ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯގެ ކޮންމެ ހަރަކާތަކީވެސް މީޑިއާގެ އިތުރުން އާންމުންގެ މެދުގައިވެސް ބޮޑު ޝައުގުވެރިކަމެއް ހޯދާ ކަމެކެވެ.

އަދި ރޮނާލްޑޯގެ އިތުރުން މިފަދަ އެހެން ޝަހުސިއްޔަތުތަކުން ބޭނުންކުރާ ތަކެއްޗަކީ، މިފަދަ ފަރާތްތަކުގެ ސަޕޯޓަރުން އިންތިހާއަށް ބޭނުންވާ ތަކެއްޗައްވުންމީ، މިފަދަ ތަކެތި، އަގުބޮޑުކޮށް އެކި ފަރާތްތަކުން ވިއްކާ ތަކެތިކަންމީ ބަޔަކު ހައިރާންކުރަނިވި ކަމަކަށް ނުވާނެއެވެ. މިކަން އެންމެ ބޮޑަށް ހާމަވާ އެއްކަމަކީ މެންޗަސްޓަރ ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗް، ސަރ އެލެކްސް ފާގަސަން ކެއުމަށްފަހު އެއްލާލި ޗުވިންގަމެއް ނީލަމުގައި އަގުބޮޑުކޮށް ވިއްކާލުމެވެ. ގިނަ ފަރާތް ތަކަކުން މި ޗުވިންގް ގަމް ގަތުމަށް ބިޑުކުރިއިރު މީތި ވިއްކާލީ 390،000 ޕައުންޑަށެވެ.

ނީލަމަށް ލާފައިވާ ފާގަސަން އެއްލާލި ޗުވިންގަމް- ފޮޓޯ:- ބީބީސީ

އެހެންނަމަވެސް މިފަހަރު މިއޮތީ، ޗުވިންގަމަކަށްވުރެ އަގުހުރި އެއްޗެއްގެ ވާހަކައެވެ. ވޯލްޑް ކަޕް ޔޫރޯ ކޮލިފިކޭޝަންގައި ސާބިއާ އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް މެޗުގެ ފަހުކޮޅު ރޮނާލްޑޯ ކާމިޔާބުކުރި ލަނޑު ރެފްރީ ބަލައިނުގަތުމުން އެކަމާ އައި ރުޅީގައި ރޮނާލްޑޯ އޭނާގެ އަތުގައި އަޅާފައި އޮތް ކެޕްޓަން ބޭންޑް އެއްލާލުންވީ، ބައެއް ފަރާތްތަކުން ރޮނާލްޑޯގެ މި ޢަމަލަށް މަލާމަތްކުރި ކަމަކަށެވެ.

އައިއްސަ ހުރި ރުޅީގައި ރޮނާލްޑޯ މި ބޭންޑް އެއްލާލީ ގައުމީ ޓީމަށް ކާމިޔާބީހޯދަދޭން އޭނާ ކުރި މަސައްކަތަކަށް ރެފްރީ ހުރަސްއެޅުމުން ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ރޮނާލްޑޯގެ ރުޅިގަނޑު ބޭލި މި ކެޕްޓަން ބޭންޑް އެންމެފަހުން މިވީ، އެހީއަކަށް ބޭނުންވެފައިވާ ބަލި ކުއްޖެއްގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް މެދުވެރިވި ވަސީލަތަކަށެވެ.

ސާބިއާގެ އުމުރުން އެންމެ ހަމަހުގެ ގެވްރިލް ޖާޖެވިޗް ނަމަކަށް ކިޔާ މި ކުއްޖާއަކީ މައިބަދައިގެ ސާޖަރީއަކަށް ފައިސާ ހޯދަމުންދާ ކުއްޖެކެވެ. ރޮނާލްޑޯގެ މި ކެޕްޓަން ބޭންޑް ހޮވާފައިވަނީ މެޗަށްފަހު ސްޓޭޑިއަމުގައި ހަރަކާތްތެރިވި ސްޓާފެކެވެ. އޭނާ ވަނީ ޖާޖެވިޗްގެ ފަރުވާއަށް ފައިސާ ހޯދުމަށް އެހީތެރިވުމަށްޓަކައި މި ބޭންޑް، "ޓުގެދަރ ފޯ ލައިފް އެންޑް ބޭބީ ގެވްރިލް" ކިޔާ ޗެރިޓީއަކަށް މި ބޭންޑް ހަދިޔާ ކޮށްފައެވެ. އަދި މި ބޭންޑް ނީލަމުގައި ވިއްކާލަން ލާފައިވަނީ މި ޗެރިޓީގެ ފަރާތުންނެވެ.

މިފަހަރު ރޮނާލްޑޯ އަށް "އޮޅުމަކުން" އެހީއަށް ބޭނުންވެފައިވާ ފަރާތަކަށް އެހީގެ އަތެއް ފޯރުކޮށްދެވުނަސް އޭނާއަކީ އާންމު ގޮތެއްގައި މިފަދަ ފަރާތްތަކަށް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ރޮނާލްޑޯ ވަނީ 2011 ވަނަ އަހަރު ހޯދި، އޭނާގެ ޔޫރަޕިއަން ގޯލްޑަން ބޫޓުވެސް ނީލަމުގައި ވިއްކާލާ، ޣައްޒާގައި ސްކޫލްތަކެއް އެޅުމަށް ބޭނުންވާ ފައިސާ ހޯދާދީފައެވެ. މީގެއިތުރުން ޕެންޑެމިކް ތެރޭގައި ކޮވިޑް އާއި ދެކޮޅަށް ޕޯޗުގަލް ސަރުކާރުންކުރާ ހަނގުރާމައިގައި އެހީވުމަށްވެސް އޭނާ ވަނީ މާލީގޮތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.