުނިޔޭގެ ތިމާވެށްޓާއި ދިރުންތައް ހިމަޔާތްކުރުމަށް އިންސާނުގެ މައްޗަށްއޮތް ޒިންމާގެމަތިން ހަނދުމަކުރުމެވެ.

2021 ވަނަ އަހަރުގެ "އާރތު އަވަރ" އާ ދުނިޔެ ބައްދަލުކުރި އިރުވެސް ކޮވިޑް ބަލީގެ ހާލަތު ދުނިޔެއިން ނެތޮގޮސްފައެއް ނުވެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި އަދިވެސް ހަރުކަށި އެތައް ފިޔަވަޅުތަކެއް އަޅާފައިވާއިރު، މިހާލަތުގައި އެންމެބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައިވާ އެއް ކަމަކީ، އިންސާނުން ދިރި ތިބުމަށް ބޭނުންވާ ދިރުންތަކުގެ ދުނިޔެއެވެ. ދިރޭތަކެއްޗާއި، ގަސްގަހާ ގެއްސާއި، ގުދުރަތުގެ އެހެންވެސް ދިރުންތަކެވެ. ކުރުގޮތަކަށް ބުނާމަ ތިމާވެށްޓެވެ. އިންސާނުން އުޅެންޖެހިފައިވާ ހާލަތުގެ ސަބަބުން ތިމާވެށްޓާއި ދިރުންތައް ހިމާޔަތްކުރަން އެކަށީގެންވާ މަސައްކަތެއް އޮތީ ނުކުރެވިއެވެ.

އެހެންކަމުން، ކޮވިޑްބަލީގެ ހާލަތުން އަރައިގަތުމަށް ދުނިޔެ މަސައްކަތް ކުރާއިރު، ދިރުންތަކުގެ ދުނިޔެ ނުވަތަ އިންސާނުން ދިރިއުޅޭ މި ދުނިޔޭގެ ގުދުރަތީ މާހައުލު އަލުން ކޮޅަށް ޖެހުމަށް ކުރެވެމުންދާ މަސައްކަތްތައްވެސް އިތުރަށް އަލުން ވަރުގަދަކުރަން ޖެހިފައި ވެއެވެ. މިކަމަށް ތާއީދު ދެއްވާނޭކަމަށް ދުނިޔޭގެ ގިނަ ލީޑަރުން ވައުދުވެވަޑައި ގަންނަވަމުން ގެންދަވާއިރު، އެ ބޭފުޅުންގެ ވައުދުތަކަށް އަމަލީސިފަ ގެނައުމަށް ކުރާންޖެހިފައިވާ މަސައްކަތްތައް ގިނަގުނައެވެ.

އެހެންވެ، މިއަހަރުގެ "އާރތު އަވަރ" ގެ ހަރަކާތްތައް އެކަމަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދީފައި ވެއެވެ. އެއީ، އެންމެން އެއްތަންވެ، އިންސާނީ މުސްތަގްބަލަށްޓަކައި އެންމެން އެއް އަޑަކުން އަޑުއުފުލުމެވެ.

މިފަހަރު "އާރތު އަވަރ" ފާހަގަކުރުމަށް ކަނޑައަޅާފައިވަނީ ވާޗުއަލްކޮށެވެ. "އާރތު އަވަރ ވާޗުއަލް ސްޕޮޓްލައިޓް" ގެ ތެރެއިންނެވެ.

ގެއިން ބޭރުގައި ހަރަކާތްތައް ނުހިންގި ނުވަތަ އަމަލީގޮތުން ބޮޑެތި ޕްރޮގްރާމްތަކެއް ނުހިންގުނު ނަމަވެސް، ގޭގައި ތިބެގެންވެސް "އާރތު އަވަރ" ގައި ބައިވެރިވުމަށް ކުރެވޭނޭ ގިނަ ކަންކަން އެބަހުއްޓެވެ.

