2001 ވަނަ އަހަރު ރިލީޒްވީ ވަރަށް ރީތި ލޯބީގެ ފިލްމު "ރެހެނާހޭ ތެރޭ ދިލްމޭ" ގެ ސީކުއެލް ނުވަތަ ދެވަނަ ބައިން ކުޅެން ބަތަލާ ކްރިތީ އަދި އެކްޓަރު ވިކީ ކޯޝަލް ހަމަޖެހިއްޖެކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެފިއެވެ.

އަދި އެއްވެސްގޮތަކަށް ސްކްރީނުން އެކީގައި ފެނިފައިނުވާ މިދެތަރިން މިފިލްމަށް އެއްބަސްކުރުވުމަށް ފިލްމުގެ ޕްރޮޑިއުސަރު ޖެކީ ބަގްނާނީ ދަނީ ދެތަރިންނާއެކު މަޝްވަރާ ކުރަމުންނެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ނިންމާފައިވަނީ މިފިލްމުގެ ދެވަނަ ބައެއް ގެނެސްދޭނީ މުޅީން އާ މޫނުތަކަކާ އެކުގައެވެ.

އެކްޓަރު ވިކީއާއި ބަތަލާ ކްރިތީ ގިނަ ފިލްމުތަކަކުން ފެނިފައިވީ ނަމަވެސް މިދެތަރިން އެކީގައި މިހާތަނަށް އެއްވެސްވަރަކަށް ސްކްރީން ހިއްސާކޮށްފައެއް ނުވެއެވެ.

ފިލްމު "ރެހެނާހޭ ތެރޭ ދިލް މޭން" އެންމެ ފުރަތަމަ ޕްރޮޑިއުސް ކޮށްފައިވަނީ ވަޝޫ ބަގްނަނީއެވެ.

އެހެންނަމަވެސް މިފިލްމުގެ ދެވަނަ ބައި އުފެއްދުމުގެ މަސްއޫލިއްޔަތާ ހަވާލުވެފައިވަނީ ވަޝޫ ބަގްނާނީގެ ދަރިފުޅު ޖެކީ ބަގްނާނީއެވެ.

ފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ކާމިޔާބު ފިލްމު "މޮމް" ގެ ޑައިރެކްޓަރު ރަވީ އުދޭއިވަރްއެވެ. ރަވީ މިވަގުތު އަވަދިނެތި އުޅެނީ މިފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރުމުގެ މަސައްކަތުގައެވެ.

2001 ވަނަ އަހަރު ރިލީޒްކުރި މިފިލްމުގެ މެއިން ލީޑް ކުޅެފައިވަނީ އެކްޓަރު އާރް މާދްވަން އާއި ބަތަލާ ދިއާ މިރްޒާ އަދި އެކްޓަރު ސައިފް އަލީ ޚާންއެވެ.

ރިޕޯޓުތައް ބުނާގޮތުން ކްރިތީއާއި ވިކީ ކޯޝަލްއާއެކު ފިލްމުގެ ދެވަނަ ބައިން ބަތަލާ ދިއާ އަދި އެކްޓަރު އާރް މާދްވަންވެސް ކާއްސަ ފެނިލުމަކުން ފެނިގެންދާނެއެވެ.

މިވަގުތު ބަތަލާ ކްރިތީގެ އިތުރުން އެކްޓަރު ވިކީވެސްދަނީ އެމީހުން ސޮއިކޮށްފައިވާ ފިލްމީ ޕްރޮޖެކްޓްތަކުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

ކްރިތީގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާދަނީ ކުރިއަށް އޮތް ފިލްމު "ބޭޅިޔާ" ގެ މަސައްކަތްތަކުގައި ވަރަށް ބުރަކޮށް ޝޫޓް ކުރަމުންނެވެ.

އޭނާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭގައި އެކްޓަރު ޕްރަބާސްއާއެކު ކުޅޭ ފިލްމު "އާދިޕުރުޝް" އަދި ވަރަށް އަވަހަށް މަސައްކަތް ފަށަން ހަމަޖެހިފައިވާ ފިލްމު "ގަންޕަތު" ފާހަގަކޮށްލެވެއެވެ.

ވިކީ ކޯޝަލްގެ ޝެޑީއުލްއަށް ބަލާއިރު އޭނާ ތައްޔާރުވަމުންދަނީ އޭނާގެ ފުރަތަމަ ސުޕަރ ހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" ގެ ޝޫޓިންގް ފެށުމަށް ތައްޔާރު ވަމުންނެވެ.

އަދި ހަމައެއާއެކު ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމު "މިސްޓަރ ލޭލޭ"ގެ ޝޫޓިންގްވެސް ވަރަށް އަވަހަށް ފެށުމަށްދަނީ ތައްޔާރު ވަމުންނެވެ.