ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭ އެކުވެނި ޓެނިސް ކޯޓަށް ގެއްލުންތަކެއް ވެއްޖެއެވެ.

ވިއްސާރައިގެ ސަބަބުން މާލޭ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ތަފާތު އެކިއެކި ގެއްލުންތަކެއް ވަމުން އަންނައިރު މާލޭގައި ދިރިއުޅޭ ފަރާތްތަކުން ޓެނިސް ކުޅުމަށް ބޭނުންކުރަމުން އަންނަ އެކުވެނި ޓެނިސް ކޯޓަށްވެސް އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. އެގޮތުން ކޯޓުގައި ކުޅޭ މެޗުތައް ބެލުމަށް ބޭނުންކުރާ ސްޓޭންޑް ހިޔާކުރުމަށް ލާފައިވާ ފުރާޅު ވަނީ އެއްލާލާފައެވެ.

މާލެއަށް މިއަދު ކުރި ވިއްސާރައިގައި ޓެނިސް ކޯޓަށް ވަނީ ގެއްލުންތަކެއް ވެފަ- ފޮޓޯ:- ވީނިއުސް

މިހާރުވެސް ވަކި ހާއްސަ އުސޫލުތަކެއްގެ ދަށުން ބުކިންގ ހައްދައިގެން މި ކޯޓުގެ ބޭނުން އެކި ފަރާތްތަކުން ކުރަމުން އަންނައިރު، އެފަރާތްތަކަށް މިކަމުގެ ސަބަބުން ދަތިތަކަކާއި ކުރިމަތިވާނެއެވެ.

ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ތަފާތު އެކި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހިފައިވާއިރު، މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބ.އަތޮޅުން ފެށިގެން ޏ.އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.

އަދި ކަނޑުތައްގަދަވެ، ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއްދެއްވާ، ސަލާމަތީ ފިޔަވަޅުތައް ފުރިހަމައަށް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.