ފީފާ ވޯލްޑް ކަޕްގެ ޔުރޯ ކޮލިފިކޭޝަންގައި ކުޅުނު މެޗުތަކުން ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕޯޗުގަލް އާއި ބެލްޖިއަމް އަދި ނެދަލެންޑްސް އަށް ފަސޭހަ މޮޅެއް ލިބިއްޖެއެވެ.

އެގޮތުން ގްރޫޕް އޭގައި ކުޅުނު މެޗުން ލަގްޒަމްބާގް އަތުން ޕޯޗުގަލް މޮޅުވީ ފަހަތުން އަރާ 1-3 ގެ ނަތީޖާއަކުންނެވެ. ލަގްޒަމްބާގުގައި ކުޅުނު މިމެޗުގައި އެންމެ ފުރަތަަމަ ލަނޑުޖަހާ ލީޑުނެގީވެސް އެގައުމުންނެވެ. މިލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖާސަން ރޮޑްރިގޭސެވެ.

އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލްއިިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޑިއޯގޯ ޖޮޓާ އެވެ.

ޕޯޗުގަލް އަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑުނަގައިދިން ލަނޑު ދެވަނަ ހާފުގައި، މެޗުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ގައުމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ޕޯޗުގަލްގެ ޖާޒީގައި އޭނާ ކާމިޔާބުކުރި 103 ވަނަ ލަނޑެވެ. މިއާއެކު އިންޓަނޭޝަނަލް ޓޮޕް ސްކޯރަރ އަށް ވުމަށް އޭނާއަށް ދެން ބޭނުންވާނީ ހަތް ލަނޑެވެ. މިވަގުތު އިންޓަނޭޝަނަލް ޓޮޕް ސްކޯރާގެ ރެކޯޑް އޮތީ އީރާނަށް 1993 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް ކުޅުނު، އަލީ ދަޢެއި އެވެ. އޭނާ ވަނީ އީރާނުގެ ގައުމީ ޖާޒީގައި 149 މެޗުން 109 ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގައި ޕޯޗުގަލްގެ ފަހުލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދިން ލަނޑު، 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޮއާއޯ ޕަލީނިއާ އެވެ.

ޕޯޗުގަލް އާއި ލަގްޒަމްބާގް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މިމެޗުން ޕޯޗުގަލް މޮޅުވިއިރު، ގްރޫޕް އޭގެ އެއްވަނައިގައި އެ ޤައުމު އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި އޮތް ސާބިއާއަށްވެސް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، އަންގާރަ ދުވަހުހެރޭ ކުޅުނު މެޗުން ސާބިއާ ވަނީ ރަށުން ބޭރުގައި އަޒަރުބައިޖާން އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މީގެއިތުރުން ގްރޫޕް އީގައި ހިމެނޭ ބެލްޖިއަމް މޮޅުވީ ބެލަރޫސް އަތުން 8-0 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

ބެލްޖިއަމް އާއި ބެލަރޫސް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

އަމިއްލަ ގައުމުގައި ކުޅުނު މިމެޗުގައި ބެލްޖިއަމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާންސް ވަނަކެންނާއި ލެއަންޑްރޯ ޓްރޮސާޑް އަދި މިޝީ ބަޓްޝުއާއީ އާއި، ޖެރެމީ ޑޯކޫ އާއި، ޑެނިސް ޕްރައެޓް އަދި ކްރިސްޓިއަން ބެންޓެކޭއެވެ. މީގެތެރެއިން ހާންސް ވަނަކެންނާއި ލެއަންޑްރޯ ޓްރޮސާޑް ވަނީ ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗުން ފަސޭހަކަމާއެކު ބެލްޖިއަމް މޮޅުވިއިރު، ގްރޫޕް އީގެ އެއްވަނައިގައި އެ ޤައުމު އޮތީ ކުޅުނު ތިން މެޗުން ލިބު ހަތް ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ދެވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުގައި ދެން އޮތް ވޭލްސް އާއި ބެލަރޫސަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ގްރޫޕް ޖީއަށް ބަލާލާއިރު، މި ގްރޫޕުގައި ހިމެނޭ ނެދަލެންޑްސް މޮޅުވީ ޖިބްރަލްޓާ އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ނެދަލެންޑްސް އާއި ޖިބްރަލްޓާ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ނެދަލެންޑްސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި ނެދަލެންޑްސްގެ މެމްފިސް ޑިޕާއި ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ނެދަލެންޑްސްއިން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ ސްޓީވެން ބެއާހަސް އާއި، ލޫކް ޑި ޔޮންނާއި، ޖިއޮޖީނިއޯ ވައިނަލްޑަމާއި، ޑޮންޔެލް މަލެން އަދި ޑޮނީ ވެން ޑަ ބީކެވެ.

މި މެޗުން ނެދަލެންޑްސް މޮޅުވި ނަމަވެސް، ގްރޫޕް ޖީގެ އެއްވަނައިގައި އޮތީ އަންގާރަ ދުވަހުހެރޭ ލަޓްވިއާއާ 3-3 ގެ ނަތީޖާއަކުން އެއްވަރުވި ތުރުކީއެވެ. އެގޮތުން ތުރުކީއަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ނެދަލެންޑްސްއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ތާވަލުގެ ތިންވަނައިގައި އޮތް މޮންޓެނީގްރޯ އާއި ހަތަރުވަނައިގައި އޮތް ނޯވޭއަށްވެސް ތިން މެޗުން ވަނީ ހަ ޕޮއިންޓް ލިބިފައެވެ.