އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބަނގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅާ ދެކޮޅަށް ފެށުނު މުޒާހަރާތައް މުޅި ބަނގްލަދޭޝްއަށް ފެތުރިއްޖެއެވެ.
މައްސަލަ އިތުރަށް ހޫނުވީ، މޯދީގެ ދަތުރުފުޅާ ދެކޮޅުހެދުމަށް ބަނގްލަދޭޝްގެ ހަޒްރަތޭ އިސްލާމް ނަމަކަށްކިޔާ ޖަމާއަތެއްގެ ސަޕޯޓަރުން މަގުތަކަށް ނުކުމުގެ ކުރި މުޒާހަރާގެ ތެރެއަށް ފުލުހުން ބަޑިޖަހައި 10 މީހުން މަރާލުމާ ގުޅިގެންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބަނގްލަދޭޝްއަށް ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުއެވެ.
މޯދީ ބަނގްލަދޭޝްއަށް ވަޑައިގެންނެވީ އެގައުމުގެ 50 ވަނަ މިނިވަންދުވަސް ފާހަގަކުރުމާއި، ބަނގްލަދޭޝްގެ މިނިވަންކަމުގެ ބާނީ ޝައިޚް މުޖީބުއްރަހްމާންގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި އިހުތިފާލުގައި ބައިވެރިވެވަޑައި ގަތުމަށެވެ.
މޯދީ ބަނގްލަދޭޝްއިން ފުރާވަޑައިގެންނެވީ ބޮޑުވަޒީރު ޝައިޚް ހަސީނާއަށް 1.2 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކުރެއްވުމަށް ފަހުގައެވެ.
އެހެން ނަމަވެސް، މޯދީއާއި، އޭނާގެ ހަރުކަށި ބީޖޭޕީގެ ސަރުކާރުން އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ނުރުހުން ފާޅުކޮށް އަޑުއުފުލަން ހުކުރު ދުވަހު މަގުތަކަށް ނުކުތް މީހުންގެ ގަޔަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުން 5 މީހުން މަރުވިއެވެ. އަދި އިއްޔެ 6 މީހުން މަރުވިއެވެ.
މިހާރު މުޒާހަރާތައްވަނީ މުޅި ބަނގްލަދޭޝްއަށް ފެތުރިފައެވެ.
މުޒާހަރާ ކުރާ ހަޒްރަތޭ އިސްލާމްގެ އެތައްސަތޭކަ ބަޔަކު މިއަދުވަނީ ބަނގްލަދޭޝްގެ އިރުމަތީ ބްރަހަމްބާރިއާ އަވަށުގައި ހިންދޫންގެ ފައްޅިތަކަށާއި، ރޭލަކަށްވެސް ހަމަލާދީ، ބޮޑެތި ހަމަނުޖެހުން ހިންގާފައެވެ.
އަދި އެ އަވަށުގެ ސަރުކާރުގެ އެތައް އޮފީހެއްގައިވެސް ހުޅުޖަހާފައިވާ ކަމަށް މީޑިއާއިން ބުނެއެވެ. އަދި ދެބަހެއްގައިވެސް އަލިފާން ރޯކޮށްލާފައި ވެއެވެ.
މިކަމުގެ ތެރޭގައި މުޒާހަރާ ކުރާ މީހުންނާއި، ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި އެތައްބަޔަކަށް އަނިޔާވެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. މުޒާހަރާ ކުރާ މީހުންވަނީ ފުލުހުންނަށް އޮށްގަލުން ހަމަލާދީފައެވެ.
ވެރިރަށް ޑާކާގެ ރަށްބޭރުގައި އޮންނަ ނަރަޔަންގަންޖްގައި އޮނާއި ވެލިބަސްތާ ޖަހައިގެން މަގުތައް ބަންދުކުރުމުން ފުލުހުންވަނީ ރަބަރު ވަޒަނާއި، ކަރުނަ ގޭހުން އެމީހުންނަށް ހަމަލާދީފައެވެ. މިކަމުގެ ސަބަބުންވެސް އެތައްބަޔަކު ޒަޚަމްވިކަމަށް ރިޕޯޓްތައް ބުނެއެވެ.