ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމާއި ގުޅޭގޮތުން ސްޕެއިންގެ ކުރީގެ ކެޕްޓަން އަދި ގޯލްކީޕަރ، އިކާ ކަސިއަސް އާއިއެކު މަޝްވަރާކޮށްފިއެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރުންގެ ލިސްޓުގައި ހިމެނޭ އަދި ސްޕެއިން ފުޓުބޯޅައިގެ ގަދަބާރު، ރެއާލް މެޑްރިޑްގެ ގޯލް ބެލެހެއްޓުމުގެ ޒިންމާވެސް އުފުލާފައިވާ ކަސިއަސް އާއި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު، އަހްމަދު މަހްލޫފް އާއި، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައްދަލުކުރެއްވީ، އެ ދެބޭފުޅުން ދުބާއީ އަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. މިބައްދަލުކުރެއްވުމުގައި ރެއާލް މެޑްރިޑްގެ ލެޖެންޑް، މިޝޭލް ސަލްގާޑޯވެސް ވަނީ ބައިވެރިވެފައެވެ.

ބައްދަލުވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ކުޅިވަރާބެހޭ ވަޒީރު، އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުޓުބޯޅައިގެ ލެޖެންޑް ކަސިއަސް އާއި ބައްދަލުވުމުން އުފާކުރައްވާ ކަމަށާއި، މިބައްދަލުވުމުގައި ރާއްޖެއާއި މިސަރަހައްދުގެ ފުޓުބޯޅަ ކުރިއެރުވުމާއި ގުޅޭގޮތުން ޝައުގުވެރި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަން ހަގީގަތަކަށް ވާނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

ކަސިއަސްއާއެކު މަޚްލޫފާއި ބައްސާމް މަޝްވަރާކުރެއްވިއިރު، ސަރުކާރުގެ ޚަރަދުގައި ހުޅުމާލޭގައި އަޅާފައިވާ ފުޓްބޯޅަ ސްކޫލް (ބައިނަލްއަގުވާމީ ފެންވަރުގެ ހައި ޕާފޯމަންސް ސެންޓަރު) ގައި އެންމެ އިސްކޮށް ހުންނާނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ލެޖެންޑެއް ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އެ ނިންމުން އެފްއޭއެމުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބައްސާމާއި، އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ޔޫއޭއީއަށް ކުރެއްވި ދަތުރުގެ ތެރެއިން، ސަލްގާޑޯއާއެކު ބައްދަލުވުމެއް ބޭއްވުމަށްފަހުއެވެ.

ކަސިއަސް ވަނީ 1999 ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް ރެއާލް މެޑްރިޑްގެ ސީނިއާ ޓީމުގެ އެއް ނަމްބަރު ގޯލް ކީޕަރުގެ ގޮތުގައި ކުޅެފައެވެ. އަދި ރެއާލް އާއިއެކު 510 މެޗު އޭނާ ކުޅެފައިވާއިރު އެޓީމާއެކު ފަސް ފަހަރަށް ސްޕެނިޝް ލަލީގާ ޓައިޓަލް، ދެފަހަރަށް ކޮޕާ ޑެލްރޭ، 4 ފަހަރަށް ސްޕެނިޝް ސުޕާ ކަޕް، ތިންފަހަރަށް ޗެމްޕިއަންސް ލީގު، ދެފަހަރަށް ޔޫއެފާ ސުޕާ ކަޕް އަދި އެއް ފީފާ ކްލަބް ވޯލްޑް ކަޕާއި ދެފަހަރަށް އިންޓާ ކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން ސްޕެއިންގެ ގައުމީ ޓީމާއެކުވެސް ކަސިއަސް ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސްޕެއިންގެ ސީނިއަރ ގައުމީ ޓީމަށް 167 މެޗު އޭނާ ކުޅެދީފައިވާއިރު ދެފަހަރށް ޔޫރޯ މުބާރާތް ކާމިޔާބުކޮށް އެއް ފަހަރަށް ފީފާ ވޯލްޑް ކަޕް ވެސް އޭނާ ވަނީ ހޯދާފައެވެ. އަދި މީގެއިތުރުންވެސް ކީޕަރެއްގެ ގޮތުގައި ކުޅެމުންވެސް ކުޅުންތެރިންނަށްދޭ ގިނަ އެވޯޑްތަކެއްވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ.