މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ޝިފްލާ އާއިއެކު ދެނަމެއް ރައިސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ފޮނުއްވައިފިއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ރައީސް އޮފީހުން ހުޅުވާލީ ބްރޯޑްކޮމްގެ މެމްބަރު، ގ.ގޮފި އަލްއުސްތާޒާ އާމިނަތު ސަރާހަތު އިއްޒަތުގެ މަގާމުގެ މުއްދަތު އަންނަ މަހުގެ 4 ވަނަ ދުވަހަށް ހަމަވާތީއެވެ.

ބްރޯޑްކޮމްއަށް މެމްބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި، ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި 3 ބޭފުޅުންނަކީ،، މ. ވެންކޫވާ އަލްއުސްތާޒާ ފާތިމަތު ސައުޝަން އާއި ގ. މަސްއޮޑިގެ ޝިފްލާ އިބްރާހިމްގެ އިތުރަށް އދ. މާމިގިލި ޖަވާހިރުއައްސޭރި ޑރ. މުހައްމަދު އިބްރާހިމްއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ދިރާސާ ކުރެއްވުމަށް ފޮނުއްވި ނަންތައް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.