ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ބިސް، ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ މިއީ ރަމަޟާން މަހަށް ޚާއްސަ ކޮށްގެން އެކުންފުނިން ގެނައި ބާވަތްތަކެއް ކަމަށާ މިއީ އެހެން މަސްތަކުގައި އާންމުކޮށް އެކުންފުނިން ގެންނަ ބާވަތްތަކެއް ނޫން ކަމަށެވެ.

އެސްޓީއޯއިން ބުނީ އެކުންފުނީގެ ފިހާރަތަކުން މިހާރު ފިޔާކިލޯއެއް 9.50 އަށް ގަންނަން ލިބޭނެ ކަމަށެވެ. އަދި އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް 200 ރުފިޔާއަށް ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތުދެއެވެ.

އެސްޓީއޯ އިން އަލުވި ކިލޯއެއް 9 ރުފިޔާއަށް ވިއްކާއިރު އަލުވި ބަސްތާއެއް ވިއްކަނީ 185 ރުފިޔާއަށެވެ. އަދި ބިހެއް 1.40 އަށް ވިއްކާއިރު ބިސް ކޭހެއް ވިއްކަމުންދަނީ 265 ރުފިޔާއަށް ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެސްޓީއޯ ސުޕަމާޓުން ރީޓެއިލްކޮށް މިތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިތަކެތި ވިއްކާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިސް ގަތުމުގެ ކުރިން މިތަކެތި ޗެކުކުރެވޭނެ އިންތިޒާމު މިއަހަރު އެސްޓީއޯގެ ފިހާރަތަކުން ހަމަޖައްސާފައިވާ ކަމަށެވެ.

އެސްޓީއޯއިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކުން ބިސް، ފިޔާ އަދި އަލުވި ރާއްޖެ ގެނެސް ހެޔޮ އަގުގައި ރައްޔިތުންނަށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައެވެ.

މީގެ ސަބަބުން އެހެން މަސްތަކުގައި ވިޔަފާރިވެރިން މިތަކެތި ބޮޑު އަގުގައި ވިއްކި ނަމަވެސް ރަމަޟާން މަހު މި ތިން ބާވަތްވެސް ހެޔޮ އަގުގައި ރައްޔިތުންނަށް ލިބުމަށް މަގުފަހިވެގެންދެއެވެ.