ރާއްޖޭގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން ގިނަ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް އޮފީހުން) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ކޮޅިގަނޑާ ގުޅިގެން ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ވިއްސާރަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުން ގޯސްވުމާ ގުޅިގެން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނަ އަދަދަކަށް ވާރޭ ވެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ ސ.ގަމަށެވެ. ގަމަށް 166 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ވަނީ މައުލޫމާތުދީފައެވެ. އަދި ގަޑިއަކު 55 މޭލު ބާރުމިނަށް ވައި ގަދަވެފައިވެއެވެ.

ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށާއި އުތުރުގެ އެކި ހިސާބުތަކަށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ބުނެ މެޓްއޮފީހުން ބުނީ، މިސަރަހައްދުގެ ގިނަ ރަށްތަކަށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި، ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓްއޮފީހުން ވަނީ ލަފާކޮށްފައެވެ.

އުތުރުގެ ރަށްތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން މިއަދާއި މިރޭގެ ވަގުތުތަކުގައި ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.

މެޓްއޮފީހުން ބުނީ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާނެ ކަމަށާއި، އެ ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

މޫސުމާބެހޭ އިދާރާއިން ވަނީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ކުރިއަށްއޮތް 48 ގަޑިއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

ކޮޅިގަނޑު ދަނީ ރާއްޖޭގެ ހުޅަނގު އުތުރަށް ދަތުރުކުރަމުން ކަމަށާއި، މާދަމާއިން ފެށިގެން ރާއްޖޭގެ ގިނަ ރަށްތަކަށް ވާރޭވެހުން މަދުވެ، ވައިޖެހޭ ބާރުމިން ދަށްވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.