ހއ.ދިއްދޫގައި ޕޯސްޓް އޮފީހެއް ހުޅުވައިފިއެވެ.

މޯލްޑިވްސް ޕޯސްޓުން ބުނީ، ދިއްދޫގައި ޕޯސްޓު އޮފީހެއް ހުޅުވީ، އެ އޮފީހުގެ ވިއުގަ ފުޅާކޮށް ޚިދުމަތްތައް ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުންކަމަށެވެ.

މިޕޯސްޓް އޮފީސް ރަސްމީކޮށް ހުޅުވައި ދެއްވާފައިވަނީ، ދިއްދޫގައި ރޭ ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަފީޤް މުހައްމަދާއި އެކުންފުނީގެ ޗެއާމަން މުހައްމަދު އަބްދުﷲވެސް ބައިވެރިވެވަޑައިގަތެވެ.

ޕޯސްޓްގެ އީ-ޓުކުރި ޕްލެޓް ފޯރމްގެ ތެރެއިންނާއި، މިފަދަ އިންޓަރނޭޝަނަލް ޕްލެޓްފޯރމްތަކުގެ ތެރެއިން ހިގާ ވިޔަފާރި މުއާމަލާތްތަކުގެ ސަބަބުން ރާއްޖޭގެ ޕޯސްޓުގެ ނިޒާމުގެ ތެރެއަށް ވަންނަ މޭލުގެ ގާތްގަޑަކަށް 50 އިންސައްތައަކީ އަތޮޅުތެރެއަށް އެޑްރެސްކުރެވިފައިވާ މޭލުކަން ފާހަގަކުރެވޭކަމަށް މޯލްޑިވްސް ޕޯސްޓްއިން ބުނެއެވެ.

7 އަތޮޅެއް ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ވެރިކަންކުރާ ރަށެއްގައި ޕޯސްޓު އޮފީސް ޤާއިމްކޮށްފައިވާއިރު، މިއަތޮޅުތަކުގައިވެސް ކުރިއަށް އޮތްތަނުގައި ޕޯސްޓު އޮފީސްތައް ގާއިމްކުރުމަށް ޕްލޭން ކޮށްފައިވާކަމަށް އެކުންފުނިން ބުނެއެވެ.

މޯލްޑިވްސް ޕޯސްޓުން އަންނަނީ އެންމެފަހުގެ ޒަމާނީ ޕޯސްޓްގެ ޚިދުމަތްތައް ވެސް ރާއްޖޭގައި ތައާރުފްކޮށް، ފޯރުކޮށް ދެމުންނެވެ.