އަހަރެން އައްޑޫއަށް ދިޔައީ ރިސަރޗް މަސައްކަތެއްގައެވެ. ބޭނުމަކީ އެ ތަނުގެ އަހުލުވެރިންނާ އިންޓަވިއުކުރުމެވެ. އެ މީހުން ވާހަކަދައްކަމުން އަންނަ ބަހަކީ ދިވެހި ބަހުގެ ބަހުރުވައެއްތޯ ބެލުމެވެ. އެ ކަމުގެ ހެކިތައް ހޯދުމެވެ. މި މަސައްކަތުގައި އަހަރެންނާއެކު އިތުރު ދެ މީހަކު ވެސް ބައިވެރިވިއެވެ.

މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖެހިގެން އައި ދުވަހުއެވެ. އެ ދުވަހުގެ ވީހާވެސް ހެނދުނަކުއެވެ. އެހެންވެ ފަތިހުފަތިހާ ތެދުވާން ފޯނުގެ ގަޑި ސޯނާކޮށްލީމެވެ. ވެފައިވާ ވަރުބައްޔާއި ނިދޭލެއް ލަސްވިނަމަ ވެސް އެ ނިޔަތް ބަދަލެއް ނުކުރަމެވެ. ބޭނުންވީ ހަމަ ފަތިހު ހޭލާށެވެ. ހޭލުމަށް ފަހު ބުރެއް ޖަހައިލާށެވެ. ރަށުތެރެ ބަލައިލާށެވެ.

ސޯނާގެ އަޑަށް ފަތިހު ފަތިހާ ހޭލެވުނެވެ. ނަމަވެސް ވެފައިވާ ވަރުބަލިކަމުން ސިކުނޑިއަށް ގެނެސްދިނީ ކަންނެތްކަމާއި ލޮޑުކަމެވެ. ފަތިހުގެ އަރާމު ނިދިން މަހުރޫމުވުމުގެ މޮޔަކަމެވެ. އެ މެސެޖާއެކު އަނެއްކާ ވެސް ދެލޯ މަރާލެވުނެވެ. ހެޔޮވަރުގެ ނިދިގަނޑަކަށް ދެލޯ ގެނބިގެން ދިޔައެވެ.

ދެން ހޭލެވުނީ ދޮރުގައި މީހަކު ޓަކިދިން އަޑަށެވެ. ނުތެދުވަނީތޯ ބޭރުން މީހަކު ގޮވާލި އަޑަށެވެ. އެ އަޑަށް ހޭލެވުނު އަހަރެން އަވަސްއަވަސް ކޮށްލުމަށް ފަހު ކުރަންޖެހޭ ކަންކަން ކޮށްލައި ތައްޔާރުވެލީމެވެ. މާ ގިނަ އިރުތަކެއް ނުވަނީސް ކޮޓަރިން ނުކުތީމެވެ.

"ކޮބާ އަވަސްކުރަމާ ހިނގާ. ފުރަތަމަ ހިނގާ ސަޔަށް. އަށެއް ޖަހަންވާއިރަށް ޓެކްސީ އަންނާނެ. ފުރަތަމަ އޮތީ މީދޫއަށް ދިއުން. 8:30 ގައި ލޯންޗު ފެރީ އޮންނާނެ. ގަޑިއަށް ނުދެވިއްޖެނަމަ ދެން ދާންޖެހޭނީ ދޯނީގައި" ދުވަހުގެ ކަންކަން ރޭވިފައިވާ ގޮތް އައިންތު ކިޔައިދިނެވެ.

"ކިހައި ވަގުތެއް ނަގާނެ؟" އަހަރެން ސުވާލު ކުރީމެވެ.

"ލޯންޗުގައި ނަމަ ފަނަރަ ވަރަކަށް ވިއްސަކަށް މިނެޓު. ދޯނީގައިނަމަ 45 މިނެޓު ނަގާނެ ދޯ ޒަކީ؟" އައިންތު ދޯ އަޅާލީ ދަތުރުގެ އަނެއް ބައިވެރިޔާ ޒަކީއަށެވެ. ޒަކީގެ ވާހަކަ ފެށުނީ އެ ހިސާބުންނެވެ. ދެން ފެށީ މާޒީގެ ދަތުރުތަކުގެ ވާހަކައެވެ. އިހުގައި އެކަން އޮތް ގޮތުގެ ވާހަކައެވެ.

"ކޮން ތާކަށްތަ ސައިބޯން މި ދާނީ؟" ޒަކީގެ ވާހަކަ މެދުކަނޑާލުމަށް ފަހު އަހަރެން ސުވާލުކުރީމެވެ.

