މިސްރުގެ ސުއޭޒް ކަނޑުއޮޅީގައި ތާށިވި އާގުބޯޓު ފުންކޮށްފިއެވެ.

އެތައް ބައިވަރު ކޮންޓެއިނާތަކާއެކު ސުއޭޒް ކަނޑުއޮޅި ހުރަސްކުރަނިކޮށް، ކަނޑުއޮޅީގެ އެއް އަރިމަތީގައި ޖެހި މިބިޔަ އާގުބޯޓު އުރުމުގެ ސަބަބުން ކަނޑުއޮޅިން އެއްވެސް ބޯޓަކަށް ދަތުރުނުކުރެވި ބަންދުވެފައި އޮންނަތާ ހަފްތާއެއްހާ ދުވަސްވަނީ ވެފައެވެ.

ބޯޓު ފުންކުރުމާއެކު، ކަނޑުއޮޅި މިހާރުވަނީ ބޯޓުފަހަރުގެ ދަތުރުތަކަށް އަލުން ހުޅުވާލާފައެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާއިން ބުނެފައިވަނީ، ކަނޑުއޮޅީގައި ތާށިވި ކޮންޓެއިނަރ އާގުބޯޓު މިހާރުވަނީ ދަތުރުކުރަން ފަށާފައެވެ.

އާގުބޯޓު ކަނޑުއޮޅީގެ މެދަށް ޖެހިފައިވާ މަންޒަރުތައް މިސްރުގެ ޓީވީތަކުންވެސް ވަގުތުން ދުރަށް ދައްކާފައި ވެއެވެ.

އަދި ބޯޓު ދަތުރަމުންދާ މަންޒަރުތައް ފެންނަ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ސުއޭޒް ކަނޑުއޮޅީގައި ތާށިވި އާގުބޯޓު ފުންކޮށްފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުން ގެންދެވުނު ޓަގު ބޯޓުތަކުގެ އެހީގައެވެ.

ސުއޭޒް ކަނޑުއޮޅިއަކީ ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރުގެ ވިޔަފާރީގެ އެންމެ މުހިންމު އަދި އެންމެ ކާރޫބާރޫބޮޑު މަގެވެ.

މިމަގު ބަންދުވުމުގެ ސަބަބުން އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން މިހާރަށްވެސް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.