ބަޣާވާތާ ދެކޮޅަށް މިޔަންމާގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގައި، މުޒާހަރާގެ ބައިވެރިން އަސްކަރީންނާ ދެކޮޅުހެދުމުގެ ގޮތުން އިތުރު އުކުޅުތައް ބޭނުން ކުރަން ފަށައިފިއެވެ.

އެގޮތުން، މިޔަންމާގެ އެންމެބޮޑު ސިޓީ ކަމަށްވާ ޔަންގޫންގެ މަގުތަކުގައި އާންމުން މިއަދުވަނީ ކުނިފުނިތައް ޖަހަން ފަށާފައެވެ.

ކުނިފުނިތައް ޖަހަން ފަށާފައިވަނީ ޔަންގޫންގެ މަގުތަކުގެ ހަތަރު އަނގޮޅިއަށްވާ ގޮތަށެވެ.

ޔަންގޫންގެ މަގުތަކުގައި ބޮޑެތި ކުނިފުނިތައް ޖަހާފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި، ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ހިއްސާވެސް ކުރަމުންނެވެ.

އަސްކަރީ ބަޣާވާތާ ދެކޮޅަށް މިޔަންމާގެ އެކި ހިސާބުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުން ގެންދާއިރު، މަދަނީ ބަސްނޭހުންތައްވެސް ކުރިއަށް އެބަގެންދެއެވެ. ވިޔަފާރިތައް ބަންދުކޮށް، އޮފީސްތަކަށް މީހުން ދިއުންވެސް ވަނީ ހުއްޓާލާފައެވެ.

މަދަނީ ބަސްނޭހުންތަކުގެ ސަބަބުން މިޔަންމާގެ އިގްތިސާދަށް އެކަމުގެ އަސަރުކޮށް ލޮޅުންތައް އަރަން ފަށާފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގެ ދެކޮޅު ހެދުންތަކާއެކުވެސް މިޔަންމާގެ ސަލާމަތީ ބާރުތަކުން ގެންދަނީ އާންމުން މަރައި، އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ކުރަމުންނެވެ.

ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން މިހާތަނަށް 510 މީހުން މަރުވެފައި ވާއިރު، އިއްޔެ އެކަނިވެސް 14 މީހުން މަރާލާފައި ވެއެވެ.

މުޒާހަރާތައް ފެށުނުފަހުން މިހާތަނަށް އެންމެ ގިނަމީހުން މަރުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެދުވަހު 141 މީހުން މަރުވިއެވެ.

ސަލާމަތީ ބާރުތަކުން އިއްޔެއިން ފެށިގެން އާންމުންނާ ދެކޮޅަށް މާ ނުރައްކާތެރި ހަތިޔާރު ބޭނުން ކުރަމުންދާ ކަމަށްވެސް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިޔަންމާ-ތައިލެންޑް ވަކިކުރާ އިމުގެ ސަރަހައްދަށް މިޔަންމާ ވައިގެ ސިފައިން މިއަދު ބޮންވެސް އަޅާފައި ވެއެވެ. މިކަމާހެދި އެހިސާބުގެ އަވަށްތަކުގައި ދިރިއުޅޭ 3،000 އަށްވުރެ ގިނަ މީހުން ހިމާޔަތަށް އެދިގެން ތައިލެންޑަށް އެތެރެވެފައިވާކަން ތައިލެންޑުން ކަށަވަރު ކޮށްދީފައި ވެއެވެ.

މިޔަންމާގެ އަސްކަރީންގެ އަނިޔާވެރިކަން ހުއްޓުވުމަށް އދ ނުކުޅެދިފައި ވާއިރު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އިއްޔެގައިވަނީ، އާންމުން މެރުން ވަގުތުން ހުއްޓާލުމަށް މިޔަންމާގެ ޖެނެރަލުންނަށް ގޮވާލައްވާފައެވެ.