"މިތަނުގައި ހޭދަކުރެވޭ ކޮންމެ ވަގުތު ކޮޅަކީވެސް އުފަލުން ފުރިގެންވާ ވަގުތުކޮޅެއް" މިއީ ދާދިފަހުން ކައިވެނީގެ ގޮށް ޖަހާފައިވާ ބޮލީވުޑުގެ ބަތަލާ ދިއާ މިރްޒާ އޭނާގެ އިންސްޓަގްރާމް ޕޯސްޓްތަކުގައި ދިވެހި ރާއްޖެ ސިފަކޮށް ލިޔެފައިވާ އިބާރާތްކޮޅެކެވެ.

މިދިޔަމަހު 15 ގައި އިންޑިއާގެ ކާމިޔާބު ވިޔަފާރިވެރިޔާ ވައިބާވް ރޭކީއާ ކައިވެނިކޮށްފައިވާ 39 އަހަރުގެ ބަތަލާ އޭނާގެ ހަނީމޫންއަށް ރާއްޖެ އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

މިދެމަފިރިން އެމީހުންގެ އުފާވެރި ޗުއްޓީގެ ދުވަސްތައް ހޭދަކުރަމުން އަންނަނީ ޖޭއޭ މަނަފަރު ރިސޯޓުގައެވެ.

ދިއާ މިރްޒާއާއި ވައިބާވްގެ ކައިވެނި ކުރެވިފައިމިވަނީ ދިއާގެ 5 އަހަރުވީ ފުރަތަމަ ކައިވެނި ރޫޅުނުތާ އަހަރެއްހާ ދުވަސްފަހުންނެވެ.

ދިއާ އެންމެ ފުރަތަމަ ބޮލީވުޑަށް ތަޢާރަފްވެ ގިނަ ބައެއްގެ މެދުގައި މަޤްބޫލުވެގެންދިޔައީ 2001 ވަނަ އަހަރު ރިލީޒްވީ އޭނާގެ ފުރަތަމަ ފިލްމު "ރެހެނާހޭ ތެރޭ ދިލްމޭން" އިންނެވެ.

އެއަށްފަހު ފިލްމު "ދަމް"، "ދީވާނާޕަން"، "ތުމްކޯ ބޫލް ނާ ޕާއޭންގޭ" ފަދަ ރީތި ފިލްމުތައް އޭނާވަނީ ކުޅެފައެވެ.

2000 ވަނަ އަހަރު މިސް އޭޝިއާ ޕެސިފިކްގެ ތާޖާއެކު ބޮލީވުޑަށް ނުކުތް ނަމަވެސް ބަތަލާ ދިއާއަށް ބޮލީވުޑުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލު ކުރެވިފައެއް ނުވެއެވެ.

ފަހަކަށް އައިސް ދިއާ މުޅީންވެސް ފެނިފައިވަނީ ފިލްމުތަކުގައި ސަޕޯޓިންގް ރޯލްތަކުންނެވެ.

ދާދިފަހުން އޭނާވަނީ ޒީ5 އިން ގެނެސްދިން ވެބް ސީރީސް "ކާފިރް" ގައި މެއިން ލީޑްއިން ފެނިގެން ގޮސްފައެވެ.

އިންޑިއާގެ ކަޝްމީރްގައި މިސީރީޒްގެ ބޮޑު ބައެއް ޝޫޓްކުރެވިފައި ވާއިރު ގިނަ ބަޔަކުވަނީ ސީރީސްގައި އޭނާ ދައްކުވައިދީފައިވާ ރޯލް ފުރިހަމަކަމުން ތައުރީފްކޮށްފައެވެ.

ހަމައެއާއެކު މިދިޔަ އަހަރު ބޭއްވި އިންޑިއާގެ ޝަރަފްވެރި އެވޯޑް ދާދާ ސާހެބް ޕަލްކޭ އެވޯޑްވެސް މިސީރީސްގައި އޭނާ ކުޅެފައިވާ ރޯލަށްވަނީ ލިބިފައެވެ.

ފަހަކަށް އައިސް ދިއާ ބޮޑަށް މަޝްހޫރު ވެފައިވަނީ ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ޖަނަވާރުންގެ ހައްގުތައް ހޯދައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ފަންނާނެއްގެ ގޮތުގައެވެ.

ދިއާއަކީ ޔުނައިޓެޑް ނޭޝަންސްގެ ތިމާވެއްޓާބެހޭ ގުޑްވިލް އެމްބެސެޑަރުގެ އިތުރުން އިންޑިއާގެ ޑަބްލިޔު.ޓީ.އައިގެ ބްރޭންޑް އެމެބެސެޑަރު ވެސްމެއެވެ.

ދެން އެންމެ އަވަހަށް ދިއާ ފެނިގެންދާނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ވައިލްޑް ޑޯގް" އިންނެވެ.

މިފިލްމުގައި ދިއާއެކު ފެންނާނީ ތެލުގޫ އެކްޓަރު ނާގުރްޖުނާ އަކިނޭނީއެވެ.