ފައިޒަރ/ބަޔޯއެންޓެކްގެ ކޮވިޑް ވެކްސިންއަކީ 12 އަހަރާއި 15 އަހަރާ ދެމެދުގެ ފުރާވަރުއުމުގެ ކުދިންނަށް ދިނުމަށް %100 ކާމިޔާބު ވެކްސިނެއް ކަމަށް އެދެ ކުންފުނިން ބުނެފިއެވެ.

އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުގެ 2،000 އަށްވުރެ ގިނަ ކުދިން ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވި ޓެސްޓްތަކާއި، އެންމެފަހު ފޭހުގެ ކްލިނިކަލް ޓްރައިލްސްއަށްފަހު ފައިޒަރ/ބަޔޯއެންޓެކުން ބުދަދުވަހު ބުނެފައިވަނީ، އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިންގެ އެފިކަސީ އުޅެނީ %100 ގައި ކަމަށެވެ.

އެހެންކަމުން، އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް މި ވެކްސިން ދިނުމަށް އިމަޖެންސީ ހުއްދަ ހޯދުމަށް، ކްލިނިކަލް ޓްރައިލްސްގެ ހުރިހާ މައުލޫމާތުތަކެއް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ފައިޒަރ/ބަޔޯއެންޓުން ބުނެފައި ވެއެވެ.

ތިންވަނަ ފޭހުގެ ކްލިނިކަލް ޓްރައިލްސްގެ ނަތީޖާއަށް ރިއާޔަތްކޮށް ފައިޒަރއިން ބުނެފައިވަނީ، ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ މަސްދުވަސް ފަހުން، ކުދިންގެ ހައިގަނޑުގައި އެންޓިބޮޑީ ރެސްޕޮންސް ވަރަށް ބޮޑުތަނުން އިތުރުވެގެންދިޔަ ކަމަށެވެ.

މި އުމުރުފުރާގެ ކުދިންގެ އެންޓިބޮޑީ ރެސްޕޮންސް އިތުރުވެގެންދިޔައީ، އޭގެކުރިން ކުރިއަށްގެންދިޔަ 16 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ ޓްރައިލްސްތަކުން ދެއްކި މިންވަރަށް ވުރެންވެސް މަތިކޮށްކަމަށް ފައިޒަރ ކުންފުނިން ބުނެފައި ވެއެވެ.

އެމެރިކާ އެފްޑީއޭއިން އިމަޖެންސީ ހުއްދަދީގެން އެމެރިކާގައި މިހާރުވެސް ފައިޒަރ ވެކްސިން ޖަހަމުން ގެންދަނީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށެވެ.

ފައިޒަރ/ބަޔޯއެންޓެކުން ބުނެފައިވަނީ، އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން، ކްލިނިކަލް ޓްރައިލްސްގައި ބައެއް ކުދިންގެ ފަރާތުން ފެނުނު ސައިޑް އިފެކްޓް ތަކަކީ، 16 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރު ފުރާގެ ޓްރައިލްސްތަކުންވެސް ފެނުނު ސައިޑް އިފެކްޓްތައް ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އިންޖެކްޝަން ޖަހާ ތަނަށް ތަދުވުމާއި، ވަރުބަލިވުމާއި، ހުން އައުމެވެ.

އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ދެވިދާނެތޯ ބެލުމުގެ ޓެސްޓުތަކުގެ ނަތީޖާ ހާމަކުރިއިރު، ފައިޒަރ/ބަޔޯއެންޓެކުން ވަނީ، އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށްވެސް ވެކްސިން ދެވިދާނެތޯ ބެލުމަށް ޓެސްޓުތައް ފަށާފައެވެ.

އެގޮތުން، މާޗްމަހުގެ 24 ގައި ފުރަތަމަ ގްރޫޕަށް އިންޖެކްޝަން ޖަހާފައި ވާއިރު، ޓެސްޓްތަކުގައި އުމުރުން 12 އަހަރުން ދަށުން ފެށިގެން އުމުރުން އެންމެ 6 މަހުގެ ކުދިންވެސް ބޭނުންކުރާނެ ކަމަށް ފައިޒަރ ކުންފުނިން ބުނެފައި ވެއެވެ.

ފުރަތަމަ ފޭހުގައި 144 ކުދިންނަށް އެކި މިންވަރުގެ މައިކްރޯގްރާމް ހިމެނޭ ވެކްސިން ޑޯޒްތައް ދިނުމަށްފަހު، ފަހުގެ މަރްހަލާގައި 4،500 ކުދިން ބޭނުން ކުރުމަށް ފައިޒަރއިންވަނީ ނިންމާފައެވެ.

ވެކްސިން ޑޯޒްތައް ދިނުމަށްފަހު ބަލާނީ، އޭގެ ރައްކާތެރި މިންވަރާއި، އިމިއުން ރެސްޕޮންސް އުފެދޭ މިންވަރާއި، ކުދިންގެ ހަށިގަނޑު ވެކްސިން ގަބޫލުކުރާ މިންވަރުގެ މައްޗަށް ކަމަށް، ފައިޒަރ ކުންފުނީގެ ތަރުޖަމާނު ޝެރަން ކަސްޓިލޯ ވިދާޅުވެފައި ވެއެވެ.

12 އަހަރުން ދަށުގެ ކުދިން ބޭނުންކޮށްގެން ހަދާ ޓެސްޓްތަކާއި ކްލިނިކަލް ޓްރައިލްސްއަށްފަހު ފައިޒަރ/ބަޔޯއެންޓެކުން އުންމީދުކުރަނީ 2022 ވަނަ އަހަރުގެ ކުރީކޮޅު އެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ދޭން ފެށޭވަރު ވާނޭކަމަށެވެ.