މި ސީޒަން ނިމުމުން ޕްރިމިއަރ ލީގުގެ ގަދަބާރު، މެންޗަސްޓަރ ސިޓީ ދޫކޮށްލާނެކަން އެކުލަބުގެ އަދި ދުނިޔޭގެވެސް އެންމެ އިތުބާރު އެއް ފޯވާޑް، ސާޖިއޯ އަގުއެރޯ ހާމަކުރުމާއެކު، އެކުލަބުން އަގުއެރޯގެ ބަދަލުގައި އިތުރު ފޯވާޑަކު ހޯދަން ކުރާ މަސައްކަތުގެ ތެރެއިން، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަށް ކުޅެމުން އަންނަ ޒުވާން އުންމީދީ ފޯވާޑް، އާލިންގ ބްރައުޓް ހާލަންޑް އާއި ޓޮޓެންހަމް އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ހެރީ ކޭން ހޯދަން މަސައްކަތްކުރަމުން އަންނަކަމަށް ރިޕޯޓްްތައް ބުނެފިއެވެ.

އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން ކޭންއަށް ސިޓީން ހުށަހެޅުމެއް ހުށަހަޅާނީ ހާލަންޑް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަސް އެއްވެސް ކުރިއެރުމެއް ނުލިބިއްޖެނަމައެވެ.

އެގޮތުން ސިޓީން ހާލަންޑް އަށް ހުށަހަޅާ ކޮންޓްރެކްޓުގައި ހަފްތާއަކު 7 ލައްކަ ޔޫރޯ އޭނާއަށް ދޭއިރު އޭގެ އިތުރުން ފަސް އަހަރަށް ބަހާލައިގެން 170 މިލިއަން ޔޫރޯ ބޯނަސްގެ ގޮތުގައި ދޭން ނިންމާފައިވާކަމަށްވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މީގެއިތުރުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ޑޯޓްމުންޑުން ހާލަންޑް ވިއްކާނީ 180 މިލިޔަން ޔޫރޯއަށް ކަމަށް އެކުލަބުން ހާމަކޮށްފައިވާއިރު، ސިޓީން ހާލަންޑް ގެންނަން ބޭނުންވާނަމަ ޖުމްލަ 350،700،000 (ތިން ސަތޭކަ ފަންސާސް މިލިއަން ހަތް ލައްކަ) ޔޫރޯ ހަރަދުކުރަން ޖެހޭނެއެވެ.

ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ހާލަންޑް ގަތުމަށް މަސައްކަތްކުރަމުން އަންނައިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާރްބީ ސާލްޒްބާގް ދޫކޮށް އުމުރުން 20 އަހަރުގެ ހާލަންޑް ޑޯޓްމުންޑަށް ބަދަލުވީ ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުން، 20 މިލިޔަން ޔޫރޯއަށެވެ. އެހެންކަމުން ހާލަންޑުގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ފޮޓޯ:- ގެޓީ އިމޭޖަސް

ސިޓީއިން ހާލަންޑް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ހާލަންޑްގެ ބައްޕަ އަލްފް އިންޖް ހާލަންޑް ވެސްވަނީ ސިޓީއަށް ތިން އަހަރު ކުޅެފައެވެ. ސިޓީގެ އިތުރުން ހާލަންޑަށް ފާރަލާ ކުލަބުތަކުގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލާއި، މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީވެސް ހިމެނެއެވެ. އަދި އޭނާއަށް ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑުންވެސް އަންނަނީ ފާރަލަމުންނެވެ.

ޓްރާންސްފާ ބާޒާރުގައި ހާލަންޑުގެ އަގު ބޮޑުވެފައިވާއިރު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނީ މުސްތަގުބަލުގައި ހާލަންޑަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން އޭނާއަށް ހުރިހާ ކުލަބަކުންވެސް ފާރަލަމުން އަންނަ ކަމަށެވެ. އެކަމަކު މި ދަނޑިވަޅުގައި ހާލަންޑް ގަތުމުގެ ފެންވަރު ހުރީ 10 ކުލަބެއްގައި ކަމަށާއި، އޭގެ ތެރެއިން ހަތަރު ކުލަބަކީ ޕްރިމިއާ ލީގުގެ ކުލަބުތައް ކަމަށްވެސް ރައިއޯލާ ވަނީ ބުނެފައެވެ.

ވަނީ މިހާތަނަށް ޑޯޓްމުންޑަށް ކުޅެދިން 49 މެޗުގައި 49 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އިޓަލީގެ ކުޅިވަރު ނޫސް "ތުއްތޮސްޕޯޓް" އިން ހޮވާ ޔޫރަޕިއަން ގޯލްޑަން ބޯއި އެވޯޑް، މިދިޔަ އަހަރު ހޯދާފައެވެ.

ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަށް ހާލަންޑްގެ ކުޅުން ގާތުން ބަލާލުމުގެ ފުރުސަތަު މިފެށުނު އޭޕްރިލް މަހުގެ ހަތްވަނަ ދުވަހު ލިބިގެންދާނެއެވެ. އެއީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިމަހުގެ ހަތްވަނަ ދުވަހު ބޮރޫޝިއާ ޑޯޓްމަންޑާއި މެންޗަސްޓަރ ސިޓީ ކުޅޭނެތީއެވެ.