ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް އުނދަގޫ މޮޅެއް ހޯދާ، ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ޕޮއިންޓް ތާވަލުގެ ހަވަނައަށް އަލުން ޖެހިލައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުން ސަސް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް މިހާފުގައި ޓީސީގެ ބިދޭސީ ފޯވާޑް މެލްކަމް ކަސިއަސް ސްޓެވާޓް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް އުފައްދާފައެވެ. އެގޮތުން 29 ވަނަ މިނެޓުގައި އޭރިއާ ބޭރުގައި ހުރެފައި މެލްކަމް ފޮނުވާލި ބާރު ހަމަލާ، ސަސްގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ވަނީ މަތަކޮށްފައެވެ.

އޭގެ ދެމިނެޓުފަހުން ސަސްގެ ބިދޭސީ ފޯވާޑް އަޖުނާނީ މުޙައްމަދު އަށްވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެހެންނަމަވެސް އޭރިއާ ތެރޭގައި ހުރެފައި އޭނާ ފޮނުވާލި ބޯޅަ، ޓީސީގެ ކީޕަރު މަމަދޯފް އާޒާދު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައި ދެޓީމުންވެސް ބޮޑަށް އެޓޭކް ކޮށްގެން ކުޅުންއިރު މިހާފުގެ ކުރީކޮޅުގައި ޓީސީ އިންވަނީ ރަނގަޅު ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ކެޕްޓަން އައްޒާމް މުހައްމަދު ފޮނުވާލި ނުރައްކާތެރި ދެހަމަލާ ފާހަގަކޮށްލެވެއެވެ.

ޓީސީ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- އެފްއޭއެމް

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސަސް އަށް ކާމިޔާބުކޮށްދީ ގަދަ ހައެކުން އެޓީމަށް ޖާގައެއް އަލުން ހޯދައިދިނީ މެޗުގެ 76 ވަނަ މިނެޓުގައި އަޙްމަދު އައިހަމެވެ. އައިހަމް ކުޅެންއެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސަސްގެ ބިދޭސީ މިޑްފީލްޑަރު، އެއިސުކޭ މޮހްރީ އެވެ.

ޓީސީ އާއި ސަސް ބައްދަލުކުރި މެޗުގެ މޮޅުކުޅުންތެރިޔާ- ފޮޓޯ:- އެފްއޭއެމް

މެޗަށްފަހު ސަސްގެ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ކުޅުންތެރިން ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭކަން ހާމަކޮށްފައެވެ. އެހެންނަމަވެސް ލީޑު ފުޅާކުރުމަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފުނުނަމަ މިއަށްވުރެ މެޗު ފަސޭހަވެގެންދިޔައިސްކަން މޯހަން ފާހަގަކުރިއެވެ. މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައިވެސް މޯހަން ވަނީ މިމެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ގަދަ ހައެކުން ޖާގައެއް ހޯދަން ސަސްއިން ޓާގެޓް ކޮށްފައިވާކަން ހާމަކޮށްފައެވެ.

ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ބޮޑު މެދުކެނޑުމަކަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ކުޅުންތެރިންގެ ފަރާތުން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗުގައި ޓީސީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފުން ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ޓީސީ އަތުން ހޯދި މޮޅާއެކު ތާވަލުގެ ހަވަނައަށް ސަސް ޖެހިލީ ކުޅުނު 10 މެޗުން ލިބުނު 11 ޕޮއިންޓާއެކުގައެވެ. އަދި މެޗުން މި ބަލިވި ޓީސީ ތާވަލުގެ ހަތްވަނައަށް ވެއްޓުނުއިރު، އެ ޓީމަށް 10 މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ.