ޗައިނާއިން ކޮވިޑް ވެކްސިން ދިނުމުން ނޭޕާލުން އަލުން ވެކްސިން ޖަހަން ފަށަން ތައްޔާރުވެއްޖެއެވެ.

ނޭޕާލުން މިއަހަރުގެ ޖެނުއަރީމަހު ވެކްސިން ޖަހަންފެށީ، އިންޑިއާއިން ހަދިޔާކުރި އެއްމިލިއަން ޑޯޒް ވެކްސިން ލިބުމާ ގުޅިގެންނެވެ.

ޑަބްލިޔޫއެޗްއޯއިން ކުރިއަށްގެންދާ ކޮވެކްސް ސްކީމްގެ ތެރެއިން ނޭޕާލަށް އިތުރު 348،000 ޑޯޒްގެ ވެކްސިން ލިބިފައިވަނީ މިމާޗްމަހުގެ ތެރޭގައެވެ.

ނަމަވެސް، އިންޑިއާއިން ވެކްސިން އެކްސްޕޯޓްކުރުން މަޑުޖެހުމަކަށް ގެނައުމާއި، ނޭޕާލުން އޯޑަރުކުރި އިތުރު 2 މިލިއަން ޑޯޒް ވެކްސިންގެ ދެބައިކުޅަ އެއްބައިވެސް ނުލިބި ވެކްސިން ހުސްވެގެން ނޭޕާލުން ވެކްސިން ޖެހުން ހުއްޓާލާފައިވަނީ މާޗްމަހުގެ މެދުތެރޭގައެވެ.

ޗައިނާއިން ހަދިޔާކުރި 800،000 ޑޯޒްގެ ވެކްސިން ނޭޕާލަށް އިއްޔެވަނީ ގެންގޮސްފައެވެ. އެއީ، ސިނޯފާރމްގެ ވެކްސިނެވެ.

ދެން ވެކްސިން ޖަހާނީ ކޮން ގްރޫޕްތަކަކަށްތޯ ކަނޑައެޅުނުހާ އަވަހަކަށް އަލުން ވެކްސިން ޖަހަން ފަށާނެ ކަމަށް ނޭޕާލް ސަރުކާރުގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފައި ވެއެވެ.

ވެކްސިން ހުސްވެ، ވެކްސިން ޖެހުން ހުއްޓިފައިވާ މި ދަނޑިވަޅުގައި ޗައިނާއިން ވެދިން އެހީތެރިކަމަށް ނޭޕާލް ސަރުކާރުންވަނީ ޗައިނާއަށް ޝުކުރު އަދާކޮށްފައެވެ.

ކޮވިޑްބަލީގެ މި ހާލަތުގައި ދުނިޔޭގެ އެކި ގައުމުތަކަށް ނުފޫޒު ފޯރުވަން އިންޑިއާއާއި ޗައިނާއިންވަނީ ގައުމުތަކަށް ވެކްސިން ފޯރުކޮށްދީގެން ވެކްސިން ޑިޕްލޮމަސީގެ ބޭނުންކޮށްފައެވެ.

ޚާއްސަކޮށް އަގުހެޔޮ ވެކްސިނެއް ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ދުނިޔޭގެ ފަގީރު ގައުމުތަކަށް ވެކްސިން ހިލޭ ދިނުމާއި، އަގުހެޔޮކޮށް ވިއްކުމުގައި ޗައިނާއާއި އިންޑިއާގެ ވާދަވެރިކަން ވަރަށް ބޮޑުވެފައި ވެއެވެ.

އިންޑިއާއިން މިހާތަނަށްވަނީ ދުނިޔޭގެ 77 ގައުމަކަށް 61 މިލިއަން ޑޯޒްގެ ވެކްސިން އެކްސްޕޯޓްކޮށްފައެވެ. އެއީ، ހަދިޔާކުރި ވެކްސިނާއި، ވިޔަފާރި އުސޫލުން އެކްސްޕޯޓްކުރި ވެކްސިނެވެ.

ޗައިނާއިން ވެކްސިން ފޮނުވީ ކިތައް ގައުމަށް ކަމެއް ސާފެއް ނުވެއެވެ.

އިންޑިއާގައި ބަލީގެ ހާލަތު ހައްތަހާ ގޯސްވަމުން ދިއުމާއި، މިހާތަނަށް ވެކްސިން ޖެހިފައިވަނީ އާބާދީގެ މަދުބަޔަކަށް ކަމަށްވާއިރު، އެހެން ގައުމުތަކަށް ވެކްސިން އެކްސްޕޯޓްކުރުމަށް ސަރުކާރުން އެހާބޮޑު ސަމާލުކަމެއްދޭ މައްސަލާގައި އިންޑިއާގެ ރައްޔިތުން ސުވާލު އުފައްދަމުން ގޮސްފައި ވެއެވެ.

ބޭރު ގައުމުތަކަށް ވެކްސިން އެކްސްޕޯޓްކުރުން އިންޑިއާއިން މަޑުޖެހުމަކަށް ގެނައީ، އެތެރެއިން ފިއްތުންތައް ބޮޑުވެގެންނެވެ.