އޭއެފްސީ ކަޕުގެ ޑްރީމް ޓީމެއް ހޮވުމުގެ ގޮތުން މުބާރާތުގެ އެންމެ މޮޅު ފޯވާޑުން ހޮވުމަށް ކުރިއަށްދާ އޮންލައިން ވޯޓިންގް ޕޯލްގައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގް (ދަގަނޑޭ) ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.

އެގޮތުން އޭއެފްސީ ކަޕުގައި ކުޅެފައިވާ 13 ފޯވަޑުން ޝޯޓްލިސްޓުކޮށް އޭއެފްސީން ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ދަގަނޑޭގެ އިތުރުން މި ލިސްޓުގައި ދެން ހިމެނެނީ އަވައްޓެރި އިންޑިއާގެ އެންމެ މޮޅު ފޯވާޑް ސުނިލް ޗެތުރީ އާއި، އިރާގުގެ ހަންމާދީ އަހްމަދް، ފިލިޕީންސްގެ ސެރެސް-ނެގްރޮސް އަށް ކުޅެފައިވާ ސްޕެއިން ފޯވާޑް ބިއެންވެނިޑޯ މެރިންޔޯންގެ އިތުރުން ސިންގަޕޫރުގެ އެލެކްސަންޑަރ ޑިއުރިކާއި ލުބުނާނުގެ މުހައްމަދު ގަދަރް، ޖޯޑަންގެ މަހްމޫދު އާއި އިރާގުގެ އަމްޖަދް ރާދީ އަދި ބްރެޒިލް އަށް ނިސްބަތްވާ ފޯވާޑް ރީކޯ، ޓިއުނީޝިއާގެ އިއްސާމް ޖެމާ، ޖޯޑަންގެ އަބްދުލްހާދީ އަލް މަހަރްމޭ އަދި ސީރިއާގެ ރާޖާ ރަފޭ އާއި ތަޖިކިސްތާނުގެ މަނުޗެހްރް އެވެ.

ޝޯޓް ލިސްޓް ކުރެވިފައިވާ 13 ފޯވާޑުން

އޭއެފްސީން ހޮނިހިރު ދުވަހު ވޯޓިންގ ޕޯލް ހުޅުވާލިއިރު، އާދިއްތަ ދުވަހުގެ ހަވީރު 16:00 އާއި ހަމައަށް ދަގަނޑޭއަށް ލިބިފައިވަނީ ވޯޓުލާފައިވާ މީހުންގެ 15.12 އިންސައްތަ ވޯޓެވެ.

އާދިއްތަ ދުވަހުގެ ހަވީރު 16:00 އާއި ހަމައަށް ނަތީޖާ

އެހެންނަމަވެސް އާދިއްތަ ދުވަހުގެ ރެއިން ފެށިގެން ދިވެހިން މީސްމީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ކުރިއަށް ގެންދިޔަ އޮންލައިން ކެމްޕޭންތަކާއި އެކު ހޯމަ ދުވަހުގެ 14:15 އާއި ހަމައަށް އައިއިރު އަޝްފާގް އަށް ލިބިފައިވާ ވޯޓުގެ އަދަދު ވަނީ 46.3 އިންސައްތައަށް ކުރިއަށް ޖެހިލާފައެވެ.

ހޯމަ ދުވަހުގެ މެންދުރު 14:15 އާއި ހަމައަށް ނަތީޖާ

ޑްރީމް ޓީމުގެ އެންމެ މޮޅު ފޯވަޑުންގެ ނޮމިނޭޝަންގައި ދަގަނޑޭ ވާދަކުރާއިރު އޭނާ ވަނީ އޭއެފްސީން ހުޅުވާލި އެންމެ ރީތި ގޯލު ހޮވުމަށް ބޭއްވި ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްފައެވެ. އެ ލަނޑަކީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއު ރޭޑިއަންޓުން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 ގެ ނަތީޖާއަކުން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހައިދިން ހިތްގައިމު ސޯލޯ ލަނޑެވެ.

އޭއެފްސީ ކަޕަކީ ދަގަނޑޭގެ ކެރިއަރުގައި ބޮޑުބައެއް ހިއްސާކޮށްފައިވާ މުބާރާތެކެވެ. އުމުރުން 18 އަހަރުގައި އޭއެފްސީ ކަޕުގައި ކުޅެން ފެށި ދަގަނޑޭ ވަނީ ކޮންމެ މުބާރާތެއްގައި ވެސް ބޮޑު ތަފާތެއް ދައްކާ ރީތި ލަނޑުތަކެއް ކާމިޔާބުކޮށްފައެވެ.

މިހާތަނަށް އޭއެފްސީ ކަޕުގައި 10 އަހަރު އޭނާ ފެނިފައިވެއެވެ. މީގެތެރޭގައި 2005 ވަނަ އަހަރު ނިއުރޭޑިއަަންޓް މުބާރާތުގެ ސެމީފައިނަލަށް ދިޔަ ފަހަރު ފާހަގަކޮށްލެވެއެވެ. އެފަހަރުގެ މުބާރާތުގައި ވެސް ދަގަނޑޭ ވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައެވެ. ދަގަނޑޭ ހިމެނެނީ އޭއެފްސީ ކަޕުގެ އެންމެ ގިނަ ލަނޑުޖެހި ކުުޅުންތެރިންގެ ލިސްޓުން ހަތްވަނައިގައެވެ. އެއީ ޖުމްލަ 29 ލަނޑު އެ މުބާރާތުގައި ޖަހައިގެންނެވެ.

އޭއެފްސީ ކަޕުގެ މޮޅު ފޯވާޑުންގެ ތެރޭގައި ދަގަނޑޭ ހިމެނުނުއިރު، މީގެ ކުރިން އޭއެފްސީން އެކުލަވާލީ މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ވެސް ވަނީ ހިމެނިފައެވެ. އެކަމަކު އޮންލައިން ވޯޓު މަދުވުމާއެކު ޑްރީމް ޓީމުގައި އޭނާ ހިމެނިފައެއް ނުވެއެވެ.

އޭއެފްސީ ވެބްސައިޓް މެދުވެރިކޮށް ކުރިއަށްދާ މި ވޯޓުގައި އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 02:00 އާ ހަމައަށް ދަގަނޑޭއަށް ވޯޓު ދެވޭނެއެވެ. އޮންލައިން ވޯޓުން ހޮވާ ޑްރީމް ޓީމު އެކުލަވާލަނީ 3-4-3 ފޯމޭޝަނަށް ކަމަށް އޭއެފްސީން ވަނީ ބުނެފައެވެ. އެހެންކަމުން 13 ފޯވާޑުންގެ ތެރެއިން ހޮވޭނީ އެންމެ ގިނަ ވޯޓު ލިބޭ ތިން ފޯވާޑުންނެވެ.

އަޝްފާގަސް ވޯޓު ލުމުގެ ފުރުސަތު މި ލިންކް މެދުވެރިކޮށް ލިބިގެންދާނެއެވެ.

މީގެއިތުރުން މި ޕޯލް އާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް، އޭއެފްސީ ބްރެކެޓް ޗެލެންޖް އަޝްފާގަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ބޭނުންކުރި ވައިބާ ގްރޫޕް މެދުވެރިކޮށް ލިބިގެންދާނެއެވެ. މި ވައިބާ ކޮމިއުނިޓީ ގްރޫޕަކީ ބްރެކެޓް ޗެލެންޖް އަޝްފާގް ކާބިޔާބުކުރުމުގައި އިސްދައުރެއް އަދާކުރި ގްރޫޕެކެވެ.

Team Ashfag Viber community group