ޕްރޮސިކިއުޓާ ޖެނެރަލްއަކީ މުސްތަގިއްލު ބޭފުޅެއް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތަސް އެކަން އެގޮތަށް ގަބޫލުކުރަން ދެކޮޅުކަމަށް، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމި މައްސަލައިގެ ތަހުގީގެއް ކޮށްދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެމްމަބަރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން މެމްބަރު މީކާއިލް ވިދާޅުވީ، މުސްތަގިއްލު ކަމަށް ބުނާ ޕީޖީ ބައެއް އަމިއްލަ ޓީވީތަކުގަ ރަސްމީ ހައިސިއްޔަތު ނޫންގޮތަށް އޭސީސީގައި ހިނގަމުންދާ މައްސަލަތަކުގެ ވާހަކަ ދައްކަވާ ކަމަށެވެ.

މުސްތަގިއްލުކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ޕީޖީއަކަށް ޓީވީ ޕްރޮގްރާމެއްގެ މަޒާޖީ ޕްރޮގްރާމެއްގަ އަރައިވަޑައިގެން މިހާރު ހިނގަމުންދާ ކޭސްއެއްގެ ވާހަކައެއް ނުދެއްކެވޭނެ. އެއީ އަންއެތިކަލް ކަމެއް. އެއީ އެމަނިކުފާނުގެ މުސްތަގިއްލުކަމާމެދު ސުވާލު އުފެދޭ ކަމެއް. އަޅުގަނޑުމެން މަޖިލީހުގެ މެޖޯރިޓީ ނަގައިގެންތިބެ އެ ޕްރޮސިކިއުޓާ ޖެނެރަލް އެ މަގާމުގައި ބަހައްޓައިގެން އަޅުގަނޑުމެން ކުރިއަށްދާން އަޅުގަނޑުމެން ޕާޓީއެއްގެ ސިފައިގައި ކުރިއަށްދާން ލަދުގަންނަންޖެހޭ."
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

އެމްޑީޕީ ވަގު ލޭބަލްއިން ސަލާމަތްކުރަން ބޭނުންވާނަމަ ކުރަންވީ ކަމަކީ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުންތައް ވަގުތުން ގެނެސްދިނުން ކަމަށާއި އެކަން ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅާނެ ކަަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

އެމްޑީޕީއަށް ކުރިން ޝައުގުވެރިކަން އުފެދިގެން އައީ އެމްޑީޕީގެ އޭރުގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންގެ ބުރުސޫރަ ރީތިވެގެން ނޫން ކަމަށާއި އެމްޑީޕީން އަބަދުވެސް ހިފަހައްޓަމުން އައި އަސާސްތަކާއި ގެންގުޅުނު އުސޫލުތަކެއް ކަމުގޮސްގެން ކަމަށް މީކާއިލް ވިދާޅުވިއެވެ.

އެހެންނަމަވެސް މިއަދު މިވާހަކަތައް ދައްކަން ބިރުގަންނަކަން ފާހަގަކުރައްވާ މެމްބަރު ވަނީ އެމްޑީޕީއަށް ނިސްބަތްވެ ހުރެ އެ ޕާޓީ ސަރުކާރުގެ މެޖޯރިޓީގައި އޮވެ ވައްކަމުގެ ލޭބަލް އެޅެމުންދާކަމަށް ވިދާޅުވެފައެވެ.

ހެލްތު މިނިސްޓަރަކަށް އެފަދަ ތުހުމަތުތަކެއް ކުރެވެމުންދިޔަ ދަނޑިވަޅު އެމަނިކުފާނު އެ މަގާމުގައި ހުރެގެންނުވާނެ. އެހެންނަމަވެސް ހަތަރު މަސް ފަހުން ނޫނީ އެމަނިކުފާނު ވަކިވެގެންދިޔަ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނުނު. މިއީ އަޅުގަނޑު އެމްޑީޕީ މެމްބަރެއްގެ ހައިސިއްޔަތުން ކަންބޮޑުވާ ކަމެއް."
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

ކުރީގެ ހެލްތު މިނިސްޓަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވެމުންދިޔަ ދަނޑިވަޅުގައިވެސް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން އިސްނަގައިގެން މަސައްކަތްތަކެއް ފެށި ކަމަށާއި އެހެންނަމަވެސް ސަރުކާރެއްގެ ސިފައިގައި އަންނަންޖެހޭ އަވަަސްމިނުގަ ފިޔަވަޅުތައް އެޅެމުން ނުދިޔަކަމީ މިހާލަތުގައި ފާހަގަކުރާ ކަމެއް ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.