ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފިކޭޝަންގައި ރޭކުޅުނު މެޗުތަކުން ފުޓުބޯޅައިގެ ގަދަބާރު ޖަރުމަނާއި އިޓަލީ އިން މުހިންމު މޮޅެއް ހޯދައިފިއެވެ.

އެގޮތުން ގްރޫޕް ޖޭގައި ކުޅުނު މެޗުން ރޯމޭނިއާ އަތުން ޖަރުމަނު މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.

ރޯމޭނިއާގައި ކުޅުނު މިމެޗުގައި ޖަރުމަނު ޓީމުން މޮޅުކުޅުމެއް ދެއްކި ނަމަވެސް އެޓީމަށް މައްސަލަތަކަކާއި ކުރިމަތިވީ ލިބޭ ފުރުސަތުތައް ގޯލަކަށް ބަދަލުކުރުމުގައެވެ. މެޗުގައި ޖަރުމަނު ޓީމުން އެންމެ ލަނޑެއް ކާމިޔާބުކޮށްފައިވާއިރު މިލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކައި ހަވާޓްސް ތަނަވަސްކޮށްދިން ފުރުަސަތަކުން ކާމިޔާބުކޮށްދިނީ ސާޖް ގްނަބްރީ އެވެ.

ލަނޑަށްފަހުވެސް ޖަރުމަނު ޓީމުން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، ގިނަ ހަމަލާތައް ގޯލަށް ވަނުމަށް ހުރަހަކަށް ވަނީ ރޯމޭނިއާގެ ކީޕަރު، ފްލޮރިން ނިޓާ އެވެ. އެގޮތުން ގްނަބްރީގެ އިތުރު ހަމާއެއްގެ އިތުރުން ޓިމޯ ވާނާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއްވެސް ނީޓާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފަހުވަގުތުކޮޅުގެ ތެރޭގައި ރޯމޭނިއާއިންވެސް ވަނީ ރަނގަޅު ހަމަލާއެއް އުފައްދާފައެވެ. އެހެންނަމަވެސް ޖަރުމަނުގެ ތަޖުރިބާކާރު ކީޕަރު، މެނުއެލް ނޯއާ ވަނީ ނިކޮލާއި ސްޓޭންޗޫ ފޮނުވާލި ބޯޅަ ދިފާއުކޮށްފައެވެ.

މި މެޗުން ޖަރުމަން މޮޅިވިއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ޖަރުމަން ވަނީ އައިސްލެންޑް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން ގްރޫޕް ޖޭގެ އެއްވަނައިގައި ޖަރުމަން އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. އަދި މި ގްރޫޕުގެ ދެވަނައިގައި އޮތް އާމީނިއާއަށްވެސް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އާމީނިއާ ވަނީ އަމިއްލަ ދަނޑުގައި އައިސްލެންޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އިޓަލީ އާއި ބަލްގޭރިއާ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން ގްރޫޕް ސީގައި އިޓަލީ އާއި ބަލްގޭރިއާގެ ކުރިމަތިލުން 0-2 އިން ކާމިޔާބުކުރީ އިޓަލީއެވެ.

ބަލްގޭރިއާގައި ކުޅުނު މިމެޗުގައި އިޓަލީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔައިރު މެޗުގައި އިޓަލީ އިން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ އަކުންނެވެ. އޭރިއާ ތެރެއިން ބެލޮއްޓީއަށް ބަލްގޭރިއާގެ ޑަނިއެލް ޑިމޯވް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެއް ގޯލްގެ ތެރެއަށް ވައްދާލައިގެން މިލަނޑު ކާމިޔާބުކޮށްދިނީވެސް ބެލޮއްޓީއެވެ. މެޗުގައި އިޓަލީއަށް ލީޑު ފުޅާކޮށްދިން ލަނޑު، މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަނުއެލް ލޮކަޓެއްލީއެވެ.

މި މެޗުން އިޓަލީ މޮޅިވިއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން އިޓަލީ ވަނީ ނޯދަން އަޔަލެންޑާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން ގްރޫޕް ސީގެ އެއްވަނައިގައި އިޓަލީ އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. އަދި މި ގްރޫޕުގެ ދެވަނައިގައި އޮތް ސްވިޓްޒަލެންޑަށްވެސް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ސްވިޓްޒަލެންޑް ވަނީ އަމިއްލަ ދަނޑުގައި ލިތުއޭނިއާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.