ޖިނާއީ ކުށަކީ ޤާނޫނެއްގައި ކުށެއްކަމަށް ކަނޑައަޅައި އަދަބު ކަނޑައަޅާފައިވާ ކޮންމެ ކަމެކެވެ. އެގޮތުން ރާއްޖޭގައި ކުށް ކަނޑައަޅާފައިވާ މައިގަނޑު ޤާނޫނަކީ ޤާނޫނުލް އުޤޫބާތު (9/2014) އެވެ. މީގެ އިތުރުންވެސް ޖިނާއީ ކުށް ކަނޑައަޅާފައިވާ ހާއްސަ ޤާނޫނުތަކެއް ހުރެއެވެ. އެ ޤާނޫނުތަކަކީ އެކުށަކަށް ހާއްސަކޮށްފައިވާ ޤާނޫނުތަކެވެ. އެގޮތުން ފާހަގަކުރެވޭ ޤާނޫނުތަކުގެ ތެރޭގައި މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނާއި ޓެރަރިޒަމް ޤާނޫނާއި، ގެވެށި އަނިޔާގެ ޤާނޫން ހިމެނެއެވެ. އަދިވެސް މުހިންމު އެތައް ޤާނޫނެއް ވެއެވެ.
މިއިން ކޮންމެ ޤާނޫނެއްގައިވެސް ކުށް ކަނޑައަޅާފައިވަނީ ވަކި އުންސުރުތަކެއް ހިމެނޭ ގޮތުގެ މަތީންނެވެ. އުންސުރަކީ ކުށެއް ކުށަކަށްވާގޮތެވެ. ސާބިތުކޮށްދޭންޖެހޭ ކަންކަމެވެ. މީހެއްގެ މައްޗަށް އުފުލާފައިވާ މައުޟޫއީ ދައުވާގައި ހިމެނޭ ކަންކަން ސާބިތުކޮށްދޭއިރު ކުށުގެ އުންސުރުތައް ސާބިތުކޮށްދޭން ޖެހޭނެއެވެ. މިސާލަކަށް ޤާނޫނުލް އުޤޫބާތު (9/2014) ގެ 230 ވަނަ މާއްދާގައި، ވަނުމުގެ ހުއްދަ ނެތްތަނެއްކަން އެނގިހުރެ އެތަނަކަށް ވަނުން ނުވަތަ އެތަނަކަށް ވަދެ ހުރުން އެއީ ކުށެއްކަމާއި، އެމީހަކު ކުށްވެރިވާނެކަމަށް ބުނެ ކުށް ކަނޑައަޅާފައި ވެއެވެ.
މިމާއްދާގައި ބުނެފައިވާ ގޮތުން މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ކުށުގެ އުންސުރު ފުރިހަމަވާނީ އެމީހަކު ވަން ތަނަކީ ވަނުމުގެ ހުއްދަނެތް ތަނެއްކަން ސާބިތުކޮށްދީގެންނެވެ. އަދި އެތަނަށް އެމީހަކު ވަންއިރު، އެތަނަކީ ވަނުމުގެ ހުއްދަނެތް ތަނެއްކަން އެމީހަކަށް އެނގޭކަންވެސް ސާބިތުކޮށްދޭން ޖެހޭނެއެވެ. އަދި އެތަނަށް އެމީހަކު ވަންކަންވެސް ނުވަތަ ވަދެ ހުރިކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. މިއީ މިމާއްދާގެ ދަށުން ކުށެއްކަމަށް ބުނެފައިވާ ކުށުގެ އުންސުރުތަކެވެ. މިކަންކަން ސާބިތުކޮށްދީގެން ނޫންގޮތަކަށް ޖިނާއީ ކުށުގެ ބަރުދަން އެމީހަކު އުފުލާކަށް ނުޖެހޭނެއެވެ.
