ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާގެ ކުރިއަށް އޮތް ފިލްމު "ސާންކީ" ކުޅެން އެކްޓަރު ވަރުން ދަވަން ސޮއިކޮށްފިކަމަށް އިންޑިއާގެ މީޑިއާއިން ބުނެފިއެވެ.

މިވަގުތު އެކްޓަރުގެ ބަކެޓް ލިސްޓުގައި ހުރި ފިލްމުތައް ކަމަށްވާ، ފިލްމު "ބޭޅިޔާ"، ޖުގް ޖުގް ޖިޔޯ" އަދި "އެއްކީސް" ގެ ޝޫޓިންގައި އަވަދިނެތި އުޅެމުން އަންނަ އެކްޓަރު މިފިލްމަށް ސޮއިކުރުމާ ގުޅިގެން ބެލެވޭގޮތުގައި އޭނާގެ މިއަހަރުގެ ޝެޑިއުލް ފުދޭވަރަކަށް ބިޒީވާނެއެވެ.

ޚަބަރު ލިބޭގޮތުގައި ފިލްމު "ސާންކީ" އަކީ، 2016 ވަނަ އަހަރު ރިލީޒްކުރި ކްރައިމް ތްރިލަރ ފިލްމު "ދުރުވަންގަލް ޕަތިނާރު" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ މިފިލްމުގައި ކިޔައިދެނީ ފުލުހުންގެ މައްސަލަތަކެއް ތަހުގީގު ކުރުމުގެ ތެރޭގައި ހަށިގަނޑުގެ ގުނަވަނެއް ގެއްލޭ ފުލުހަކު އޭނާގެ ދިރިއުޅުމާއިގެން ކުރިއަށްދާ ގޮތުގެ ވާހަކަތަކެވެ.

ވަރުން މިހާރުވެސް ޝޫޓްކުރަމުންދާ ފިލްމު "ބޭޅިޔާ" ގައި އޭނާ ފެނިގެންދަނީ ހިޔަޅެއްގެ ސިފައަށް އެކްޓަރު ބަދަލުވެގެންދާ މަންޒަރެވެ.

އެއާއެކު އޭނާ ދެންކުޅޭ ފިލްމު "އެއްކީސް" ގައި އެކްޓަރު ފެނިގެންދާނީ ހިތްވަރުގަދަ ސިފައިންގެ މީހެއްގެ ރޯލުންނެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަމަޅަ ފިލްމު "ދުރުވަންގަލް ޕަތިނާރު" ގެ މެއިން ކެރެކްޓަރ ކުޅެފައިވަނީ 80 ގެ އަހަރުތަކުގެ ތެރޭގައި ތަމަޅަ ސިނަމާގެ އެންމެ ކާމިޔާބު އެކްޓަރު ރަހްމާންއެވެ.

އިންޑިއާގެ މީޑިއާއިން ޚަބަރުދޭގޮތުގައި ހިންދީ ފިލްމުގައި ވަރުންއާއެކު ބަތަލާއެއްގެ ރޯލުން ފެނިގެންދާނީ ފިލްމު "ކޭސަރީ" ގެ ވެސް ބަތަލާ ޕަރިނީތީ ޗޯޕްރާއެވެ.

ފިލްމު "ސާންކީ" އަކީ މި ދެ އެކްޓަރުން މެއިން ލީޑްއިން އެކީގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

ޚަބަރު ލިބޭގޮތުގައި ވަރުން މިފިލްމުގެ ޝޫޓިންގް ފަށަން ގަސްތުކޮށްފައިވަނީ އޭނާގެ އަތުގައި މިވަގުތުހުރި ފިލްމުތަކުގެ ޝޫޓިންގް އެއްކޮށް ނިންމާލުމަށްފަހުއެވެ.

މިވަގުތު އިންޑިއާގެ ހިންދީ ސިނަމާގައި ހުރި އެންމެ ކާމިޔާބު އަދި އުއްމީދީ ޒުވާން އެކްޓަރު މިހާތަނަށްވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައެވެ.

ގިނަބަޔަކު ޒުވާން ގޯވިންދާގެ ނަމުން މުޚާތަބްކުރާ އެކްޓަރުގެ ފާހަގަކޮށްލެވޭ ގިނަ ފިލްމުތަކަކީ ހެއްވާ މަޖާ ސްޓޯރީތަކެއްގެ މައްޗަށް ބިނާކޮށް އޯޑިއަންސަށް ގެނެސްދީފައިވާ ފިލްމުތަކެކެވެ.