"ވަކި ތަނެއް ނެތް. އެންމެ އަވަހަށް ފެނުނު ތަނަކަށް ވަންނަންވީ. ވަގުތު އެބަ ކުޑަތަންވޭ" އައިންތު ޖަވާބު ދިނެވެ. އައިންތު ވިސްނީ ވަގުތަށެވެ. ފެރީ ފުރަންވާއިރަށް ނުދެވިދާނެތީ އެކަމާއެވެ.

ފަސްވަރަކަށް މިނެޓު ހިނގުނު އިރުވެސް ހުޅުވާފައި ހުރި ކެފޭއަކާ ދިމައެއް ނުވިއެވެ. ހުކުރު ދުވަހަށް ވުމުން ތަންތަން ހުރީ ބަންދުކޮށްފައެވެ. މަގުމަތިން ފެނުނު ދުވަސްވީ މީހެއްގެ ގާތުގައި އަހައިލުމުން ވެސް އެ ބޭ ބުނީ ތަންތަން ހުޅުވާނީ މެންދުރު ފަހުން ކަމަށެވެ. ނަމަވެސް ކޯހެރަ ކިޔާ ތަނެއް ހުޅުވާފައި ހުރެދާނެކަމަށް ބުނެ، އޭނާ އުންމީދެއް އާކޮށްދިނެވެ.

ދެން މިސްރާބު ޖެހީ އެ ދިމާއަށެވެ.

ފަސްވަރަކަށް މިނެޓު ހިނގާލެވުނު ތަނާ އެބުނާ ތަނަކަށް ދެވުނެވެ. އެ ތަނުގެ ބޭރުގައި ހައެއްކަ ސައިކަލު ވެސް ހުއްޓެވެ. ކޮންމެވެސް ވަރަކަށް މީހުން ވެސް ވަދެ ތިއްބެވެ. ބަލައި ބެލުމަށް އެއީ ދުވަސްވީ ތަނެއްކަން އެނގެއެވެ. މާސިންގާ ބޮޑު ކެފޭގައި މާގިނަ ބަޔަކު އެ ވަގުތު ނޫޅޭކަން ވެސް އެނގެއެވެ. މޭޒުތަކާއި ގޮނޑިތައް ހުރީ ބައިބަޔަށެވެ. ގުރޫޕުގުރޫޕަށް އައިސް ތިބެވޭނެ ފަދަ ގޮތަކަށެވެ. ތަނަށް ވެރިވެފައިވާ ހިމޭންކަމާއެކު ބޭރުން އަންނަ އަޑުތައް މަޑުމިއުޒިކެއް ހެން އިވިއިވި ހުއްޓެވެ. ބައެއް ފަހަރު ފައިގައި މަދިރިއެއް ހެފި ނަމަވެސް އެ މާހައުލުން ހިތަށް ލިބެމުން ދިޔަ ހިތްހަމަ ޖެހުން މާ ބޮޑެވެ. އެ ހިތްހަމަ ޖެހުމާއެކު ސަޔަށް އިންސާފު ކުރެވެމުންދިޔައެވެ.

މާ ގިނަ އިރުތަކެއް ނުވެ ފޯނަށް މެސެޖެއް އައެވެ.

"ހާދަ ވަރެއް ތި ކޮށްލަނީ؟ ތިހާ ވަރަށް ކާކަށް ނުވާނެ" މެސެޖު ފޮނުވާފައި ވަނީ ނުދަންނަ ނަންބަރަކުންނެވެ. ލިބުނު ހައިރާންކަމާއެކު އެކި ދިމަދިމާއަށް އަހަރެންނަށް ބަލައިލެވުނެވެ. ދަންނަ މީހަކު ނުފެނުނަސް އަދި ނުދަންނަ ނަންބަރެއް ނަމަވެސް، ޔަގީން ކުރެވުނީ އެ މެސެޖު ފޮނުވާފައި އެ ވަނީ އަހަރެން ދަންނަ މީހަކު ކަމެވެ.

"އަހަރެންނަކީ ކާކުކަން ނޭނގުނަސް، ތިއީ ކާކުކަން އަހަރެންނަށް އެނގޭ. ބައެއް މީހުން ވަރަށް ފަސޭހައިން ހަނދާން ނެތޭނެ. އެކަމަކު ތި ތަނަށް ދާކަށް އަހަރެން ބޭނުމެއް ނޫން. މި މޭޒަށް އާދެވިދާނެތަ؟ އަހަރެން މި އިނީ އެންމެ ފަހަތުގައި ހުރި މޭޒުގައި" ފޯނަށް އައި ދެވަނަ މެސެޖާއެކު އަނެއްކާ ވެސް އަހަރެންނަށް ބަލައިލެވުނީ ކެފޭގެ އެކި ދިމަދިމާއަށެވެ. އަހަރެންގެ ފަހަތަށް ވެސް ބަލައިލެވުނެވެ. ފަހަތުގައިވާ ގަސްތަކުގެ ތެރޭގައި އިތުރު ދެ މޭޒު ހުރިކަން އަހަރެންގެ ލޯ ދެނެގަތެވެ.

