އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ މަހާރަޝްޓްރާގައި މިއަދުން ފެށިގެން ރޭގަނޑަށް ކާފިއު ހިންގައިފިއެވެ.

މަހާރަޝްޓްރާ ސްޓޭޓްގައި ރޭގަނޑަށް ކާފިއު މިހިންގީ، އެ ސްޓޭޓްގައި ކޮވިޑް ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާން ފެށުމާ ގުޅިގެންނެވެ.

މަހާރަޝްޓްރާ ސްޓޭޓްގައި ހިމެނޭ އިންޑިއާގެ ފައިނޭޝިއަލް ކެޕިޓަލް މުމްބާއީމް އެކަނިވެސް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 6،123 މީހުން އަލަށް ޕޮޒިޓިވް ވެފައި ވެއެވެ. މިއީ، މިދިޔަ އަހަރުގެ މާޗްގެފަހުން އެ ސިޓީން އެއް ދުވަހެއްގައި މިހާ ގިނަބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 ވައިރަހުގެ އިތުރުން، މަހާރަޝްޓްރާ ސްޓޭޓުގެ އެތައް ބައެއްގެ ގައިން ކޮވިޑްގެ މުޅިން އައު ވޭރިއެންޓެއްވެސް ފެނިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން މިދިޔަ ހަފްތާގައި ބުނެފައި ވެއެވެ.

މުމްބާއީގެ މޭޔަރ ކިޝޯރު ޕެދްނީކަރު ވިދާޅުވީ، މުމްބާއީގައި ގިނައިން އަލަށް ޕޮޒިޓިވްވަމުންދަނީ ޖިފުޓިތަކުގައި އުޅޭ މީހުންގެ ބަދަލުގައި އުސް އިމާރާތްތަކުގައި އުޅޭ މީހުން ކަމަށެވެ.

ބަލިމީހުން ގިނަވެ މުމްބާއީގެ ހޮސްޕިޓަލްތައް ފުރެމުންދާ ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.

އެހެންކަމުން، ބަލި ފެތުރުން ހުއްޓުވުމުގެ ފިޔަވަޅުގެ ދަށުން، އަސާސީ ޚިދުމަތްތައް ފިޔަވައި ހުރިހާ ޚިދުމަތްތަކެއް މިއަދުން ފެށިގެން މެދުކަނޑާލާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން، ހޮޓާތަކާއި، ޝޮޕިން މޯލްތައް ރޭގަނޑަކަށް ބަންދުކުރަން ވަނީ އަންގާފައެވެ.

މުޅި އިންޑިއާއަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 62،714 މީހުން އަލަށް ޕޮޒިޓިވްވެފައިވާ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. މިއީ، މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ފަހުން އެއްދުވަހެއްގައި މިހާ ގިނަ ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 312 މީހުން ބަލީގައި މަރުވެފައި ވެއެވެ.

މަހާރަޝްޓްރާގެ އިތުރުން، ކޮވިޑް ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ސްޓޭޓްތަކުގެ ތެރޭގައި ކެރަލާ، ޕަންޖާބް، ކަރްނާޓަކާ، ގުޖަރާތު، ޓެމިލް ނާޑޫ، ހަރިޔާނާ އަދި މަދިޔަ ޕްރަދޭޝްވެސް ހިމެނެއެވެ.

އިންޑިއާގައި ބަލީގެ ހާލަތު ހައްތަހާ ގޯސްވަމުން ދިއުމާއި، މިހާތަނަށް ވެކްސިން ޖެހިފައިވަނީ އާބާދީގެ މަދުބަޔަކަށް ކަމަށްވާއިރު، އެހެން ގައުމުތަކަށް ވެކްސިން އެކްސްޕޯޓްކުރުމަށް ސަރުކާރުން އެހާބޮޑު ސަމާލުކަމެއްދޭ މައްސަލާގައި އިންޑިއާގެ ރައްޔިތުން މިހާރު ސުވާލު އުފައްދަމުން އެބަގެންދެއެވެ.

އިންޑިއާއިން މިހާތަނަށްވަނީ ދުނިޔޭގެ 77 ގައުމަކަށް 61 މިލިއަން ޑޯޒްގެ ވެކްސިން އެކްސްޕޯޓްކޮށްފައެވެ. އެއީ، ހަދިޔާކުރި ވެކްސިނާއި، ވިޔަފާރި އުސޫލުން އެކްސްޕޯޓްކުރި ވެކްސިނެވެ.