ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާ އަދި އިންޑިއާގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން، ސަޗިން ޓެންޑުލްކަރް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ސަޗިން ކޮވިޑަށް ޕޮޒިޓިވްވިކަން ޓުވިޓާ މެދުވެރިކޮށް އޭނާވަނީ ޔަގީންކޮށްދީފައެވެ. މިކަން ހާމަކޮށް ޓުވިޓާގައި ސަޗިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ގަވައިދުން އޭނާ ކޮވިޑަށް ޓެސްޓު ކުރަމުންދާކަމަށާއި، ކޮވިޑުން ރައްކާތެރިވުމަށް އަމިއްލައަށް އެޅެންހުރި ހުރި ހުރިހާ ފިޔަވަޅުތަކެއް އޭނާ އަޅަމުންދިޔަ ކަމަށެވެ. އެހެންނަމަވެސް އާދައިގެމަތިން މިއަދު އޭނާ ކުރި ޓެސްޓުގެ ނަތީޖާ ދައްކާގޮތުން ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

އެހެންނަމަވެސް އޭނާގެ ގައިން ފެންނަނީ ކޮވިޑްގެ ލުއި އަލާމާތްތަކެއް ކަމަށާއި، އޭނާ ކޮވިޑަށް ފައްސިވިނަމަވެސް ގޭގައި ދިރިއުޅޭ އެހެން ފަރާތްތަކުގެ ނަތީޖާ ނެގެޓިވް ވެފައިވާކަން ސަޗިން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން ހެދިފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ހުރިހާކަމެއްވެސް ކުރަމުންދާ ކަމަށާއި ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުމާއެކު އަމިއްލައަށް ކަރަންޓީންވުމުގެ ހުރިހާ ކަމެއް ކުރަމުން އަންނަކަމަށް ސަޗިންގެ ޕޯސްޓުގައި ބުނެފައިވެއެވެ. އަދި މިކަމުގައި ސިއްހީ މާހިރުންނާއި އެހެނިހެން ފަރާތްތަކުން ކޮށްދެމުންދާ ހުރިހާކަމަކަށް ސަޗިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ދުނިޔޭގައި އުފެދުނު އެންމެމޮޅު އެއް ކްރިކެޓް ކުޅުންތެރިޔާގެ ގޮތުގައި ނިސްބަތްކުރެވޭ ސަޗިން ވަނީ ވަންޑޭ އިންޓަނޭޝަނަލް އިން އެކަނިވެސް 15 މޭން އޮފް ދަ ސީރީޒް އާއި، 62 މޭން އޮފް ދަ މެޗް ހޯދާފައެވެ. އަދި އިންޑިއާގައި އާންމު ރައްޔިތަކަށްދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ބާރަތް ރަތްނާ އެވޯޑުވެސް ސަޗިން ވަނީ ހާސިލްކޮށްފައެވެ.