ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ހޯމަ ދުވަހުގެރޭ ޑަ ގްރާންޑޭ އާއި އީގަލްސްގެ ކުރިމަތިލުން އެއްވަރުވިއިރު، މެޗުގައި ޑަ ގްރާންޑޭގެ އުންމީދީ ފޯވާޑް، އަޔާޒް އަހްމަދު (އަޔާ) ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑަށް ގިނަ ބައެއްގެ ތަޢުރީފު ލިބިއްޖެއެވެ.

ފުޓްސަލް އިން ވިދާލި އަޔާގެ މިލަނޑަކީ އީގަލްސްގެ ބިދޭސީ ފޯވާޑް، ކޮރްމިޝިން ވްލަޑިސްލާޗް މެޗުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑާއެކު އެޓީމު މޮޅުވާން ދަނިކޮށް ޑަ ގްރާންޑޭއަށް މެޗު އެއްވަރުކޮށްދީ ޕޮއިންޓެއް ހޯދައިދިން ލަނޑެކެވެ.

އަޔާގެ މިލަނޑަކީ ލީގުގައި މިހާތަނަށް އޭނާ ކާމިޔާބުކޮށްފައިވާ ގޯލްތަކަށް ބަލާއިރު އޭނާގެ ސިގްނޭޗާ ސްޓައިލްގެ ގޯލެއް ކަމަށް މެޗުގެ ކޮމެންޓޭޓަރުވެސް ވަނީ ފާހަގަކޮށްފައެވެ. އަޔާ މިލަނޑު ޖަހާފައިވަނީ އީގަލްސްގެ ދެކުޅުންތެެރިން ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހުގައި އިތުރު ޑިފެންޑަރަކު ހުރަސް އަޅަން މަސައްކަތްކުރަނިކޮށް، ޑީ އޭރިއާގެވެސް ބޭރުން ދުރުދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. އަޔާގެ ހަމަލާ ދިފާއުކުރުމަށް އީގަލްސްގެ ކީޕަރު މަސައްކަތް ވަރަށް ރަނގަޅަށް މަސައްކަތްކުރިނަމަވެސް އަޔާ ބޯޅަ ފޮނުވާލި ބާރުމިނުގެ ސަބަބުން ކީޕަރަށް ބޯޅަ އަތުވާގޮތް ވަނީ ނުވެފައެވެ.

https://www.facebook.com/713946846/videos/10157876599006847/

އަޔާ ވަނީ މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އަޔާ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ފުޓްސަލްގެ އެކި މުބާރާތްތަކުގައި އޭނާ ދައްކަމުންދާ ތަފާތު މޮޅު ކުޅުމުގެ ސަބަބުންނެވެ. އެގޮތުން އޭނާ ކުޅޭ ގިނަ މުބާރާތްތަކެއްގެ ޓޮޕް ސްކޯރާގެ މަގާމާއި، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ގިނަ ފަހަރަށް ހޯދަނީ އަޔާއެވެ. އަޔާ އަކީ މިވަގުތު ރާއްޖޭގައި ފުޓްސަލްގެ "ކިންގް" ގެ ލިސްޓުގައި ހިމެނޭ އުންމީދީ ކެރިއަރެއް އޮތް ޒުވާން ކުޅުންތެރިއެކެވެ.