ފީފާ ވޯލްޑް ކަޕް ޔޫރޯ ކޮލިފިކޭޝަންގައި ސްޕެއިން އާއި އިންގްލެންޑް މޮޅުވިއިރު ވަރުގަދަ ޖަރުމަނު، ނޯތު މެސެޑޯނިއާ އަތުން ބަލިވެއްޖެއެވެ.

ގްރޫޕް ބީގައި ހިމެނޭ ސްޕެއިން އަމިއްލަ ގައުމުގައި ކުޅެ ކޮސޯވޯ އަތުން މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި ސްޕެއިން އިން މޮޅު ކުޅުމެއް ދެއްކިއިރު އެގައުމުން ވަނީ ފުރަތަމަ ހާފުގައި ދެލަނޑު ޖަހާފައެވެ. އެގޮތުން ސްޕެއިންގެ ފުރަތަމަ ލަނޑު، 34 ވަނަ މިނެޓުގައި ޑަނިއެލް އޮލްމޯ ކާމިޔާބުކޮށްދީ ލީޑު ނަގައިދިންއިރު، އެގައުމަށް ލީޑު ފުޅާކޮށްދިން ލަނޑު އޭގެ ދެ މިނެޓު ފަހުން ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސެވެ.

މިހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަނަމަވެސް ސްޕެއިންގެ ފަރާތުން ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައިވެއެވެ. ދެވަނަ ހާފު ފެށިގެންވެސް މޮޅަށް ކުޅުނީ ސްޕެއިން އެވެ. އެހެންނަމަވެސް މިހާފުގައި، މެޗުގެ 70 ވަނަ މިނެޓުގައި ބެސަރް ހަލީމީ ކާމިޔާބުކޮށްދިން ލަނޑުން ކޮސޯވޯއިން ވަނީ ފަރަގު ކުޑަކޮށްފައެވެ.

ސްޕެއިންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ އަލުން އެޓީމަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 75 ވަނަ މިނެޓުގައި ޖެރާޑް މޮރޭނޯ އެވެ. މި މޮޅާއެކު ސްޕެއިން އޮތީ ގްރޫޕް ބީގެ އެއްވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ސްވިޑެންނަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ގްރީސަށް ދެ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.

އިންގްލެންޑާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑް އިން ޕޮލެންޑް އަތުން މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ޕޮލެންޑްގެ އެންމެ މުހިންމު ކުޅުންތެރިޔާ، ރޮބާޓް ލެވަންޑޮސްކީ އަނިޔާގައި ހުރުމުގެ ސަބަބުން ފެނިގެންގޮސްފައެއް ނުވެއެވެ.

އަމިއްލަ ޤައުމުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އިންގްލެންޑުންނެވެ. ލިބުނު ޕެނަލްޓީއަކުން މެޗުގެ 19 ވަނަ މިނެޓުގައި މިލަނޑު އެގައުމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ. މިހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަނަމަވެސް ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޕޮލެންޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަކޮށްފައެވެ. މިލަނޑު ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔާކުން މޮޑާ އެވެ.

އިންގްލެންޑަށް މެޗް ކާމިޔާބުކޮށްދިން ލަނޑު، މެޗު ނިމެން ފަސްމިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ހެރީ މެގުއާއެވެ. މި މެޗުން އިންގްލެންޑް މޮޅުވިއިރު، މި ފަހަރުގެ ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް އެ ޤައުމު ވަނީ މޮޅުވެފައެވެ. އެއާއެކު އިންގްލެންޑް އޮތީ ގްރޫޕް އައިގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ހަންގޭރީއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އަލްބޭނިއާއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.

ޖަރުމަނާއި ނޯތު މެސެޑޯނިއާ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ގްރޫޕް ޖޭގައި ހިމެނޭ ޖަރުމަން ބަލިވީ ނޯތު މެސެޑޯނިއާ އަތުން 2-1 ގެ ނަތީޖާއަކުންނެވެ. މިއީ 2001 ވަނަ އަހަރަށްފަހު ވޯލްޑް ކަޕުގެ ކޮލިފައިން މެޗަކުން ޖަރުމަން ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރިން ޖަރުމަނުން ވަނީ ކޮލިފައިންގައި ބަލިނުވެ 35 މެޗު ހަމަކޮށްފައެވެ.

ޖަރުމަނުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ނޯތު މެސެޑޯނިއާއިންނެވެ. އެގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޤައުމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ގޯރަން ޕާންޑޭވެވެ. އެކަމަކު މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިލްކާއި ގުންޑޮގާން ވަނީ ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް މި މެޗުގައި ނޯތު މެސެޑޯނިއާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، އެލްޖިފް އެލްމަސް ކާމިޔާބުކުރި ލަނޑުންނެވެ.

މި މެޗުން ޖަރުމަން ބަލިވިއިރު، އެ ޤައުމު އޮތީ ގްރޫޕް ޖޭގެ ތިންވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ނޯތު މެސެޑޯނިއާއަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވި އާމީނިއާއެވެ. އެގޮތުން އާމީނިއާއަށް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން ކޮލިފައިންގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް ސީގައި ހިމެނޭ އިޓަލީ ވަނީ ރަށުން ބޭރުގައި ލިތުއޭނިއާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ގްރޫޕް ޑީގައި ހިމެނޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް މޮޅުވީ ރަށުން ބޭރުގައި ކުޅުނު މެޗުން ބޮސްނިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.