ޓީ ސީރީޒްއިން ގެނެސްދޭ ފިލްމު "އެނިމަލް" ގެ ޝޫޓިންގް މިއަހަރުގެ އޮކްޓޫބަރު މަހު ފެށުމަށް ތައްޔާރުވަމުން ދާކަމަށް ޓީ-ސީރީޒްއިން މީޑިއާއަށް މައުލޫމާތު ދީފިއެވެ.

ޕްރޮޑިއުސަރު ބޫޝަން ކުމާރުގެ ގިނަ ފިލްމުތަކެއް މިއަހަރުތެރޭ ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު އެކްޓަރު ރަންބީރު ކަޕޫރު ސޮއިކޮށްފައިވާ މިފިލްމުގެ ޑައިރެކްޓަރަކީ ސަންދީޕް ރެޑީއެވެ.

ސަންދީޕް ރެޑީއަކީ ބޮލީވުޑްގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމު "ކަބީރް ސިންގް" ގެވެސް ޑައިރެކްޓަރެވެ.

މިފިލްމުގެ މިހާތަނަށް ނެރެފައިވާ އޯޑިއޯ ޓީޒާއިންވެސް ފިލްމުގެ ސްކްރިޕްޓްގެ ޝައުގުވެރިކަން އެނގިގެންދެއެވެ.

ރަންބީރު ކަޕޫރު އެންމެފަހުން ސްކްރީނުން ފެނިފައިވަނީ 2018 ވަނަ އަހަރު ރިލީޒްވި ފިލްމު "ސަންޖޫ" އިންނެވެ.

ޓީ-ސީރީޒްއިން މީޑިއާއަށް މައުލޫމާތު ދެމުން ޕްރޮޑިއުސަރު ބޫޝަން ކުމާރު ބުނެފައިވަނީ ފިލްމު "އެނިމަލް" ގެ އިތުރުން އެކްޓަރު ރަންބީރް ކަޕޫރު އަދި ބަތަލާ ޝްރަދާ ކަޕޫރު ފެނިގެންދާ އެޕްރޮޑަކްޝަންގެ ފިލްމުގެ ޝޫޓިންގްވެސް މިހާރުވަނީ ގާތްގަނޑަކަށް ނިމިފައެވެ.

ވަކި ނަމެއް އަދި ދެވިފައިނުވާ މިފިލްމުގެ ޝޫޓިންގް މިހާތަނަށް ބޭއްވިފައިވަނީ އިންޑިއާގެ ދިއްލީގައެވެ. މިފިލްމަކީ ކާމިޔާބު ފިލްމުތައް އުފައްދާފައިވާ ލަވް ރަންޖަން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ފިލްމު "އެނިމަލް" އިން ރަންބީރް ކަޕޫރުއާއެކު ދެން ފެނިގެންދާނީ އެކްޓަރު އަނިލް ކަޕޫރު، އެކްޓަރު ބޮބީ ޑިއޯލް އަދި ބަތަލާ ޕަރިނީތީ ޗޯޕްރާއެވެ. މިފިލްމުގެ ސްކިރްޕްޓް ބިނާކޮށްފައިވަނީ ގޭންގްސްޓަރ ޑްރާމާއެއްގެ މައްޗަށެވެ.

ރަންބީރު ކަޕޫރުގެ އެންމެ އުއްމީދީ އެއްފިލްމަކީ ގިނަ ބަޔަކު އެފިލްމަކަށް އިންތިޒާރުކުރާ ފިލްމު "ބްރައްމަސްތްރާ" އެވެ.

ދަރްމާ ޕްރޮޑަކްޝަންގެ މިފިލްމު ރިލީޒްކުރާނެ ތާރީޚެއްކަމަށް މިހާރު ގިނަބަޔަކު ބުނަމުންދަނީ މިއަހަރުގެ ނޮވެމްބަރ ނުވަތަ ޑިސެމްބަރު މަހުތެރޭގައެވެ.