އެގޮތުން، ޕޯސްޓަރެއް ކުރަހައި ނުވަތަ މެސެޖެއް، ސިޓީއަކުންވެސް ދިރުންތަކުގެ ދުނިޔެ ތިމާއަށް މުހިންމުވަނީ ކީއްވެގެންކަން ހާމަކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރުމާއި، ލައިޓްތައް މަދުކުކުރުމާއެކު މެސެޖުތައް ހިއްސާކުރުމާއި، ގުދުރަތީ ދިރުންތައް ހިމާޔަތްކުރުމުގެ އަމަލީގޮތުން މަސައްކަތްތަކެއް ކުރުމަށް އެހެންމީހުންނަށް ހިތްވަރު ދިނުމާއި، ތިމާވެށީގެ ހިމާޔަތުގައި ދުވަހުގެ ތާވަލުން މަދުވެގެން އެއްކަމެއް ބަދަލުކޮށްލުމާއި، "އާރތު އަވަރ" އާއި ގުޅިގެން ވޯލްޑް ވައިޑް ފަންޑުން ކުރިއަށްގެންދާ ޕެޓިޝަންގައި ސޮއިކުރުން ނުވަތަ އެކަމާގުޅޭ ޕްލެޖެއް ހިއްސާކުރުމަކީވެސް ކުރެވިދާނޭ ކަމެކެވެ.

"އާރތު އަވަރ" ފާހަގަ ކުރުމަކީ ފަހަރެއްގައި ރަމްޒީ ކަމެއްގެގޮތުގައި ބަޔަކު ދެކިފާނެއެވެ. އެހެންނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުމަށް 2007 ވަނަ އަހަރު އޮސްޓްރޭލިއާގައި ފެށި މިހަރަކާތް މިހާރު މިވަނީ މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައެވެ. ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބައިވެރިވާ ހަރަކާތަކަށް ވަނީ ވެގެންގޮސްފައެވެ. މި ހަރަކާތުގައި ދިވެހިރާއްޖެއިން ބައިވެރިވާން ފަށާފައިވަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ.

މިކަމަށް އާންމުންގެ ތަރްހީބު އަހަރަކަށްފަހު އަހަރެއް އިތުރުވެގެންދަނީ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން އިންސާނުން ދިރިއުޅެމުންމިދާ ދުނިޔެ ނުރައްކަލަށް ހުރަހޮޅި، އޭގެ ގެއްލުންތަކާ ހަމަ އިންސާނުންނަށް ކުރިލާންޖެހުމާއި ގުޅިގެން، އެކަން ހުއްޓުވަން ނުވަތަ ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލައި، ފަރުދީ ފެންވަރުގައި އަމަލީގޮތުން ކަމެއްކުރުމަށް ލިބޭ ފުރުސަތަކަށް 'އާރތު އަވަރ" ވެގެންދާތީއެވެ. ދުނިޔެއަށްޓަކައި ގަޑިއެއްހާއިރުވެސް ހޭދަކޮށްލާނެ ފުރުސަތު ލިބޭކަމަށްޓަކައެވެ.

ސްވިޗެއް ނިއްވާލައިގެން ނުވަތަ ދުނިޔޭގެ އެންމެން ކޮންމެ އަހަރަކު ގަޑިއެއްހާއިރު މިގޮތަށް ކަންތައް ކުރިނަމަވެސް، އެއީ ޖައްވަށް ބޭރުވާ ވިހަގޭސް މަދުވެ، ދުނިޔެ މިހާރު ތަޖުރިބާކުރަމުންދާ މޫސުމަށް އަންނަ ބަދަލުތައް ބަދަލުވެ، ދުނިޔެ ސަލާމަތްވާނެ ކަމެއްނޫންކަންވެސް އެނގެއެވެ. އެހެންނަމަވެސް، ސްވިޗެއް ނިއްވާލުމަކީވެސް ދުނިޔެއަށްޓަކައި ފަރުދީގޮތުން މަސައްކަތް ފެށުމެވެ. ދުނިޔެއަށްޓަކައި ފަރުދަކު ކިތަންމެ ކުޑަނަމަވެސް ކަމެއް ކޮށްފިއްޔާ އެކަންވެސް ގުނޭނެއެވެ. މީހުންގެ ވިސްނުންތައް ބަދަލުވާންފަށާ ހިސާބަކީ އެއީކަމުގައި ވާތީއެވެ.