މިމަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް އަރައިފިއެވެ.

މިއީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން އެއް މަހެއްގެ މައްޗަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަހެވެ.

މިމަހު ރާއްޖެ ޒިޔާރަތްކުރި އެއް ލައްކަވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރާއްޖެ ޒިޔާރަތްކުރި އެއް ލައްކަވަނަ ފަތުރުވެރިޔާއަކީ މިސްރަށް ނިސްބަތްވާ ހަނާ މުހައްމަދު އަހުމަދު ކާމެލް މުސްތޮފާއެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު ޝެޑިއުލްކޮށްފައި އޮތް ގަތަރު އެއާވޭސްގެ ފްލައިޓެއްގައެވެ.

މި ދަތުރުގައި ހަނާ ހުރުމަށް ހަމަޖެހިފައިވަނީ އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ހާލަތުގެ ކުރިން ކޮންމެ މަހަކުވެސް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވީނަމަވެސް، ބޯޑަރު އަލުން ހުޅުވާލިފަހުން އެއް މަހަކު އެންމެ ގިނަ ފަތުރުވެރިން މިމަހު ޒިޔާރަތް ކޮށްފައިވާއިރު މިއީ ރާއްޖޭގެ އިގްތިސޯދު އަނބުރާ ކޮޅަށް ޖެހުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ކާމިޔާބީ ފާހަގަކުރައްވައި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ މިކަން ކާމިޔާބު ކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 3 ލައްކައަށް އަރަން ގާތްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.