ޓޯކިއޯ އޮލިމްޕިކްސް ގައި ފްރާންސްގެ ގައުމީ ޓީމަށް ނުކުޅޭނެކަން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފްރާންސްގެ ޒުވާން ފޯވާޑް، ކިލިއަން އެމްބާޕޭ އެގައުމުގެ އެފްއޭއަށް އަންގައިފިއެވެ.

އުމުރުން 22 އަހަރުގެ އެމްބާޕޭ ޓޯކިޔޯ އޮލިމްޕިކްސްގައި ފްރާންސް ޓީމާއެކު ނުދާން ނިންމީ، ޕީއެސްޖީގައި އޭނާގެ ކްލަބް ކެރިއަރުގެ ޕާފޯމަންސް އިތުރު ހަރުފަތަކަށް ގެންދަން ބޭނުންވާތީކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އެމްބާޕޭ މިނިންމުން ނިންމިއިރު ޕީއެސްޖީ އާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. އަދި އެމްބާޕޭ ހޯދުމުގެ ރޭހުގައި މިވަގުތު އެންމެ ކުރީގައި އޮތީ ސްޕެއިންގެ ގަދަބާރު، ރެއާލް މެޑްރިޑް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ރެއާލްގެ ވެރިންނާއެކު ކޮންމެވެސް މިންވަރަކަށް ޓްރާންސްފަރ ގެ މަޝްވަރާތައް އެމްބާޕޭގެ އެޖެންޓް ކޮށްފައިވާކަމަށްވެސް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ޕީއެސްޖީން އެމްބާޕޭ ދޫކޮށްލަން ބޭނުންނުވާ ކަމަށާއި، މުސާރަ ބޮޑުކޮށްގެން ނަމަވެސް އެކުލަބުގައި އެމްބާޕޭ ބެހެއްޓުމަށް ބޭނުންވާކަން އެކުލަބުގެ ވެރިން މީގެކުރިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެމްބާޕޭ ކުލަބުގައި ބެހެއްޓުމަށް 25 މިލިއަން ޔޫރޯގެ ކޮންޓްރެކްޓެއް އޭނާއަށް ހުށަހެޅުމަށް ޕީއެސްޖީން ތައްޔާރުވަމުން އަންނަކަންވެސް އެކުލަބުން ވަނީ ހާމަކޮށްފައެވެ.

ޓްރާންސްފަރ އާއި ގުޅޭގޮތުން ވާހަކަދައްކަމުން އެމްބާޕޭ މީގެކުރިން ވަނީ އޭނާ އެކުލަބުގައި ހުރީ އުފަލުން، ހިތްހަމަޖެހިގެން ކަމަށާއި، ކުލަބު ދޫކޮށްލުމާއި މެދު ވަކިއެއްޗެއް އަދި ހާމަކުރަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އަދި ކުލަބާއިއެކު އިތުރު ކޮންޓްރެކްޓެއް ހަދާނަމަ ދިގުމުއްދަތަކަށް ޕީއެސްޖީގައި މަޑުކުރަން ޖެހޭނެތީވެ އެކަމާއި ވަރަށް ފުންކޮށް ވިސްނަމުންދާކަމަށްވެސް އެމްބާޕޭ ވަނީ ބުނެފައެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ފްރާންސް އާއި ކަޒަކްސްތާން ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ކުރިއަށް އޮތް ހޫނުމޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ރެއާލް މެޑްރިޑުން އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ނޯވޭގެ ޒުވާން ފޯވާޑް، އާލިންގ ބްރައުޓް ހާލަންޑުގެ ސޮއެވެސް އެކުލަބުން ހޯދަން މަސައްކަތްކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން މި ޓްރާންސްފަރ ވިންޑޯ ވެގެންދާނީ ފުޓުބޯޅައިގެ ކުރިއަށް އޮތް 5 ވަރަކަށް އަހަރުގެ ކުރިމަގުގެ ގިނަ ކަންކަމަކަށް ބަދަލުތަކެއް އަންނާނެ ޓްރާންސްފަރ ވިންޑޯއަކަށް ވެގެންދާނެއެވެ. ސަބަބަކީ މިވަގުތު ދުނިޔޭގެ އެންމެ ހުނަރުވެރި، ޒުވާން ދެ ފޯވާޑުން ރެއާލް މެޑްރިޑުން އެކުގައި ފެނިގެންދާނަމަ ޔޫރަޕު ފުޓުބޯޅައިގައި އެކުލަބުން ގިނަ ކާމިޔާބީތަކެއް ހޯދާނެތީކަމަށް ރިޕޯޓްތަކުން ބުނެއެވެ.