މައްކާގައި ހުންނަ މުސްލިމުންގެ އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް ޙަރަމް އާއި، މުސްލިމުންގެ ދެވަނައަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގައި މިއަހަރުގެ ރަމަޟާންމަހު އިފްތާރް ސުފުރާ އިންތިޒާމު ކުރުމެއް، އަދި އެއިން މިސްކިތެއްގައި އިއުތިކާފަށް އިނުމެއްވެސް ނޯންނާނެ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ރަމަޟާންމަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަސްޖިދުލް ޙަރަމް އާއި، މަސްޖިދުއް ނަބަވީ ބަލަހައްޓާ އޮފީހުގެ އެންމެ އިސްވެރިޔާ ޝައިޚް އަބްދުއް ރަހްމާން އަލް-ސުދައިސް ވިދާޅުވީ، އެދެ މިސްކިތުގައި އިއުތިކާފަށް އިނުން މިހާރުވެސް މަނާކޮށްފައި އޮތް އޮތުން ރަމަޟާންމަހުވެސް ދެމިއޮންނާނެ ކަމަށެވެ.

ހަމަ އެއާއެކު، މިއަހަރުގެ ރަމަޟާންމަހު އެދެ މިސްކިތުގައި އިފްތާރް ސުފްރާ ނުވަތަ ރޯދަވީއްލުން އިންތިޒާމު ކުރުމެއްވެސް ނޯންނާ ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް، މަސްޖިދުލް ޙަރަމަށް މަޣުރިބް ނަމާދަށް އަންނަ ވަކިވަކި މީހުންނަށް ރެޑީމޭޑް ރޯދަވީއްލުމެއް ދިނުމުގެ އިންތިޒާމުތައް، މިސްކިތް ބަލަހައްޓާ އޮފީހާއި، މައްކާގެ ކަމާބެހޭ އިދާރާ ގުޅިގެން ކުރަމުން އަންނަ ކަމަށް ޝައިޚް އަބްދުއް ރަހްމާން އަލް-ސުދައިސް ވިދާޅުވިއެވެ.

މިގޮތަށް އިންތިޒާމު ކުރިނަމަވެސް، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރާ މީހުންނާއި، ނަމާދަށް އަންނަ މީހުންނާއި، މިސްކިތުގެ ހަރިންމަތެރޭގައި އަދި މިސްކިތް ހުންނަ ސަރަހައްދުގައިވެސް، ހާރު ކެއުމުގެ އެއްވެސް އިންތިޒާމެއް ހަމަޖެއްސުމުގެ ހުއްދަ މިފަހަރު ނުދެވޭނޭ ކަމަށްވެސް ޝައިޚް ސުދައިސް ވިދާޅުވެފައި ވެއެވެ.

ޝައިޚް އަބްދުއް ރަހްމާން އަލް-ސުދައިސް ވިދާޅުވީ، ރަމަޟާންމަހުގެ ތެރޭގައިވެސް އެންމެބޮޑު އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ، ކޮވިޑްބަލި ފެތުރުނަ ނުދިނުމަށް ކަމަށެވެ.

ރަމަޟާންމަހުގެ ތެރޭގައި، މާތްވެގެންދާ ދެޙަރަމަށް ޒިޔާރަތްކުރާ މީހުންގެ ފުރަތަމަ ޝަރުތަކީ ވެކްސިންޖެހުން ކަމަށް ޝައިޚް ސުދައިސް ވިދާޅުވިއެވެ.

އޭގެއިތުރުން، ބަލި ފެތުރެން ފުރުސަތު ނުދިނުމުގެގޮތުން ޖިސްމާނީ ގައިދުރުކަން ގާއިމްކުރުމާއި، މާސްކް އެޅުމަކީ މަޖުބޫރު ކަމެއްކަމަށް ކަނޑައަޅާފައި ވެއެވެ. އެނޫންވެސް، ސިއްހީ ރައްކާތެރިކަމަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް ތައާރަފް ކޮށްފައި ވެއެވެ.

ޝައިޚް އަބްދުއް ރަހްމާން އަލް-ސުދައިސް ވިދާޅުވީ، ރަމަޟާންމަހުގެ ތެރޭގައި އުމްރާގެ އަޅުކަމަށާއި، ނަމާދަށް މަސްޖިދުލް ޙަރަމް އާއި، މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރާ މީހުންނަށް ޚިދުމަތް ދިނުމަށް އެދެ މިސްކިތް ބަލަހައްޓާ އޮފީހުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

ޝައިޚް ސުދައިސް ވިދާޅުވީ، ގެފުޅު ވަށައިގެންވާ ސަރަހައްދު ރަމަޟާންމަހުގެ ތެރޭގައި މުޅިން ޚާއްސަ ކުރެވޭނީ އުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް ކަމަށެވެ.

މިސްކިތަށް ނަމާދަށް އަންނަ އެހެން މީހުން ނަމާދުކުރުމަށް މަސްޖިދުލް ޙަރަމްގެ އެތެރެއިން 5 ސަރަހައްދެއް ޚާއްސަ ކުރެވިފައި ހުންނާނޭ ކަމަށްވެސް ވިދާޅުވިއެވެ.