މިއަހަރުގެ ފިލްމު ފެއަރ އެވޯޑްގައި ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއްވެސް ލިބިފައިވާ ފިލްމު "ތައްޕަޅް" ގެ ބަތަލާ ތާޕްސީ ޕައްނޫ އިންޑިއާގެ ކާމިޔާބު ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާގެ ބައޯޕިކް ފިލްމްއަށް ގެންނަން އުޅޭކަމުގެ ޚަބަރު އިންޑިއާގެ މީޑިއާތަކުގައި ތިލަވެއްޖެއެވެ.
ފިލްމު "ޕިންކް" ގައި ހައިރާންކުރުވާކަހަލަ މޮޅު އެކްޓިންގްއެއް ދައްކުވައިދިން ބަތަލާވަނީ ވޭތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭވެސް ބެލުންތެރިން ހިތްހަމަޖެހޭ ކަހަލަ މޮޅު އެކްޓިންގްއެއް އޭނާގެ ފިލްމުތަކުން ދައްކުވައިދީފައެވެ.
ސާނިއާގެ ބައޯޕިކްއާ ގުޅުވައިގެން ތާޕްސީގެ ނަން މީޑިއާގައި ފެންމަތިވެފައި ވާއިރު، ބަތަލާ މިހާރުވެސްދަނީ ސްޕޯޓްސް ބައޯޕިކްއެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމަކަށް ތައްޔާރު ވަމުންނެވެ.
"ޝަބާޝް މިތޫ" ނަމަކަށް ކިޔާ މިފިލްމަކީ އިންޑިއާގެ ޤައުމީ އަންހެން ކްރިކެޓް ޓީމްގެ ކެޕްޓަން މިތާލީ ރާޖްގެ ކުޅިވަރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު އަންހެން ޓެނިސް ކުޅުންތެރިޔާ ސާނިޔާ މިރްޒާގެ ބައޯޕިކްއަށް އެންމެ އެކަށީގެންވަ ބަތަލާއަކީ ތާޕްސީކަމަށް ޑައިރެކްޓަރު ރޮނީ ސްކްރޫވާލާވެސް އެއްބަސްވެފައި ވާކަމަށް މީޑިއާތަކުގައި ލިޔެފައިވެއެވެ.
ޚަބަރު ލިބޭގޮތުން ތާޕްސީގެ ކުޅެން ހަމަޖެހިފައިވާ ޕްރޮޑިއުސަރ ރާޖް ހިރާނީގެ ފިލްމުގެ މަސައްކަތް މިވަގުތުވަނީ ހުއްޓާލާފައެވެ.
އެކްޓަރު ޝާހްރުކް ޚާންއާއެކު ކުޅެން ހަމަޖެހިފައިވާ މިފިލްމުގެ ޝެޑިއުލްއަށްއައި ބަދަލާއެކު ބެލެވޭގޮތުގައި އޭނާ މިދުވަސްކޮޅުގެ ބޭނުންކުރާނީ ސާނިއާގެ ބައޯޕިކްއަށް ޝޫޓްކުރުމަށެވެ.
މިއަހަރުގެ ފިލްމު ފެއަރ އެވޯޑްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ހާސިލްކޮށްފައިވާ ބަތަލާއަށް އެވޯޑް ލިބުނު ފިލްމު "ތައްޕަޅް" އަކީ ކައިވެނީގެތެރެއިން ދެމަފިރިންގެ ދެމެދުގައި ހިނގާ ދެބަސްވުންތަކާހެދި ދިމާވާ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފިލްމެކެވެ.
ތާޕްސީގެ އިތުރުން މިފިލްމުގައި ބަތަލާ ދިއާ މިރްޒާއާއި ޕަވައިލް ގްލާޓީ އަދި ތަންވީ އަޒްމީ މުހިއްމު ރޯލްއިން ފެނިގެންދެއެވެ.
ތާޕްސީއަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފައިވާ މިފިލްމުވަނީ 15 ކެޓެގައރީއަކަށް ނޮމިނޭޓްވެ އޭގެތެރެއިން 7 ކެޓެގަރީއަކުން އެވޯޑް ހާސިލްކޮށްފައެވެ.
އޭގެތެރޭގައި މިދިޔަ އަހަރުގެ އެންމެ މޮޅު ފިލްމު އެވޯޑް، އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް އަދި އެންމެ މޮޅު ސްޓޯރީގެ އެވޯޑް ހިމެނެއެވެ.
މިފިލްމަށް ލިބުނު ކާމިޔާބީއާއެކު ތާޕްސީގެ ފިލްމީ ކެރިއަރުގެ ވިދުންގަދަވެގެން ދިއުމާއެކު ފެންވަރު ރަނގަޅު ތަފާތު ފިލްމީ ޕްރޮޖެކްޓްތައް ކުރިއަށް އޮތް ތަނުގައި ލިބިގެންދާނެ ކަމަށް ބޮލީވުޑްގެ އެނަލިސްޓުންވަނީ ބުނެފައެވެ.