މާޗް 23 ވަނަ ދުވަހު ފާހަގަކުރި ޕާކިސްތާނުގެ ޖުމްހޫރީ ދުވަހާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ޕާކިސްތާނަށް ފޮނުއްވި ސިޓީފުޅަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ޖަވާބު ދެއްވައިފިއެވެ.

މޯދީއަށް އެޑްރެސް ކުރައްވައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ފޮނުއްވި ސިޓީފުޅުގައި، އިންޑިއާއާއެކު ސުލްހަވެރި ގުޅުމެއް ބާއްވަން ޕާކިސްތާނުންވެސް ބޭނުންވާކަމަށް ވިދާޅުވެފައި ވެއެވެ.

ޕާކިސްތާނުގެ ޖުމްހޫރީ ދުވަސް ނުވަތަ ޕާކިސްތާން ޑޭއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު މޯދީ މާޗް 23 ގައި ބޮޑުވަޒީރު އިމްރާން ޚާންއަށް ފޮނުއްވި ސިޓީފުޅުގައި ދެގައުމުގެ ދެމެދުގައި ސުލްހަވެރި ގުޅުމެއް އޮތުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައި ވެއެވެ.

މޯދީގެ ސިޓީފުޅަށް ޖަވާބު ދެއްވައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އިއްޔެ ފޮނުއްވި ސިޓީފުޅު ދެގައުމުންވެސް އާންމުކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް، އިމްރާން ޚާންގެ ސިޓީފުޅުގައި ހިމެނޭ މައިގަނޑު ބައިތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ނަން ހާމަކޮށްފައިނުވާ ޕާކިސްތާނުގެ އޮފިޝަލުންވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ރަނގަޅު ވާހަކަތަކެއްކަން ކަށަވަރުވެސް ކޮށްދެއްވާފައެވެ.

އިންޑިއާވެސް ހިމެނޭގޮތުން އަވަށްޓެރި ހުރިހާ ގައުމުތަކާއެކު ސުލްހަވެރި އަދި އެއްބާރުލުންދޭ ގުޅުމެއް ބާއްވަން ޕާކިސްތާނުންވެސް ބޭނުންވާކަމަށް އިމްރާން ޚާން ވިދާޅުވެފައި ވެއެވެ.

އަދި ޕާކިސްތާނު ޑޭއާ ގުޅިގެން ސިޓީފުޅެއް ފޮނުއްވި ކަމަކަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް އިމްރާން ޚާން ޝުކުރު އަދާކުރައްވާފައި ވެއެވެ.

އަދި ދެކުނު އޭޝިޔާއަށް ސުލްހައާއި ހަމަޖެހުން ގެނެވޭނީ ޖައްމޫ އެންޑް ކަޝްމީރާއި އަދި އެނޫންވެސް، ޕާކިސްތާނާއި އިންޑިއާއާ ދެމެދު ހުރި މައްސަލަތަކަށް ދާއިމީ ހައްލުތަކެއް ހޯދިގެންކަމަށް އިމްރާން ޚާންގެ ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.