އަދި މިމާއްދާގެ ދަށުން، އިސްތިސްނާވެގެންވާ ކަންކަން ހާސިރުވެ އޮތްނަމަ ކުށަކަށް ނުވުމުގެ އުންސުރު ހަމަވާނެއެވެ. އެއީ، އެމީހަކު އެތަނަށް ވަންއިރު، އެތަނަކީ އާންމުކޮށް ހުޅުވާލެވިފައިވާ ތަނެއްކަމަށް ވުމާއި، އެތަނަށް ވަނުމުގައި ތަބާވާންޖެހޭ އެންމެހާ ޝަރުތުތަކަށް އެމީހަކު ތަބާވެފައިވުމާއި، އެތަނަށް ވަނުމަށް އެތަނުގެ ވެރިފަރާތުން އެމީހަކަށް ހުއްދަ ދޭނެކަން އެކަށީގެންވާ ގޮތަށް ޤަބޫލުކުރެވިފައި އޮތުމެވެ. މިކަންކަން ހާސިރުވެ އޮތްނަމަ ވަނުމުގެ ހުއްދަ ނެތްތަނަކަށް ވަނުމުގެ ކުށުގެ އުންސުރުތައް ފުރިހަމައެއް ނުވާނެއެވެ.
ދައުވާ އުފުލާ ފަރާތުގެ ޒިންމާއަކީ، ތަހްޤީޤު އިދާރާތަކުން ފޮނުވާ ތަހުޤީޤުގެ ލިޔެކިޔުންތަކުގެ ހެކި ވަޒަންކޮށް ޤާނޫނުގައި ކުށްކަމަށް ބުނާބުނުމާއި އަޅާބަލާ ދިރާސާކޮށް، ލިބިގައިވާ ލިޔެކިޔުންތަކުގެ އަލީގައި އެކުށުގެ ރުކުންތައް ސާބިތުކޮށްދިނުމެވެ. އެކަންކަން އެގޮތަށް ސާބިތުކޮށް ނުދެވޭނަމަ އެމީހެއްގެ މައްޗަށް ޖިނާއީ ދައުވާކުރުމުގެ ބޭނުން ކެނޑިގެންދާނެއެވެ. ޖިނާއީ ކުށެއް މީހެއްގެ މައްޗަށް ސާބިތުކޮށްދިނުމުގެ އަސާސީ މިންގަނޑަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ ދަށުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި އެކަން ސާބިތުކޮށް ދިނުމެވެ. އެނޫން ކޮންމެ ހާލަތެއްގައި އެމީހަކީ ކުށެއް ނުކުރާ މީހެއްކަމަށް ބަލަންވާނެއެވެ.
ކުށުގެ އުންސުރު ހަމަނުކޮށް ދައުވާ އުފުލުމަށް އެ ލިޔެކިޔުންތައް ހިފައިގެން ކޯޓަކަށް ގޮސްފިނަމަ އެކަމުން ދެ ނިމުމެއް ގެނުވައެވެ. ފުރަތަމަ ނިމުމަކީ އުފުލާފައިވާ މައުޟޫއީ ދައުވާ އެމީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ނިންމައި މައްސަލަ ހުކުމް ކުރުމެވެ. ދެވަނަ ނިމުމަކީ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ހުކުމްކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެމީހެއްގެ މައްޗަށް ނުއުފުލޭނެކަމަށް ކަނޑައެޅުމެވެ. އެހެންކަމުން މިފަދަ ކަންކަމުގައި ކުށުގެ އުންސުރު އަދި ކުށުގެ މައިގަނޑު ރުކުންތައް ހަމަވުމަކީ ޤާނޫނު ލާޒިމުކުރާ ކަމެކެވެ.
އަބަދުވެސް ޤާނޫނުތަކުގެ މަޤްޞަދަކީ، ކުށްކުރި މީހަކު ދައުވާއިން ހެކި ބަރީއަވެގެން ދިޔަކަމުގައި ވިޔަސް ކުށް ނުކުރާ މީހަކަށް އަދަބު ނުދިނުމެވެ. އެހެންކަމުން މިފަދަ ކަންކަމުގައި އަމަލުކުރަންވާނީ އެކަމެއް ކުރުމަށް ކަނޑައަޅާފައިވާ ޤާނޫނީ ހަމައިގެން ތެރެއިންނެވެ. ހެއްކާއި ޤަރީނާއާއި ކުށުގެ އުންސުރުތަކާއި މައިގަނޑު ރުކުންތައް ހަމަވާ ގޮތަށެވެ. އެހެން ނޫންކަމަށްވާނަމަ މިރާއްޖޭގެ އަސްދަޑީގައި ގިނަވާނީ ކުށުގެ ތުހުމަތުގައިވާ މީހުންނާއި ކުށްވެރިންނެވެ.