"ރައްޓެއްސަކު މި ތަނުގައި އެ ބައިން. އަންނާނަން ބައްދަލުކޮށްލާފައި" އަހަރެން އިން ގޮނޑިން ތެދުވަމުން އަހަރެން ތެދުވާ ސަބަބު ބުނެ އެންމެ ފަހަތުގައި ހުރި މޭޒާ ދިމާއަށް ހިނގައި ގަތީމެވެ.

އެ މޭޒުގައި ސައިބޯން އިނީ ޒުވާން އަންހެން ކުއްޖެކެވެ. ބަލާބެލުމަށް ދަންނަ މޫނެކެވެ.

"އާދޭ. އާދޭ.. އިށީނދޭ. ނޭނގުނުދޯ ކާކުކަމެއް. ނޭނގޭނެ. އެކުގައި އުޅުނަސް ހަނދާނެއް ނުހުންނާނެ. ތިއީ ކޮންމެ މީހެއްގެ ވެސް ވައްތަރު" އަހަރެން އެ ތަނުގައި އިށީނުމަށް ދައުވަތު ދިނުމަށްފަހު އެ ޒުވާނާ ފެށީ އަހަރެންނާ ދިމާކުރާށެވެ.

"އަސްލު ވެސް ތީ ކާކުކަމެއް ނޭނގުނު" އަހަރެންނަށް ބުނެވުނެވެ.

"އަހަރެންނަށް ތިއީ ކާކުކަން އެނގެޔޭ. ތި ޒަކީ އާއި އައިންތު ވެސް އަހަރެން ދަންނަން" ވާހަކަދެއްކި މީހާއަށް އަހަރެން ވަރަށް ރަނގަޅަށް އެނގޭކަން ޔަގީން ކުރެވުނީ އަހަރެންނާއެކު ދެން އުޅޭ ދެމީހުން ވެސް ދަންނަކަމަށް ބުނުމުންނެވެ.

އެކުވެރިޔާގެ ދައުވަތު ގަބޫލުކޮށް އަހަރެން އިށީނީމެވެ. އިށީނުމާއެކު އަހަރެން މީދޫއަށް ދާ ސަބަބާމެދު އޭނާ ސުވާލުކުރިއެވެ. އަހަރެން ހައިރާންވީ އެ ހިސާބުންނެވެ. އެ ކަން އޭނާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެ ވާހަކަ ބުނީ ކާކު ހެއްޔެވެ؟ ހިތަށް ވެރިވި ސުވާލުތައް ނުކުރެވެނީސް އަނެއްކާ ވެސް ވާހަކަ ފެށީ އޭނާއެވެ.

"ބައެއް މީހުން މި ރަށާ ގުޅޭ ވާހަކަވެސް ލިޔޭ. ހިތަށް އަރާ އެ ވާހަކަތައް އެނގެނީ ކިހިނެއް ބާއޭ؟. އަހަރެންނަށް އެންމެ ކަމުދަނީ އިލްޒާމު ވާހަކަ. އެ ވާހަކައިގައި ދޯ ކަށްބޯހެރަމަތިން އައި އަލިގުޅައެއް ގާގަނޑެއްގެ ތެރެއަށް ވަންނަނީ. އެ އަލިގުޅަ ހިތަދޫއާ ދިމާއަށް އައި މަންޒަރު ރަށުގެ އަތިރިމަތީ ތިބި ބައެއް މީހުންނަށް ފެންނަނީ. ބުނަން އެކަމަކު އަހަރެންނަށް އެންމެ ރީތީ އެ ވާހަކައިގައި މިޒުނާއަށް ވީގޮތް ކިޔައިދީފައިވާ ގޮތް. ވަރަށް ރީތި" އެ ޒުވާނާ ދައްކަމުން ދިޔަ ވާހަކަތަކުން އަހަރެން އިނީ ބަސް ހުއްޓިފައެވެ. އެ ވާހަކައިގައިވާ ގޮތް އެ ޒުވާނާ ކިޔައިދޭލެއް ފުރިހަމަ ކަމުންނެވެ. އަނެއްކާ ވެސް ވާހަކަދައްކަން ފެށީ އެ ޒުވާނާއެވެ. މި ފަހަރު ކިޔަން ފެށީ އެ ވާހަކައިގެ ބައެކެވެ.

"މިޒްނާއަށް އިވެމުންދިޔަ ރާގު އިވެންފެށިތާ މާގިނައިރެއް ނުވޭ. އިރުކޮޅެއް ފަހުން، ކޯއްޓޭމަގުގެ ނިމޭހިސާބުގައި ހުންނަ ރަނިންހަނާ ފެންގަނޑާ ދިމާއަށް ސައިކަލުގައި ދިޔަ ދެ އަންހެނަކަށް ވެސް އެ އަޑު އިވުނު. އެ އަޑު އިވުމާއެކު އެ މީހުންނަށް މަޑުކޮށްލެވުނު. އެ މީހުންގެ ނަޒަރު ހުއްޓުނީ ސައިޓްގައި ހުރި ޖިފުޓިގަނޑުގެ ބޭރުގައި އޮތް ގަސްބުޑެއްގެ މަތީ، ބޯ ގުޑުވާލަގުޑުވާލަ އިން މިޒްނާއަށް. މިޒްނާގެ އެ ހަރަކާތްތަކުގައި އެ މީހުންނަށް ބައިވެރިވެވުނީ އިވެމުންދިޔަ ރާގުގެ މަސްތުގައި ބަނދެވެމުން. އެ ރާގުގެ އަޑު އަންނަނީ ކޮން ދިމާއަކުންކަމެއް ނޭނގޭ. ބައެއް ފަހަރު އެ ރާގު ގަދަވެފައި މަޑުވާހެން ވެސް ހީވޭ. މާދުރުދުރުން ވަޔާއެކު އެ ރާގު އަންނަހެން ވެސް ހީވޭ. ދިމާ ކުރިމަތިން އެ ރާގު އިވޭހެން ވެސް ހީވޭ. އެ ބައިތައް ގެނެސްދީފައިވާގޮތް ހާދަ ރީއްޗޭ" އެ ޒުވާނާ އަހަރެންނަށް ތަޢުރީފު ކުރަމުންދިޔައެވެ. ނަމަމަވެސް އަހަރެންނަށް އިނދެވުނީއެވެ. އެ ވާހަކައިގެ ހާދިސާތަކާއި ޑައިލޮގުތަކަށް ދަންދެން ހިތުން ކިޔަމުންދާތީއެވެ.

"އޭތް. ޒަކީމެން އެ އަންނަނީ މި ދިމާއަށް. އަހަރެން މި ދަނީ. ފަހުން ދިމާވާނެ ދޯ؟" އެހެން ބުނުމަށްފަހު އެ ޒުވާނާ ކުއްލިއަކަށް ތެދުވިއެވެ. އޭރު އަހަރެންނަށް ގޮވަމުން އައި ޒަކީ އަހަރެންނާ އަރާ ހަމަވަނީއެވެ.

"މިތާ ކީއްވެ ތި އިނީ؟ ކޮބާ ތި ބުނާ މީހާ؟" ޒަކީ ކުރި ސުވާލަށް މޫނު އަނބުރާ ލުމަށްފަހު ދެން އެ ޒުވާނާ އިންތަނަށް ބަލައިލިއިރު މޭޒުމަތީ ހުރި ތަށިތަކެއް ނެތެވެ. އަހަރެންނަށް ހައިރާންކަން ލިބުނީ އެ ހިސާބުންނެވެ. ގައިން ނެގި ހީބިހިގަނޑު ފިލައިގެން ނުގޮސް އިރުކޮޅަކު ހުއްޓެވެ. އެއީ ކާކު ހެއްޔެވެ؟ އޭނާ އެ ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟ އެ ތަށިތަކަށް އެވީ ކިހިނެއް ހެއްޔެވެ؟ ހިތަށް ވެރިވަމުން ދިޔަ ސުވާލުތަކާއި، ގަތް ބިރާއެކު ޒަކީއާއި އައިންތުއާއެކު އެ ތަނުން އަވަހަށް ނުކުތީމެވެ.

އަހަރެންނަށް ދެވުނީ ވަކި ހިސާބަކަށެވެ. ދެންވީ ގޮތް އަހަރެންނަކަށް ވެސް ނޭނގެއެވެ. ހޭއެރި އިރު އޮތީ މާލޭގައެވެ. ހިތަށް އެރިއެވެ. ދެން ދުވަހަކު ވެސް އެ ރަށަކަށް ނުދާނަމެވެ. އެ ކަހަލަ ވާހަކައެއް ވެސް ނުލިޔާނަމެވެ. (ނިމުނީ)