ސަރުކާރުގެ " ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2023-2019" ގައި ބޯހިޔާވަހިކަމާ ގުޅޭ މައިގަނޑު 3 ސިޔާސަތެއް ބަޔާންކޮށްފައިވާއިރު ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެކަންކަން ތަންފީޒުކޮށް ނިމިފައިނުވާކަން ފާހަގަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ބުނެފިއެވެ.

އެ ކޮމެޓީން މިހެން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ކޮމެޓީއަށް ފާހަގަކުރެވުނު ކަންތައްތަކާއި ކޮމެޓީގެ ހުށަހެޅުންތައް އާންމުކޮށް ނެރުނު ރިޕޯޓެއްގައެވެ.

އެ ރިޕޯޓްގައި ކޮމިޓީއަށް ފާޙަގަކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ " ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2023-2019" ގައި ބޯހިޔާވަހިކަމާ ގުޅޭ މައިގަނޑު 3 ސިޔާސަތެއް ބަޔާންކޮށްފައިވާކަމަށާއި ނަމަވެސް އެ ސިޔާސަތުތައް ތަންފީޒުކުރުމަަށް އަޅަން ކަނޑައަޅާފައިވާ ފިޔަވޅުތައް އެޅުމަށްޓަކައި ކުރުމަށް ރާވާފައިވާ މަސައްކަތްތައް ނިންމުމަށް ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެކަންކަން ޖުމްލަކޮަށް ތަންފީޒުކޮށް ނިމިފައިވާކަން ފާޙަގަނުކުރެވޭކަމާއި އެ ސިޔާސަތުތަކުގެ އަމާޒަށް މިހާތަނަށް އަދި ވާސިލްވެވިފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

އަދި އެ ކަން ތަންފީޒުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާއި އެ މަސައްކަތްތައް ގޮސްފައިވާ މިންވަރު ސާފުކޮށްދިނުމަށް އެދި މަޖިލީހުން މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ދެންނެވުމުން އެ ސިޓީގެ ޖަވާބު ލިބިފައިނުވާ ކަމަށާއި އެ މަސައްކަތްތައް ސަރުކާރުން ކުރަމުންގެންދާކަން ސާފުނުވާކަމާއި އެ މަސައްކަތްތައް ގޮސްފައިވާ ހިސާބު މިހާތަނަށް އެނގިފައި ނުވާކަންވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް ރިއާޔަތްކުރާއިރު، މާލޭގެ ސަރަޙައްދަށް އަމާޒުކޮށްފައިވާ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުތަކާއި ރާއްޖޭގެ އެހެން ރަށްރަށުގައި ބޯހިޔާވަހިކަން ހަމަޖެއްސުމަށް ރާވާފައިވާގޮތާމެދު ފަރަގެއްވާކަމަށް ފާހަގަކުރެވޭކަން ފާހަގަކޮށް ކޮމެޓީން ނެރުނު ރިޕޯޓުގައިވަނީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް މިހާތަނަށް ނިމިފައިނުވާކަމަށެވެ.

ބިން ލިބުން ދަތި ރަށްރަށުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދުނުމުގެ ގޮތުން ބިން ހިއްކުން ނުވަތަ ސޯޝަލް ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތްކުރާނެކަމަށް ސްޓްރެޖީޓިކް އެކްޝަން ޕްލޭންގައި ބަޔާންކޮށްފައިވާއިރު ބައެއް ރަށްރަށުގައި ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމާއި، ނަމަވެސް އަތޮޅުތެރޭގައި ސޯޝަލް ހައުސިންގ ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދާ މިންވަރު މަދުންކަންވެސް ރިޕޯޓުގައި ފާހަގަކޮށްފަ ހުރި ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

ބޯހިޔާވަހިކަމުގެ އެއްބަސްވުންތަކުގެ ތަފްސީލު ކޮމެޓީން ދިރާސާކުރިއިރު ތަފާތު އެކި ސްޓޭޖްތަކުގައި ހުރި އެއްބަސްވުންތައް ހުރިކަމާއި މަސައްކަތްގޮސްފައިވާ ހިސާބަށް ބަލާއިރު ގިނަ ދުވަސްތަކެއް ފާއިތުވެފައިވާއިރުވެސް މަސައްކަތް ފެށިފައިނުވާ ނުވަތަ މަސައްކަތް ފެށި ކުރިއަށް ގޮސްފައިނުވާ ގިނަ އެއްބަސްވުންތަކެއް ހުރި ކަމަށްވެސް ކޮމެޓީ ރިޕޯޓުގައިވެއެވެ.

ބޯހިޔާވަހިކަމުގެ އެއްބަސްވުންތަކުގެ ތެރެއިން މަސައްކަތް ނިމިފައިނުވާ ނުވަތަ ކުރިއަށްނުދާ ގިނަ އެއްބަސްވުންތަކަށް ރިޢާޔަތްކުރާއިރު އެ އެއްބަސްވުންތަކުގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކާއި އެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި މޮނިޓަރކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްވެފައިނެތްކަން ފާހަގަކޮށް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އެފަދަ ނިޒާމެއް ނެތުމުގެ ސަބަބުން ގަވާއިދުން އެ މަޝްރޫޢުތަކުގެ މަަސައްކަތްތައް ނިންމުމަށް ކަނޑައެޅިފައިވާ ސުންގަޑިތަކަށް މަސައްކަތް ނުނިމި ދިގުދެމިގެންގޮސްފައިވާ ކަމަށެވެ.