ބަތަކާ ރާދިކާ އާޕްޓޭ އޭނާ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމު "މިސް އަންޑަރ ކަވަރ" އަށް ސޮއިކުރިކަން އިއުލާނުކޮށްފިއެވެ.
އިންޑިއާގައި މިދުވަސްކޮޅު ފާހަގަކުރާ އެމީހުންގެ ސަގާފީ ކުޅިވަރު ހޯލީ ދުވަހުގެ ތަހުނިޔާ ބެލުންތެރިންނަށް ކިއުމަށްފަހު ފިލްމުގައި އޭނާ ފެނިގެންދާނެ ގޮތުގެ ޕޯސްޓަރެއްވެސް ބަތަލާވަނީ ހިއްސާކޮށްފައެވެ.
އަ ސްޕައި އެންޓަރޓެއިނަރގެ ދިދައިގެ ދަށުން އުފައްދާ މިފިލްމުގެ ޑައިރެކްޓަރަކީ މުޅީން އަލަށް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އަނުޝްރީ މެހެތާއެވެ.
ޕްރޮޑއުސަރުންގެގޮތުގައި މަސައްކަތްކުރާ ޓީމުގައި ހިމެނެނީ އިޝާން ސަކްސޭނާ، އަބީރް ސެންގުޕްތާ، ސުނިލް ޝާހް އަދި ވަރުން ބަޖާޖްއެވެ.
ބަތަލާ ރާދިކާގެ އިތުރުން ފިލްމުން ފެނިގެންދާ މުހިއްމު ތަރިންގެތެރޭގައި، ވެބް ސީރީސް އަދި ތިއޭޓަރ ޝޯވްތައް ކުޅެގެން މަޝްހޫރުކަން ހޯދާފައިވާ އެކްޓަރު ސުމީތް ވިޔަސް، އަދި ގިނަ ފިލްމުތަކެއްގައި ސަޕޯޓިންގް ރޯލްތަކުން ފެންނަ ރާޖޭޝް ޝަރްމާ ހިމެނެއެވެ.
ފިލްމުގެ ކާސްޓިންގްއާއި ބެހޭ މާބޮޑު ތަފްސީލު އަދި ޕްރޮޑަކްޝަން ހައުސްއިން އާއްމުންނާ ހިއްސާކޮށްފައެއް ނުވެއެވެ.
ފިލްމުގެ ޕޯސްޓަރުން ފެންނަގޮތާ އެއްގޮތަށް ރާދިކާ ބުނެފައިވަނީ، އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ގެވެހި އަންބަކު މިލިޓަރީ ހަތިޔާރު ހިފައިގެން އާއްމުންގެ ތެރެއިން ފެންނަ މަންޒަރަކީ ހަމަ ގައިމުވެސް ތަފާތު އާދަޔާ ޚިލާފު މަންޒަރެކެވެ.
ބެލެވޭގޮތުގައި މިފިލްމާބެހޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތްތަނުގައި ފިލްމުގެ ޓީމުން އާއްމުންނާ ހިއްސާކުރަމުން ދާނެއެވެ.
ފިލްމު "ބަދްލާޕޫރް"، "ޕެޑްމޭން" ފަދަ ބޮލީވުޑްގެ ފިލްމުތަކުން ފެނިފައިވާ ބަތަލާ ރާދިކާއަކީ ހިންދީ ސިނަމާގެ އިތުރުން ތެލުގޫ އަދި ބެންގާލީ ފިލްމުތައްވެސް ކުޅެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބަތަލާއެކެވެ.
ޚާއްސަކޮށް ވަރަށް ގިނަ ކުރު ފިލްމުތަކެއް ރާދިކާވަނީ ސިނަމާއަށް ގެނެސްދީފައެވެ.
ބަތަލާ އެންމެފަހުން ފެނިފައިވަނީ ނެޓްފްލިކްސްއިން ގެނެސްދިން ކުރު ފިލްމު "ރާތް އަކޭލީ ހޭން" މިފިލްމުއިންނެވެ. މިފިލްމުގައި ރާދިކާއާއެކު އެކްޓަރު ނަވާޒުއްދީން ސިދްގީވެސް ފެނިގެންދެއެވެ.