ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އަދި އެންމެ ހައިބަތު ބޮޑު މުބާރާތް، ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން އެންމެ ފަހުން ވޯލްޑް ކަޕް ކާމިޔާބުކޮށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފްރާންސް އާއި ވަރުގަދަ ސްޕެއިން އަދި އިންގްލެންޑް މޮޅުވެއްޖެއެވެ.

އެގޮތުން ގްރޫޕް ޑީގައި ޗެމްޕިއަން ފްރާންސް މޮޅުވީ ކަޒަކްސްތާނާއި ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ފްރާންސްގެ ދެލަނޑުވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން 20 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީ ލީޑު ނަގައިދިނީ ޒުވާން ފޯވާޑް އޮސްމާނޭ ޑެމްބެލޭ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑަކީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ކަޒަކްސްތާނުގެ ސާހީ މާލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ފްރާންސް އަށްވަނީ ދެވަނަ ހާފުގައި އިތުރު ލަނޑެއް ކާމިޔާބުކުރުމަށް ޕެނަލްޓީއެއްވެސް ލިބިފައެވެ. އެހެންނަމަވެސް އިތުބާރު ފޯވާޑް، ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ، ކަޒަކްސްތާނުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ކޮލިފައިންގެ ދެވަނަ މެޗު ފްރާންސް އިން ކާމިޔާބުކުރިއިރު އެޓީމުން ކޮލިފައިންގ ގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ޔޫކްރެއިން އަތުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ޖުމްލަ 4 ޕޮއިންޓާއެކު ފްރާންސް އޮޓީ މި ގްރޫޕުގެ އެއްވަނައިގައެވެ. ދެވަނައިގައި ފިންލެންޑް އަދި ތިންވަނައިގައި ޔޫކްރެއިން އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އާދިއްތަ ދުވަހުގެރޭ މިދެޓީމުގެ ކުރިމަތިލުނު ނިމުނީ އެއްވަރުވެގެންނެވެ.

ސްޕެއިން އާއި ޖޯޖިއާ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން ގްރޫޕް ބީގައި ސްޕެއިން އާއި ޖޯޖިއާ ބައްދަލުކުރިމެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕެއިން އެވެ.

ޖޯޖިއާގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް އެގައުމުންނެވެ. އެގޮތުން ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޚްވިޗާ ކްވާރަޓްސްޚީލިއާއެވެ. އެހެންނަމަވެސް އެގައުމަށް މިލީޑުގައި މާގިނައިރު އޮވެވޭގޮތެއް ނުވިއެވެ. ދެވަނަ ހާފުގެ ކުޅުންފަށައިން 11 ވަނަ މިނެޓުގައި ސްޕެއިން އިންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ސްޕެއިން އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް އެވެ.

ސްޕެއިން އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގާ މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައެވެ. މިލަނޑު އެގައުމަށް ކާމިޔާބުކޮށްދިނީ ޑަނިއެލް އޮލްމޯ އެވެ.

ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން 1-1 ގެ ނަތީޖާއަކުން ސްޕެއިން އާއި ގްރީސްގެ ކުރިމަތިލުން އެއްވަރުވިއިރު ދެމެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ސްޕެއިން އޮތީ މި ގްރޫޕުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ އާދިއްތަ ދުވަހުގެރޭ ކޮސޯވޯ އަތުން މޮޅުވި ސްވިޑެންއެވެ. ސްވިޑެން ވަނީ މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައެވެ.

އިންގްލެންޑާއި އަލްބޭނިއާބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑް އާއި އަލްބޭނިއާ ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންގްލެންޑެވެ.

އަލްބޭނިއާގައި ކުޅުނު މިމެޗުގައި އިންގްލެންޑް އިން ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑުނެގީ މެޗުގެ ފުރަތަމަ ހާފުގައެވެ. މިލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ. މިއީ ލޫކް ޝޯ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކޭން ކާމިޔާބުކުރި ލަނޑެކެވެ. އަދި މިއީ އިނގިރޭސި ގައުމީ ޖާޒީގައި އޭނާ ކާމިޔާބުކުރި 33 ވަނަ ލަނޑުވެސް މެއެވެ.

ދެވަނަ ހާފުގައިވެސް މޮޅަށްކުޅެ ތަފާތު ދެއްކީ އިންގްލެންޑެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު ފިލް ފޯޑެން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އަލްބޭނިއާގެ ކީޕަރުގެ އަތުގައި ޖެހިފައި ގޯލްގެ ދަނޑިއަށް އަމާޒުވިއިރު އޭގެ ފަހުން ކޭން ވެސްވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އިންގްލެންޑް ގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑުފުޅާކޮށްދިނީ މޭސަން މައުންޓް އެވެ.

މި މެޗުން އިންގްލެންޑް މޮޅިވިއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން އިންގްލެންޑް ވަނީ ސެން މެރީނޯ އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން ގްރޫޕް އައިގެ އެއްވަނައިގައި އިންގްލެންޑް އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. އަދި މި ގްރޫޕުގެ ދެވަނައިގައި އޮތް ޕޮލެންޑާއި ތިންވަނައިގައި އޮތް ހަންގޭރީއަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.