100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހދ. މަކުނުދޫ ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނި، ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތް މަކުނުދޫއިން ބައްލައިގަންނަ ފުރަތަމަ 20 ފަރާތައް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބޭނެކަމަށެވެ.

މި ޚިދުމަތާއި ގުޅޭގޮތުން އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ، ފުރިހަމަ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރެވޭނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފެންވަރު ރަނގަޅު ކޮލިޓީ އިންޓަނެޓެއް ފޯރުކޮށްދެވިގެންކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާކަމަށް ނިޔާޒު ވިދާޅުވިއެވެ.

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއެކު ބޮޑެތި ޑޭޓާ އެލަވަންސް ހެޔޮ އަގުގައި މިހާރު މަކުނުދޫގެ ރައްޔިތުންނަށް ލިބި އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެކަން ފާހަގަކުރައްވާ ނިޔާޒު ވިދާޅުވީ، އުރީދޫގެ މަގުސަދަކީ ރާއްޖޭގެ މުޖުތަމައުތައް ގުޅުވާލަދީ އިތުރު ފުރުސަތުތަކާއެކު އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުން ފަހިކޮށްދިނުންކަމަށެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.

މިބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު 68 އިންސައްތައާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބޭނެކަމަށެވެ. އެގޮތުން މަކުނުދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބޭނެއެވެ.