މިޔަންމާގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި 90 އަށްވުރެ ގިނަ އާންމުން މަރާލައިފިއެވެ.

މިއީ، ފެބްރުއަރީ 1 ގައި މިޔަންމާގެ މަދަނީ ސަރުކާރު އިންގިލާބުކޮށް އަސްކަރީން ވެރިކަމަށް އަތްގަދަކުރުމާ ދެކޮޅަށް އެގައުމުގެ އާންމުން ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަމީހުން މަރާލި ދުވަހެވެ.

މަންޒަރުދުށް މީހުންނާ ހަވާލާދީ މިޔަންމާއިން އާންމުވަމުންދާ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިޔަންމާގެ އަސްކަރީ ބާރުތަކުން މިހާވަރުމިވީ، މިއަދުގެ ފާހަގަ ކުރަމުންދާ 'އާރމްޑް ފޯސަސް ޑޭ" އާ ދިމާކޮށް އެމީހުންގެ ބާރު ދައްކާލުމުގެ ގޮތުންނެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި އެތައްބަޔަކު މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލީ، ވެރިރަށް ނޭޕިޑޯގައި ބޭއްވި އަސްކަރީ ޕެރޭޑޭއްގައި ވާހަކަ ދައްކަވަމުން، އަސްކަރީން މިޔަންމާގެ ޑިމޮކްރަސީއާއި ރައްޔިތުން ހިމާޔަތްކޮށް ރައްކާތެރި ކުރާނޭ ކަމަށް މިޔަންމާގެ އަސްކަރީ ލީޑަރު ސީރިއަރ ޖެނެރަލް މިންގް އަންގް ހްލައިންގް ބުނެފައި ވަނިކޮށެވެ.

އާންމުން މަގުތަކަށް ނުކުތީ، މުޒާހަރާއަށް ނުކުންނަ މީހުންގެ ބޮލަށް ނުވަތަ ބުރަކައްޓަށް ވަޒަން އެރުމުގެ ރިސްކް އެބައޮތްކަމަށް ސަރުކާރުގެ ޓީވީން އިއްޔެ އިންޒާރުވެސް ކޮށްފައި ވަނިކޮށެވެ.

ބަޑިޖަހާނޭކަމުގެ އިންޒާރާއެކުވެސް، ވެރިރަށާއި، ޔަންގޫނާއި، މަންޑަލޭއާއި އަދި އެހެނިގެން ރަށްތަކުގެ މަގުތަކަށްވެސް އެތައްހާސް އާންމުން މިއަދު ނުކުމެފައި ވެއެވެ.

މިޔަންމާ ނާއު ނޫހުން ބުނެފައިވަނީ، ސަލާމަތީ ބާރުތަކުން ބަޑި ޖެހުމުގެ ސަބަބުން މިޔަންމާގެ އެކި ހިސާބުތަކުން މިއަދު 91 މީހުން މަރުވެފައިވާ ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި 93 މީހުން މަރުވެފައި ވެއެވެ.

މަންޑަލޭ ސިޓީން މަރުވި 29 މީހުންގެ ތެރޭގައި އުމުރުން އެންމެ 5 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކުވެސް ހިމެނޭ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

މިއަދުގެ ހާދިސާތަކާ ގުޅިގެން މިޔަންމާގައި ހުންނަ އެމެރިކަ އެމްބަސީންވަނީ، އެއްވެސް ހަތިޔާރެއްނެތި ހުސްއަތާ މުޒާހަރާ ކުރަމުންދާ އާންމުން މެރުން ހުއްޓާލުމަށް އަސްކަރީ ވެރިންނަށް ގޮވލާފައެވެ.

އަސްކަރީން ބަޣާވާތްކުރުމާއި، އަދި އާންމުން މަރައި، ސަލާމަތީ ބާރުތަކުން ހިންގަމުންގެންދާ ޖަރީމާތަކާހެދި ދުނިޔޭގެ ގިނަ ގައުމުތަކުންވަނީ މިޔަންމާގެ އަސްކަރީންނާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ.